މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިޚްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް ،އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

c

                                       

މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ 

        މާޅެންދޫ - ދިވެހިރާއްޖެ

ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލްކުރާނެ ގޮތުގެ އުޞޫލު

 

  1. 1.                ތަޢާރަފް

        މިއީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތައް (މި އުޞޫލުގެ ދަށުން އިސްތިސްނާވާ ބިންތައް ފިޔަވައި އެހެނިހެން ބިންތައް) އެކިއެކި ބޭނުންތަކަށް އާންމު ފަރާތްތަކަށް ކުއްޔަށް ދިނުމުގައި އަމަލްކުރާނެ ގޮތާއި ބިން ބޭނުންކުރުމުގައި ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އަމަލްކުރަންޖެހޭގޮތާއި ބިމާގުޅޭގޮތުން ކުރެވޭ އެންމެހައި މުޢާމަލާތްތައް ކުރުމުގައި އަމަލްކުރާނެގޮތް ބަޔާންކޮށް މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލެވެ. މި ޢުޞޫލަށް ކިޔާނީ "ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލްކުރާނޭ ގޮތުގެ އުސޫލު"އެވެ. މިޢުސޫލް ކަނޑައަޅާފައި މިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. މި ޢުސޫލަށް ޢަމަލްކުރަން ފަށާނީ މި ޢުސޫލު ކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރުމުންނެވެ.

2. މަޤްސަދު:

2.1 ބިން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރާ އެންމެހައި ކަންކަން ދެފުށްފެންނަ، އެންމެންނަށްވެސް ހަމަހަމައުސޫލެއްގެދަށުން، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަކަށް ކުރިއަށް ގެންދިއުން.

2.2  ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތައް ކުއްޔަށް ދިނުމުގައި ކައުންސިލުން އަމަލުކުރާ ގޮތުގެ ފުރިހަމަ މަޢުލޫމާތު ރަށްޔިތުންނަށް ފޯރުކޮށްދިނުން.

2.3 ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތައް ކުއްޔަށް ދިނުމުގައި ދިމާވާ އެންމެހައި ކަންކަން ހައްލުކުރުމާއި މައްސަލަތައް ކުޑަކުރުން.

2.4 ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތަކުގެ ތެރެއިން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ޤަވާއިދުން ލިބޭނެ މަގު ފަހިކުރުން.

2.5 ރަށުގެ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތަށް ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެހައި ބިންތައް ކުއްޔަށް ދިނުމާއި ބޭނުން ކުރުމުގައި ޢަމަލުކުރުމަށް ބާރުއެޅުން.

 

3. ކުއްޔަށް ދޫކުރެވޭނެ ބިންތައް:

 3.1 މި އުޞޫލުގެ ދަށުން ކުއްޔަށްދޫކުރާނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން، ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަކެކެވެ. އެގޮތުން:

3.1.1 އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތްތަކަށް ދޫކުރެވޭބިން (ވަގުތީ).

3.1.2 ފައިބަރުގެ ބާވަތްތައް އަދި ކެމިކަލް ރައްކާކުރުމަށް ދޫކުރެވޭ ބިން.

3.1.3 ފައިބަރުގެ ބާވަތްތައް އަދި ކެމިކަލް ފިޔަވައި އެހެނިހެން މުދާ ރައްކާކުރުމަށް ދޫކުރެވޭބިން.

3.1.4 އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތްތަކަށް ފިޔަވައި އެހެނިހެން ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ބިން.

3.1.5 ގަރާޖު ހެދުމަށް ދޫކުރެވޭ ބިން.

3.1.6 ކެފޭ / ހޮޓާ / ރެސްޓައުރެންޓް އަދި ގާޑިޔާ ހިންގުމަށް ދޫކުރެވޭ ބިން.

3.1.7 ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވޭ ބިން.

3.1.8 އެކިއެކި ވިޔަފާރި ބޭނުންތަކަށް ދޫކުރެވޭ ބިން.

4. މި އުޞޫލުގައި އިސްތިސްނާވާ ބިންތައް:

4.1 މި އުޞޫލުގެ ދަށުން ކުއްޔަށްދޫކުރުމުގައި އިސްތިސްނާވާ ބިންތައް ތިރީގައި މިވަނީއެވެ.

4.1.1 ޓޫރިޒަމް ޒޯންގެ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދުގައި ހުންނަ ބިންތައް.

4.1.2 ޓޫރިސްޓް ހޮޓާ / ގެސްޓްހައުސް ފަދަ ތަންތަން އެޅުމަށް ދޫކުރެވޭ ބިން.

4.1.3 ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތަކަށާއި ބޭނުންތަކަށް ދޫކުރެވޭ ބިންތައް.

 

5. ބިން ކުއްޔަށް ދޫކުރާ ފަރާތް:

5.1 މި އުސޫލުގައިވާ ގޮތުގެމަތިން ބިން ކުއްޔަށްދިނުމުގެ އެންމެހައި ކަންކަން ރާވައި ހިންގާނީ ބިމުގެ ވެރިފަރާތްކަމުގައިވާ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުންނެވެ.

6. ބިން ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިޢުލާން ކުރުމާއި ބިޑް ބަލައިގަތުން:

     މި އުސޫލުގައިވާ ގޮތުގެމަތިން ބިން ކުއްޔަށްދޫކުރުމަށްޓަކައި، ބިން ނުވަތަ ބިންތަކާއި، ބިން ދޫކުރާ ބޭނުން އެނގޭނެހެން މާޅެންދޫ ކައުންސިލުގެ އިދާރާއިން އާންމުކޮށް އަންގާ ޢިއުލާން ކުރަންވާނެއެވެ. އެގޮތުގެމަތީން ކުރެވޭ އެންމެހައި ޢިއުލާންތައް ތިރީގައިމިވާ މީޑިއަމްތަކުގައި ރައްޔިތުންނަށް ފެންނާނެހެން ޝާއިޢު ކުރަންވާނެއެވެ.

6.1.1 މާޅެންދޫ ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑް.

6.1.2 ދިވެހިރާއްޖޭގެ ގެޒެޓް.

6.1.3 މާޅެންދޫ ކައުންސިލުގެ އިދާރާގެ ވެބްސައިޓް ނުވަތަ ފޭސްބުކް ޕޭޖް.

6.2   މި އުސޫލުގައިވާ ގޮތުގެމަތިން ބިން ކުއްޔަށްދޫކުރުމަށްޓަކައި ކުރެވޭ އިޢުލާންގައި މަޢުލޫމާތު ސާފުކުރުމަށް 7 ދުވަސް (އިއުލާނުކުރާ ތާރީޙް ނުހިމަނާ) އަދި ބިޑް ހުށާހެޅުމަށް 7 ދުވަސް (މައުލޫމާތު ސާފުކުރާ ދުވަސް ނުހިމަނާ) ދޭންވާނެއެވެ.

6.3 މި އުސޫލުގެ ދަށުން ބިން ދޫކުރާއިރު އެބިމަކީ ވަރަށް އަވަހަށް ދޫކުރަންޖެހޭ ބިމެއް(އާޖެންޓް ބިމެއް) ކަމުގައި ކަނޑައަޅައި ފާސްކޮށްފައިވާނަމަ އެބިމެއް ދޫކުރަން ކުރެވޭ އިޢުލާނުގައި މައުލޫމާތު ސާފުކުރުމަށް 3 ދުވަސް (އިޢުލާނުކުރާ ތާރީޙް ނުހިމަނާ) އަދި ބިޑް ހުށަހެޅުމަށް 4 ދުވަސް (މައުލޫމާތު ސާފުކުރާ ދުވަސް ނުހިމަނައި) ހިމެނިދާނެއެވެ.

6.4 ކުރުމުއްދަތުގެ ވަކި ޙާއްސަ މަސައްކަތެއް ކުރުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ލިޔެކިއުންތަކާއެކު ޕްރްޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކަށް ބިޑް  ކުރުމަކާއިނުލާ ބިން ދޫކުރުމަށް، ރަށުގެ އޭރުގެ ހާލަތަށް ބަލައި ކައުންސިލުން ނިންމައިފިނަމަ އެބިމެއް ދޫކުރުމަށް މި އުސޫލު  ހުރަހެއް ނާޅައެވެ. އަދި އެފަދަ ބިމެއް ދޫކުރުމުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

6.4.1 އެ ބިން ދޫކުރެވޭ މުއްދަތު 01(އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތެއްކަމުގައިވުން.

6.4.2 އެ ބިމުގައި އިންފްރާސްޓާރަކްޗަރގެ އެއްވެސް މަސައްކަތެއް ކައުންސިލުގެ ހުއްދައާއި ނުލައި ނުކުރުން.

6.4.3 އެބިމުގައިކުރާ މަސައްކަތަކީ ކުރުމުއްދަތުގެ ވަގުތީ މަސައްކަތަކަށްވުން.

6.4.4 ބިން ދޫކުރުމަށް އެދިފައިވާ ސަރަހައްދަކީ ކައުންސިލުން އެފަދަ ބިމެއް ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށްވުން.

6.4.5 އެ ބިމަކީ 2000(ދެހާސް) އަކަފޫޓަށްވުރެ ބޮޑު ބިމެއްކަމުގައި ނުވުން.

6.4.6 އެބިމެއް ދޫކުރުމަށް ބޭނުންވާ އެންމެއި މައުލޫމާތުތަކާއެކު ބިން ބޭނުންވާ ފަރާތުގެ ޕްރޮޕޯސަލް ހުށަހެޅިފައިވުން.

6.4.7 ބިންދޫކުރެވޭ މުއްދަތުގެ އިތުރުން އިތުރު އެއްވެސް މުއްދަތެއް އިތުރުކޮށް ނުދެވުން.

6.4.8 ބިން ދޫކުރެވޭ ދުވަހުން ފެށިގެން ބިމުގެ ކުލި ހިނގަންފެށުމާއި ޤަވާއިދުން ކުލިދެއްކުން. އަދި ޤަވާއިދުން ކުލި ނުދައްކާ 2(ދޭއް) މަސްދުވަސް ވުމުން އެއްވެސް އިތުރު ނޯޓިސްއަކާއިނުލައި ބިމުގެ އެއްބަސްވުން ބާތިލުވެ ބިން ދޫކުރެވިފައިވާ ފަރާތުގެ އަތުން ބިން ނެގިގެން ދިއުން.

6.4.9 ބިން ދޫކުރެވޭ ފަރާތަކީ ނުވަތަ އެފަރާތުގެ މަސްއޫލުވެރިކަމުގެ ދަށުގައިވާ އެއްވެސް ވިޔަފާރިއަކުން ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ޖޫރިމަނާއެއް ދައްކަން ޖެހިފައިވާ ފަރާތެއްކަމުގައި ނުވުން.

6.4.10 ކުރިން ބިމެއް ކުއްޔަށް ނަގާފައިވާ ފަރާތެއްނަމަ ޤަވާއިދުން ބިމުކުލި ދައްކާފައިވާ އަދި ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

6.4.11 ފާއިތުވެދިޔަ 3(ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ސާބިތު ދަރަނީގެ މައްސަލައެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

  • މި މާއްދާގައި މިގޮތައް  ބަޔާންކުރެވިފައި ވީނަމަވެސް އެފަދަ ބިމެއް ދޫކުރެވޭނީ އެއިރެއްގެ ހާލަތަށް ބަލައި ކައުންސިލުން އެބިމެއް ދޫކުރުމަށް ނިންމައިފިނަމައެވެ.

6.5 މި އުސޫލުގެ ދަށުން ބިން ދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ 1(އެކެއް) ފަރާތުގެ ބިޑް ހުށަހަޅާފައިވާނަމަވެސް އިޢުލާން ބާތިލްނުކޮށް /އަލުން އިޢުލާން ކުރުމަކާނުލާ ބިޑް އިވެލުއޭޓް ކުރުމަށްފަހު ބިޑް ކޮމެޓީގެ ނިންމުމާއިއެކު އެފަރާތަކަށް ބިން ދުކުރެވިދާނެއެވެ.

6.6 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބިޑްގެ ނަން ޖަހާފައި އޮންނަންވާނެއެވެ.

6.7 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފްކުރައްވަން ހަމަޖެހިފައިވާ ގަޑި(ސުންގަޑި) ހަމަވުމަށްފަހު އެއްވެސް އިތުރުފަރާތަކަށް މައުލޫމާތުދިނުމުގެ ބައްދަލްވުމުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

6.8  މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފްކުރައްވަން ވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް މައުލޫމާތު ކަރުދާހުގެ ކޮޕީއެއްދޭންވާނެއެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ފަރާތްރަކުގެ ހާޟިރީ ޝީޓްގައި ހުރިހައި ފަރާތްތަކުން ސޮއިކުރުމަށްފަހު ކޮންމެ ފަރާތަކަށްވެސް ހާޒިރީގެ ކޮޕީއެއްދޭންވާނެއެވެ.

6.9 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް ކެޑުން ބާއްވަންވާނީ އިޢުލާނާއި މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ތާރީޙާއި ގަޑީގައެވެ. އަދި ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން ބަދަލްވެފައިވާނަމަ އެކަން މަދުވެގެން 48(ސާޅީސް އަށެއް)ގަޑިއިރު ކުރިން މައުލޫމާތު ސާފްކޮށްފައިވާ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެފަރާތްތަކަށް އެންގުނުކަން ކަށަވަރުކުރަންވާނެއެވެ.

6.10 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް ކަނޑައި ބަލަންވާނީ މާޅެންދޫ ކައުންސިލުން ކަނޑައަޅާފައިވާ ބިޑް ކޮމެޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 2 މެންބަރުންގެ ހާޟިރުގައެވެ.

6.11 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް ކަނޑައި ބެލުމަށްފަހު ބިޑްގެ މަޢުލޫމާތު ފުރިހަމަކުރާ ޝީޓް ފުރިހަމަކުރުމަށްފަހު  ބިޑްހުށަހަޅަން ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ދެންނެވުނު ޝީޓްގެ ކޮޕީއެއްދޭންވާނެއެވެ.

6.12 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާއިރު މައުލޫމާތު ސާފްކުރި ފަރާތުގެ ބަދަލްގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ.

6.13 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް ކަނޑައި ބެލުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ މައުލޫމާތު ފުރިހަމަނުވާ ބިޑްތައް ބާތިލްކޮށް އެފަރާތްތަކަށް އަންގަންވާނެއެވެ.

6.14 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު ކުރެވޭ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ބިޑް ކަނޑުމަށާއި ބިޑް އިވެލުއޭޓްކޮށް ބިޑާއިގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ތިރީގައި މިވާ ދާއިރާތަކުގެ މައްޗަށް އެކުލެވޭ ބިޑް ކޮމެޓީއެއް ކައުންސިލުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

6.14.1 ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓީވް (ކޮމެޓީގެ ޗެއާރޕާސަން).

6.14.2 ކައުންސިލް އިދާރާގެ އިކޮނޮމިކް، ސޯޝިއަލް މުނިސިޕަލް ސަރވިސް ސެކްޝަނުން 02 މުވައްޒަފުން.

6.14.3  މާޅެންދޫގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުން 02 މެންބަރުން.

6.15 މި އުސޫލުގެ ދަށުން ބިންދޫކުރާއިރު، ބިންދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވި ފަރާތްތަކާއި ބިޑް ހުށަހެޅުއްވި ފަރާތްތައް އަދި ބިޑް ކާމިޔާބު ކުރި ފަރާތުގެ މައުލޫމާތު ހިމެނޭ "ބިޑް އިވެލުއޭޝަން ޝީޓް" ހުށައެޅުމަށްޓަކައި ބިޑް ކޮމެޓީގެ މެންބަރުންގެ ސޮޔާއިއެކު ކައުންސިލުގެ ފަރާތުން މަދުވެގެން  3 (ތިނެއް) ދުވަހުގެ މުއްދަތަކަށް އާންމުކޮށް އިޢުލާން ކުރަންވާނެއެވެ. އަދި ބިމުގެ އެއްބަސްވުމުގައި ބިން ދޫކުރި ފަރާތާއި ބިން ކުއްޔަށްނެގި ފަރާތުން ސޮއިކުރަންވާނީ އާންމުކޮށް އިޢުލާންކުރުމާއިއެކު އެބިޑަކާއި ގުޅޭގޮތުން ހުށަހެޅިފައިވާ އެންމެހައި ޝަކުވާތައް ބެލުމަށްފަހުގައެވެ.

6.16 މި އުސޫލުގެ ދަށުން ދޫކުރެވޭ އެންމެހައި ބިންތައް، ބިން ދޫކުރެވިފައިވާ ފަރާތާއި ބިމުގެ ބޮޑުމިން އަދި ބިން ދޫކުރެވިފައިވާ މުއްދަތު، ބިން ދޫކުރެވޭ ދުވަހުން ފެށިގެން 72(ހަތްދިހަ ދެގަޑިއިރު)ގެ ތެރޭގައި ކައުންސިލުގެ ފަރާތުން އާންމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ.

7. ބާތިލު ބިޑްތަކާއި އެފަދަ ބިޑްތަކާއި މެދު ޢަމަލުކުރާނެގޮތް:

7.1 މި އުސޫލްގައިވާ ގޮތުގެމަތިން ބިން ކުއްޔަށް ދޫކުރުމަށްޓަކައި ކޮށްފައިވާ އިޢުލާންގެ ދަށުން ހުށަހެޅިފައިވާ ބިޑްތައް ބަލައިގަންނައިރު ތިރީގައިމިވާ ބިޑްތައް ބަލައިނުގަނެ ބާތިލްކުރެވޭނެއެވެ.

7.1.1 މައުލޫމާތު ފުރިހަމަނުވާ ބިޑްތައް.

7.1.2 މައުލޫމާތު ސާފްކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅާނަމަ އެކަން ބަޔާންކޮށް މައުލޫމާތު ސާފްކޮށްފައިވާ ފަރާތުން ސިޓީ / ލިޔުން ހުށަހަޅާފައިނުވާ ފަރާތްތަކުގެ ބިޑް.

7.2 މި އުސޫލްގައިވާ ގޮތުގެމަތިން ބިން ކުއްޔަށް ދޫކުރުމަށްޓަކައި ކޮށްފައިވާ އިޢުލާންގެ ދަށުން ހުށައެޅޭ އެއްވެސް ބިޑެއް ބާތިލްވެއްޖެނަމަ އެކަން ބިޑް ހުށައަޅަން ވަޑައިގެންނެވި ފަރާތަށާއި ބިޑްގެ މައުލޫމާތު ސާފުކުރަން ވަޑައިގެންނެވި ފަރާތަށް 24(ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

 

 

8. ބިން ކުއްޔަށްދޭ މުއްދަތު:

8.1 މި އުސޫލުގެ ދަށުން ކުއްޔަށްދޫކުރެވޭ އެންމެހާ ބިންތައް ކުއްޔަށް ދޫކުރަންވާނީ ތިރީގައި ބަޔާންކުރެވިފައި މުއްދަތުތަކަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

#

ބިން ދޫކުރެވޭ ބޭނުން

ކުއްޔަށްދޫކުރެވޭ އެންމެ ދިގު މުއްދަތު

1

އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތްތަކަށް ދޫކުރެވޭ ވަގުތީ ބިން

2 އަހަރު

2

ފައިބަރުގެ ބާވަތް އަދި ކެމިކަލް ރައްކާކުރުމަށް ދޫކުރެވޭ ބިން

20 އަހަރު

3

ފައިބަރުގެ ބާވަތްތަކާއި އަދި ކެމިކަލް ފިޔަވައި އެހެނިހެންމުދާ ރައްކާކުރުމަށް ދޫކުރެވޭ ބިން

20 އަހަރު

4

އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތް ފިޔަވައި އެހެނިހެން ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ބިން

20 އަހަރު

5

ގަރާޖު ހެދުމަށް ދޫކުރެވޭ ބިން

20 އަހަރު

6

ކެފޭ / ހޮޓާ / ރެސްޓޯރެންޓް އަދި ގާޑިޔާ ހިންގުމަށް ދޫކުރެވޭ ބިން.

20 އަހަރު

7

ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވޭ ބިން.

25 އަހަރު

8

އެކި އެކި ވިޔަފާރިތަކަށް ދުކުރެވޭ ބިން

20 އަހަރު

 

8.2 މަތީގައި ބަޔާންކުރެވިފައިވާ ބިންތަކުގެ އިތުރުން، 05 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ، ރަށުގެ ލޭންޔޫސް ޕޮލޭންގައި ހުސްކުރުމަށް ކަނށައަޅާފައިވާ ސަރަހައްދުތަކުގައި ހިމެނޭ، ސިނާއީ މަސައްކަތްތައް ކުރަމުންގެންދާ ކުލި ބިންތަކުގެ ތެރެއިން، ހުސްކުރުމަށް ކަނޑައެޅިފައިވާ ބިންތައް ހުސްކުރުމަށް، ބިން ކުއްޔަށްހިފި ފަރާތުން، އެދިއްޖެނަމަ ޤާނޫނާއި ޤާވާއިދުތަކާއި، އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން، ބިން ހުސްކުރުމަށް މުއްދަތެއް ދެވިދާނެއެވެ. މި މާއްދާއަށް ޢަމަލްކުރާނީ، އަދި ބަދަލްގެނެވޭނީ އެއިރެއްގައި ފާސްކުރެވޭ ލޭންޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން، ކައުންސިލުން ނިންމާ ނިންމުންތަކާއި އެއްގޮތަށެވެ.

9. ކުއްޔަށްދެވޭ ބިމުގެ ކުއްޔާއި ކުލި އަދި ޖޫރިމަނާގެ ފައިސާ ހޯދުން:

9.1 މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ އެންމެހައި ބިންތައް ކުއްޔަށް ދޫކުރަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ އަގަށްވުރެ ކުޑަނޫން އަގެއްގައެވެ.

 

#

ބިން ދޫކުރެވޭ ބޭނުން

ކުއްޔަށްދޫކުރެވޭ އެންމެ ކުޑައަގު / އަކަފޫޓަކަށް

1

އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތްތަކަށް ދޫކުރެވޭ ވަގުތީ ބިން

0.60 ލާރި

2

ފައިބަރުގެ ބާވަތް އަދި ކެމިކަލް ރައްކާކުރުމަށް ދޫކުރެވޭ ބިން.

0.60 ލާރި

3

ފައިބަރުގެ ބާވަތްތަކާއި އަދި ކެމިކަލް ފިޔަވައި އެހެނިހެންމުދާ ރައްކާކުރުމަށް ދޫކުރެވޭ ބިން

0.60 ލާރި

4

އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތް ފިޔަވައި އެހެނިހެން ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ބިން

0.60 ލާރި

5

ގަރާޖު ހެދުމަށް ދޫކުރެވޭ ބިން

0.60 ލާރި

6

ކެފޭ / ހޮޓާ / ރެސްޓޯރެންޓް އަދި ގާޑިޔާ ހިންގުމަށް ދޫކުރެވޭ ބިން.

0.60 ލާރި

7

ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވޭ ބިން.

0.65 ލާރި

8

އެކިއެކި ވިޔަފާރި ޞބޭނުންތަކަށްދޫކުރެވޭ ބިން

0.60 ލާރި

 

ނޯޓް: މި ރޭޓްތައް ކަނޑައެޅިފައިމިވަނީ 2018/R-69 (ދިރިއުޅުމުގެ ބޭނުންތަކަށްނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު) ގެ 4 ވަނަ އިސްލާހްގައި ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިންތައް ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދިނުމާއި ގުޅިގެން، ނ.މާޅެންދޫގެ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރެވުނު ސާރވޭގެ ނަތީޖާއާ އެއްގޮތްވާ ގޮތުގެމަތިން، 20 މޭ 2022 ވަނަ ދުވަހު ބޭއްވުނު މާޅެންދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ 19 ވަނަ ޖަލްސާއިން، ޖަލްސާގައި ބައިވެރިވި 05 މެންބަރުންގެ އިއްތިފާޤުން ފާސްކުރި ނިންމުމާއި އެއްގޮތަށެވެ.

9.2 މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ކުލި ކަނޑައެޅުމުގައި ބަލާނީ ބިޑު އުސޫލުން ކުއްޔަށް ހިފާފަރާތުން ބިން ކުއްޔަށްހިފުމަށް ހުށަހަޅާއިރު ބިންތަކުގެ ކުލީގެގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ދެއްކުމަށް ހުށަހަޅާފައިވާ ކުއްޔަށެވެ.

9.3 މިމާއްދާގެ (9.2) ގައި ބަޔާންކޮށްފައިވާ ކުލި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގައި ދައްކަންޖެހޭ ކުލި ދައްކަންވާނެއެވެ. އެއްވެސް މަހެއްގެ ކުލި އެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދެއްކިއްޖެނަމަ ދެން ކުލި ބަލައިގަންނަންވާނީ، އިތުރުށް ހިންގާ ކޮންމެ މަހަކަށް، ކުލީގެ ނިސްބަތުން ދުވާލަކަށްޖެހޭ އަގުގެ 25% (ފަންސަވީސް އިންސައްތަ) ޖޫރިމަނާއާއިއެކުގައެވެ.

9.4 މިމާއްދާގެ (9.2) ގައި ބަޔާންކޮށްފައިވާ ކުލި ނުދައްކާ 60 (ފަސްދޮޅަސް) ދުވަސް ވޭތުވެއްޖެނަމަ ބިން ވަކިކުރެވިދާނެކަމުގެ ނޯޓިސްއެއް ބިން ކުއްޔަށްހިފާ ފަރާތަށް ދެވޭނެއެވެ. އެގޮތުން ދެވޭނީ 30(ތިރީސް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި ކުލި ނުދައްކައިފިނަމަ އިތުރު އެއްވެސް ނޯޓިހަކާއިނުލާ ބިން ވަކިކުރުމުގެ ފުރިހަމަ ބާރާއި އިޙްތިޔާރު ކުއްޔަށް ދޫކުރާފަރާތަށް ލިބިގެންވެއެވެ. މިގޮތަށް ބިމުގެ އެއްބަސްވުން އުވާލެވޭ ހާލަތްތަކުގައި ބިމުގައި ކުރަންފަށާފައިވާ މަސައްކަތްތަކާއި ބިމުގައި ކޮށްފައިވާ މަސައްކަތަކަށް ބިން ކުއްޔަށް ދޫކުރާފަރާތުން އެއްވެސް މިންވަރަކަށް ޒިންމާއެއް ނުވާނެއެވެ.

9.5 މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ކުލި ނުދައްކައިގެން ނުވަތަ މިޢުސޫލާއި މި ޢުސޫލުގެ ދަށުން ހެދޭ އެއްބަސްވުމަކާއި ޙިލާފުވުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާއާއި ބިމުކުލީގެ ފައިސާ ހޯދުމުގައި ތިރީގައިމިވާ ގޮތަށް ޢަމަލްކުރަންވާނެއެވެ.

9.5.1 ދިވެހި ދައުލަތުގެ މާލިއްޔަތު ޤަވައިދު (2017/R-20) ގެ ބާބު 5 "ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން" ގެ 5.19 ވަނަ މާއްދާގެ(ހ) ގައި ދައުލަތުގެ އެންމެހައި އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ލަސްވެގެން 1 (އެކެއް) މަސްދުވަސް ތެރޭގައި ހޯދަންވާނެކަމަށް ކަނޑައަޅާފައިވުމާއެކު އެގޮތަށް އަމަލުކުރުން.

9.5.2 އަދި އެމާއްދާގެ (ށ)ގައި ޖޫރިމަނާވާގޮތަށް ކަނޑައެޅީފައި އޮންނަ ފައިސާ ހޯދަންވާނީ ޖޫރިމަނާ ވެފައިވާނަމަ ކަނޑައެޅިފައިއޮންނަ ޖޫރިމަނާއާއެކުގައި ކަންވެސް ކަނޑައަޅާފައިވުމާއެކު އެގޮތަށް އަމަލްކުރުން.

9.5.3 އަދި ހަމައެހެންމެ، ދެންނެވުނު ބާބުގެ 5.21 ވަނަ މާއްދާގެ (ހ)ގައި، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ، 7 (ހަތެއް) ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ލިޔުން ފޮނުވުމަށާއި 7 (ހަތެއް) ދުވަސް ފަހުންވެސް ފައިސާ ނުލިބިއްޖެނަމަ އިތުރު 7(ހަތެއް) ދުވަސް ދިނުމަށްފަހު އެމުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުމަށާއި އަދި އިތުރަށް ދެވުނު 7(ހަތެއް) ދުވަސް ފާއިތުވިއިރުވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވުމާއެކު އެގޮތައް ޢަމަލްކުރުން.

9.6 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ކުލި، ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ދެއްކުމާއި ބިމުކުލި ކައުންސިލަށް ބަލައިގަތުމުގައި ތިރީގައިމިވާގޮތަށް ޢަމަލްކުރަންވާނެއެވެ.

9.6.1 ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިންބިމުކުލި ކައުންސިލްގެ އިދާރާއަށް ދެއްކުން.

އެގޮތުން:

9.6.1. ކައުންސިލް އިދާރާގެ ބޭންކް އުކައުންޓަށް ކުލި ޖަމާކުރުން

9.6.2 ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ބިމުކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލް، ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ހޯދުން.

9.6.3 ބިމުކުލި ދައްކާއިރު ބިމުކުއްޔާއިއެކު އެއްވެސް ޖޫރިމަނާއެއް ވެފައިވާނަމަ، ޖޫރިމަނާގެ ފައިސާއާއިއެކު ބިމުކުލީގެ ފައިސާ ދެއްކުން.

9.6.4 ބިމުކުލީގެ ފައިސާ ކައުންސިލަށް ބަލައިގަތުމަށްފަހު ކައުންސިލް އިދާރާއިން ފައިސާ ދެއްކި ކަމުގެ ރަޝީދު ބިމުކުލި ދެއްކި ފަރާތަށް ވީއެންމެ އަވަހަކަށް ދޭންވާނެއެވެ.

9.7 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ކުލި، ކައުންސިލަށް ދެއްކުމުގައި އަދި ކައުންސިލުން ކުލި ބަލައިގަތުމުގައިވެސް ބިމުކުލި ދައްކާ ފަރާތުގެ އެއްވެސް މުދަލަކާއި ނުވަތަ ޙިދުމަތަކާއި އަޅުވައިގެން ނުވަތަ މަތިކޮށްގެން ނުވާނެއެވެ.

9.8 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ކުލި، ނުދައްކާ ގިނަދުވަސްވެގެން އަރާފައިވާ ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކުމާއި ކައުންސިލަށް ބަލައިގަތުމުގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ބަހާލައިގެން އެފައިސާ ދެއްކޭނެ އިންތިޒާމެއް ކައުންސިލުގެ ނިންމުމާއިއެކު ކަނޑައެޅިދާނެއެވެ.

10. ބިމުގައި މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި އިމާރާތްކުރުން:

10.1 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރަން ގަސްތުކޮށްފައިވާ މަސައްކަތް ފެށުމުގެ ކުރިން ކުރަންހުރި މަސައްކަތްތައް ކުރުމަށް އިމާރާތްކުރުމުގެ މުއްދަތު(ގްރޭސް ޕީރިއަޑް)ގެ ގޮތުގައި 02(ދޭއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

10.1.1 މިމުއްދަތުގައި ބިމުގައި ކުރުމަށް ގަސްތުކުރާ މަސައްކަތުގެ ޢަމަލީ މަސައްކަތް ނުފަށައިފިނަމަ، ބިން ބާތިލްކުރުމުގެ ބާރާއި އިޙްތިޔާރު ބިން ކުއްޔަށްދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

10.1.2 މިމުއްދަތުގެ ތެރެއިން ފުރަތަމަ މަސްދުވަހު ބިމުކުލީގެ ގޮތުގައި ދައްކަންޖެހޭނީ ބިމުކުލީގެ 50% (ފަންސާސް އިންސައްތަ)އެވެ. އަދި ދެވަނަ މަސްދުވަހު ބިމުކުލީގެ ގޮތުގައި ދައްކަންޖެހޭނީ ބިމުކުލީގެ 75% (ހަތްދިހަ ފަސް އިންސައްތަ)އެވެ.

10.2 މި އުސޫލުގެ ދަށުން ރައްޔިތުންނަށް ޙިދުމަތެއް ދިނުމަށް ދޫކުރެވޭ ބިމުގައި 03(ތިނެއް) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ޙިދުމަތް ދިނުމަށް ނުފަށައިފިނަމަ ޙިދުމަތް ނުދެވި ފާއިތުވާ ކޮންމެ ދުވަހަކަށް ބިމުކުލީގެ އިތުރަށް، ޙިދުމަތްނުދީ އިތުރަށްހިނގާ ކޮންމެދުވަހަކަށް، ކުލީގެ2% (ދޭއް އިންސައްތަ) ޖޫރިމަނާކުރެވޭނެއެވެ.

10.3 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ އެންމެހައި ބިންތަކުގައި އިމާރާތްކުރުމުގެ ކުރިން އިމާރާތުގެ ތަފްސީލީ ކުރެހުން ކައުންސިލަށް ހުށަހަޅައި ކައުންސިލުން ކުރެހުން ފާސްކުރަންވާނެއެވެ. މިގޮތަށް ހުށަހަޅާ ކުރެހުމާއި މެދު ސަރުކާރު ބަންދުނޫން 7(ހަތެއް)ދުވަހުގެ ތެރޭގައި ކުރެހުން ހުށަހެޅި ފަރާތަށް ކައުންސިލުން ލިޔުމުން ޖަވާބުދޭންވާނެއެވެ.

10.4 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ އެންމެހައި ބިންތަކުގައި އިމާރާތް ކުރުމާއި ބިމުގައި ކުރަންނިންމާފައިވާ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަކީ ބިން ކުއްޔަށްނަގާ ފަރާތުގެ ޒިންމާއެކެވެ.

10.5 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގައި ބިންދޫކުރުމަށް ބިޑް ކުރެވުނު(ނުވަތަ) އެގްރިމަންޓް ކުރެވުނު ބޭނުން ފިޔަވައި އިތުރު އެއްވެސް ބޭނުމެއްގައި  (ކަމާ ގުޅުންހުރި ބޭނުން ފިޔަވައި) ބިން ބޭނުންކުރުމަކީ މަނާކަމެކެވެ. މިގޮތަށް ބިން ބޭނުންކުރާނަމަ ބިމުގެ އެގްރިމަންޓް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރު ބިން ކުއްޔަށްދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

11. ބިމުގެ އެއްބަސްވުން ބާތިލްކުރުން ނުވަތަ އުވާލުން:

11.1 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ އެއްބަސްވުން ތިރީގައި މިވާ ހާލަތްތަކުގައި ބާތިލު ކުރުން ނުވަތަ އުވާލެވިދާނެއެވެ.

11.1.1 ބިމުކުލި ނުދައްކާތާ 60(ފަސްދޮޅަސް) ދުވަސް ވުމާއެކު ބިމުކުލި ދެއްކުމަށް އިތުރަށްދެވޭ 30(ތިރީސް)ދުވަހުގެ ތެރޭގައި ބިމުކުލި ދައްކާފައި ނުވުން.

11.1.2 ބިންކުއްޔަށް ނަގާފައިވާ ބޭނުން ފިޔަވައި އިތުރު އެހެން ބޭނުމަކަށް ބިންބޭނުންކުރާނަމަ އެކަން އިސްލާހުކުރުމަށް ދެވޭ 30(ތިރީސް)ދުވަހުގެ ތެރޭގައި އެކަމެއް އިސްލާހު ނުކުރުން.

11.1.3 ޣައިރު ޤާނޫނީ އެއްވެސް މަސައްކަތެއް ކުރުން، އެފަދަ ކަމަކާއި ގުޅުންހުރި މަސައްކަތެއް ކުރުން، އިސްލާމްދީނާއި ޚިލާފް އެއްވެސް މަސައްކަތެއް ކުރުން، އެފަދަ ކަމަކަށް ހިތްވަރު ލިބޭފަދަ ކަމެއް ރާވާ ހިންގުމަށް ނުވަތަ އެފަދަ ކަމެއް ކުރުން.

11.1.4 ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިމުން ބޭރުގައި ތަކެތި ބަހައްޓައި، ދޫކުރި މިނަށްވުރެ އިތުރަށް އެއްވެސް ކަމަކަށް ބިން ބޭނުންކުރަމުންދާނަމަ ތިރީގައިވާ ގޮތުގެ މަތީން އަމަލްކުރެވޭނެއެވެ.

11.1.4.1 ފުރަތަމަ ފަހަރު އިމުން ބޭރުން އިތުރަށް ބޭނުންކުރަމުންދާ ކޮންމެ އަކަފޫޓަކަށް ދުވާލަކަށް 0.45ރ(ސާޅީސް ފަސް ލާރި) ޖޫރިމަނާކޮށް، 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އިސްލާހުކުރުމަށް ލިޔުމުން ނޯޓިސް ދެވޭނެއެވެ.

11.1.4.2 އިސްލާޙް ކުރުމަށް ދެވުނު މުއްދަތުގެ ތެރޭގައި، ބިން ކުއްޔަށްހިފި ފަރާތުން އެކަން އިސްލާޙްކޮށްފައި ނުވާނަމަ 11.1.4.1 ގައި ބަޔާންކޮށްފައިވާ ޖޫރިމަނާއާއިއެކު، އިތުރު 07(ހަތެއް)ދުވަހުގެ ނޯޓިސްއެއް، ބިން ކުއްޔަށްހިފާ ފަރާތަށްދެވޭނެއެވެ. މިގޮތުންވެސް އެކަމެއް އިސްލާހުކޮށްފައި ނުވާނަމަ،އިތުރު އެއްވެސް ނޯޓިސްއަކާއިނުލާ، ދޫކޮށްފައިވާ ބިމުގެ އެއްބަސްވުން ބާޠިލްކުރެވޭނެއެވެ.

11.1.5 ޓެރަރިޒަމްގެ ޢަމަލެއް ބިމުގައި ހިންގުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާ އަމަލެއް ހިންގުމާއި އެފަދަ ކަމަކަށް ހިތްވަރުލިބޭފަދަ އަމަލެއް ބިމުގައި ހިންގުން.

11.1.6 ބިމުގެއެއްބަސްވުމުގައި ބަޔާންކުރެވިފައިވާ މުއްދަތު ހަމަވުމަށްފަހު އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ބިމުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައި ނުވާނަމަ، އިތުރު އެންގުމަކާނުލާ ބިމުގެ އެއްބަސްވުން ބާތިލްވެ ބިން ކުއްޔަށް ނަގާފައިވާ ފަރާތުގެ ބެލުމުގެ ދަށުން ބިން ވަކިވާނެއެވެ.

11.1.7 ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ބިން ދޫކޮށްލުން. މިގޮތަށް ބިން ދޫކޮށްލާއިރު ބިމުގެ ކުލީގެގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދައްކާ ނިންމަންވާނެއެވެ. އަދި ބިމުގައިހުރި އެފަރާތުގެ އެންމެހައި މުދާތައް ނަގާ ހުސްކޮށް،ސާފްކޮށް ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ.

11.2 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމެއް، މިއުސޫލުގެ 11 ވަނަ މާއްދާގެ (11.1)ގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި ބާތިލް ކުރެވިއްޖެނަމަ ތިރީގައިމިވާ ގޮތުގެމަތިން އަމަލްކުރަންވާނެއެވެ.

11.2.1ބިން ކުއްޔަށް ހިފާފައިވާ ފަރާތުން 30(ތިރީސް) ދުވަހުގެ ތެރޭގައި ބިން ހުސްކޮށް، ސާފުކޮށް، ލިޔުމުން ކައުންސިލަށް ބިން ހަވާލުކުރުން. މި މުއްދަތުގެ ފަހުން އެބިމެއްގައިވާ އެންމެހައި މުދަލާއި ތަކެއްޗަށް، ކައުންސިލުން އެއްވެސް ޒިންމާއެއް ނުނަގާނެއެވެ. އަދި އެމުދަލާއި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށްގެނެސް، އެފަދަ ތަކެއްޗާއިމެދު އަމަލްކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެގޮތަށް އަމަލްކުރެވޭނެއެވެ.

11.2.2 ބިން ހުސްކުރުމަށްދެވޭ 30 ދުވަހުގެ މުއްދަތައްފަހު ކައުންސިލްގެ ހުއްދަނެތި ބިމުގެ ތެރެއަށް ވަނުމާއި ބިން ބޭނުންނުކުރުން.

11.2.3 ބިން ބާތިލްކޮށް ބިން ނަގާފައިވާ ފަރާތަށް އަންގާތާ 48(ސާޅީސް އަށެށް) ގަޑިއިރުގެ ތެރޭގައި ބިން ބާތިލްކުރެވުންކަން އާންމުކޮށް އަންގާ އިއުލާންކުރުން.

11.2.4 ބިން ހުސްކުރުމަށްދެވޭ 30 ދުވަހުގެ މުއްދަތައްފަހު ބިން ހުސްކޮށްފައިނުވާނަމަ ބިން ކުއްޔަށް ދޫކުރާ ފަރާތުން ބިމުގައިހުރި މުދަލާއި ތަކެތިނަގައި ބިން ހުސްކުރުމާއި ބިން ސާފްކުރުން. މިގޮތަށް ބިން ހުސްކޮށް ސާފްކުރާއިރު އެއްވެސް ޙަރަދެއް ހިނގާނަމަ ބިން ކުއްޔަށްދެވުނު ފަރާތަކުން އެޙަރަދަކާއި ފުރިހަމައަށް ޒިންމާވުން.

11.2.5 ބިން ހުސްކުރުމަށްދެވޭ 30 ދުވަހުގެ މުއްދަތައްފަހު ބިން ކުއްޔަށް ދީފައިވާ ފަރާތުން ބިން ހުސްކޮށް ސާފްކުރާނަމަ ބިމުގައިހުރި އެއްވެސް މުދަލަކަށް ނުވަތަ ތަކެއްޗަކަށް ބިން ކުއްޔަށް ދިންފަރާތުން އެއްވެސް މިންވަރަކަށް ޒިންމާނުވުން.

 

12. ބިމުގެ އެއްބަސްވުން އާކުރުން ނުވަތަ މުއްދަތު އިތުރުކުރުން:

12.1 މިއުސޫލުގެ ދަށުން ދޫކުރެވޭ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 1(އެކެއް) މަސްދުވަހުގެ ކުރިން، ކުއްޔަށްދޭ މުއްދަތު އާކުރަން ނުވަތަ އިތުރުކުރުމަށް އެދި ލިޔުމުން ކުއްޔަށް ދޫކުރާ ފާރާތަށް އަންގަންވާނެއެވެ. އަދި އެގޮތަށް ލިޔުމުން އަންގާ އެންގުމުގައި ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އާކުރުމަށް ނުވަތަ އިތުރުކުރުމަށް ބޭނުންވާ ސަބަބު ހެއްކާއެކު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

12.2 މި އުސޫލުގެ ދަށުން ދޫކުރެވޭ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 1(އެކެއް) މަސްދުވަހުގެ ކުރިން، މުއްދަތު އާކުރަން ނުވަތަ އިތުރުކުރުމަށް އެދި ސަބަބާއި ހެކި ހުށަހަޅައިފިނަމަ ރަސްމީ ބަންދުނޫން 14(ސާދަ) ދުވަސްތެރޭގައި ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުން ބިން ކުއްޔަށް ނަގާފައިވާ ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

12.3 މިއުސޫލުގެ 12ވަނަ މާއްދާގެ 12.1 ގައިވާ ގޮތުގެމަތިން، ބިމުގެ މުއްދަތު އާކުރުމަށް ނުވަތަ އިތުރުކުރުމަށް ހުށަހެޅުމުން، މުއްދަތު އިތުރުކޮށްދެވޭނީ، ހުށަހެޅި ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށްގެން އެސެސްމެންޓެއް ހެދުމަށްފަހު، އެ އެސެސްމެންޓްގެ ނަތީޖާ 70% (ހަތްދިހަ އިންސައްތަ) އަށްވުރެ މަތިވެއްޖެ ނަމައެވެ. މިގޮތުން، ބިމުގެ މުއްދަތު އިތުރުކުރެވޭނީ، ކުރިން ބިން ދޫކުރި މުއްދަތުގެ 50% (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތީން، 01(އެކެއް) ފަހަރުއެވެ.

12.4 މިއުސޫލުގެ ދަށުން ދޫކުރެވޭ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އާކުރަން ނުވަތަ އިތުރުކުރާނަމަ އަލުން ކުއްޔަށްދެވޭ މުއްދަތާއި ބިމުކުއްޔާއި ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި ހެޔޮނިޔަތުގައި މަޝްވަރާކުރަންވާނެއެވެ.

12.5 އެއްވެސް ސަބަބަކާ ގުޅިގެން މިއުސޫލުގެ ދަށުން ދޫކުރެވިފައިވާ ބިމެއްގެ އެއްބަސްވުން އާކުރުމަށް ނުވަތަ މުއްދަތު އިތުރުކުރުމަށް ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާ ފަރާތާއި ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޙް ހަމަވުމުން އެއްބަވުމުގެ މުއްދަތު ހަމަވެ ބިން ބާތިލްވާނެއެވެ.

12.6 މިއުސޫލުގެ 12ވަނަ މާއްދާގެ 12.3 ގައިބަޔާންކޮށްފައިވާގޮތުގެ މަތިން ބިމުގެ މުއްދަތު އިތުރު ކުރުމަށް ނުވަތަ އާކުރުމަށް ހަދާ އެސެސްމެންޓް ހެދުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

12.6.1 ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުން.

12.6.2 މުއްދަތު އިތުރުކުރުމަށް އެދިފައިވާ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓްގެ ސަބަބުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ މަންފާތައް.

12.6.3 އިތުރުކުރުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގައި އެ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ ބޭނުން.

12.6.4 ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ބިމުގެ ބޭނުން ކޮށްފައިވާ މިންވަރު.

12.6.5 ބިން ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއް ބިމުގައި ކޮށްފައިވޭތޯ ބެލުން.

12.6.6 ބިމުގެ ކުލި ޤަވާއިދުން ދައްކަމުން އައި މިންވަރު.

12.6.7 ބިމުގެ އެގްރީމެންޓާއި އެއްގޮތަށް ބިން ބޭނުންކުރުމުގައި ޢަމަލްކޮށްފައިވާ މިންވަރު.

12.6.8 ބިމުގެ އިމުން ބޭރުގައި އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ބެލުން.

12.6.9 ބިން ސާފްކޮށް ބަލަހައްޓާފައިވާ މިންވަރު.

12.6.10 އެންމެފަހުގެ ލޭންޑްޔޫސް ޕްލޭންގައި ހިމެނިފައިވާ ބިމެއްތޯ ބެލުން.

12.6.11 ކުލި ނުދެއްކުމާއި، ޤަވާއިދާ ޙިލާފަށް ބިން ބޭނުންކުރުމުގެ ސަބަބުން ދިމާވެފައިވާ އިޖްތިމާޢީ މައްސަލަ.

12.6.12 އެގްރީމެންޓްގައިވާ އެހެނިހެން މާއްދާތަކަށް އަމަލްކޮށްފައިވާ މިންވަރު.

12.6.13 ބިމުކުލީގެ ރޭޓް، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާނަމަ އެ ރޭޓަކާއި އެއްގޮތަށް ބިމުކުލީގެ ރޭޓް އިސްލާހު ކުރުން. މިގޮތަށް އިސްލާހްކުރެވޭނީ މިއުސޫލުގެ ދަށުން ހެދޭ އެއްބަސްވުމުގައި ބިމުކުލީގެ ރޭޓްގެ ގޮތުގައި ބަޔާންކުރުވިފައިވާ ރޭޓަށްވުރެ ބޮޑު އަދަދެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާނަމައެވެ.

13. ސަރުކާރުގެ ނުވަތަ ކައުންސިލްގެ ރަސްމީ ބޭނުމަކަށް ބިން ހުސްކުރުމާއި ބިމުގެ އެއްބަސްވުން އުވާލުން:

  މިއުސޫލުގެ ދަށުން ހެދޭ އެއްވެސް ބިމެއްގެ އެއްބަވުން ސަރުކާރުގެ ނުވަތަ ކައުންސިލްގެ ރަސްމީ ބޭނުމަކަށް ނުވަތަ ރަށުގެ އުމްރާނީ މަސައްކަތެއް ކުރުމަށްޓަކައި ބިން ބޭނުންވެއްޖެ ހާލަތެއްގެ އެފަދަ ބިމެއް ހުސްކުރުމާއި ބިމުގެ އެއްބަސްވުން އުވާލާނަމަ ތިރީގައިމިވާ ގޮތުގެމަތިން ޢަމަލްކުރަންވާނެއެވެ. އެގޮތުން:

13.1 ބިމުގެ އެއްބަސްވުން އުވާލާނަމަ އެކަން މަދުވެގެން 60(ފަސްދޮޅަސް) ދުވަސް ކުރިން ބިން ކުއްޔަށް ހިފާފައިވާ ފަރާތަށް ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.

13.2 ބިން ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވެލައްވާނަމަ ރަށުގެ އިތުރު ސަރަހައްދަކުން (އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ނުވަތަ އެ މުއްދަތަށްވުރެ ދިގުނޫން މުއްދަތަކަށް އަދި ބިމުގެ ކުލީގެ ރޭޓްގައި، ކުރީގެ ބިމާ އެއްވަރުގެ ނުވަތަ އެއްއަށްވުރެ ބޮޑުނޫން ) ރަށުގެ ލޭންޑްޔޫސް ޕްލޭންއާ ހިލާފްނުވާގޮތުގެމަތިން ބަދަލުގައި އެހެން ބިމެއް ހަމަޖައްސައިދޭން ވާނެއެވެ.

13.3 ބިމުގައިވާ ކޮށްފައިވާ މަސައްކަތަށް  ނުވަތަ ކުރަންފަށާފައިވާ މަސައްކަތްތަކުގެ ބަދަލް ދިރާސާކުރުމަށްޓަކައި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން ނިންމުންތަށް ނިންމުމަށްޓަކާ ތިރީގައި މިވާ ދާއިރާތަކުގެ މައްޗަށް އެކުލެވާ " އަގުމަގުކުރާ ކޮމެޓީ " ނަމުގައި ކޮމެޓީއެއް ކައުންސިލުންއެކުލަވާލައި އާންމު ކުރަންވާނެއެވެ.

13.4.1 ކައުންސިލްގެ ރައީސް ނުވަތަ އެވަގުތަކު ކައުންސިލް ހިންގުމާއި ހަވާލުވެހުރި އެންމެ އިސްފަރާތް ( ކޮމެޓީގެ ޗެއާރޕާރސަން )

13.4.2 ކައުންސިލްގެ ސެރެޓަރީ ޖެނެރަލް ނުވަތަ ރައީސް ނުވަތަ އެވަގުތަކު ކައުންސިލް ހިންގުމާއި ހަވާލުވެހުރި އެންމެ އިސްފަރާތް.

13.4.3 ކައުންސިލް މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ 1 ފަރާތް.

13.4.4 ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ތެރެއިން ކައުންސިލްގެ މަޝްވަރާއާއިއެކު ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ 1 ފަރާތް.

13.4.5 ރަށުގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ 3 ފަރާތެއް.

13.4.7 ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ކަނޑައަޅާ 4 ފަރާތް . ( ބިން ކުއްޔަށް ނަގާފައިވާ ފަރާތް ހިމެނޭ ގޮތަށް ).

13.5 ބިންހުސްކުރުމާއި ބިމުގެ އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ނުވަތަ ބާތިލްކުރެވޭ އިރު މަސައްކަތުގެ ބަދަލުގެ ގޮތުގައި ދިނުމަށް ދެފަރާތުން އެއްބަސްވެލައްވާ ފައިސާގެ އަދަދު ބިން ކުއްޔަށް ހިފާފައިވާ ފަރާތަށް ދެއްކުމަށްޓަކައި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ޤާއިމް ކުރެވެންވާނެއެވެ. ނުވަތަ އެބަދަލެއް ދައްކައި ޚަލާސް ކުރަންވާނެއެވެ.

13.6 ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ވަކި ގޮތަކަށް ނުނިމޭ ހާލަތްތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމުގެ ފުރުސަތުދެފަރާތަށްވެސް ލިބިދެވޭނެއެވެ.

14 . މާކްސްދޭ މިންގަނޑުތައް:

14.1 މިއުސޫލުގެ ދަށުން ދޫކުރެވޭ އެންމެހާ ބިންތައް އިވެލުއޭޓް ކުރުމުގައި މާކުސް ދެވޭނީ ތިރީގައިމިވާ ގޮތުގެ މަތިން ބިޑް ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

14.1.1 ކުލީގެ ގޮތުގައި ހުށަހަޅާ އަގު

14.1.2 ހުށަހަޅާ ފަރާތުގެ މާލީ ތަނަވަސްކަން

14.1.3 ބިޑްހުށަހަޅާ ބޭނުމާއި ގުޅޭ ތަޖުރިބާ

14.1.4 ބިޑް ހުށަހަޅާ ފަރާތުގެ ބެލުމުގެ ދަށުގައިތިބި މާޅެންދޫގެ މުވައްޒަފުންގެ އަދަދު

މާކުސް ދެވޭ ކަންކަން

ޖުމްލަ މާކުސް

ތަފްސީލް

ކުލީގެ ގޮތުގައި ހުށަހަޅާ އަގު

75

  • މާކުސްދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ބޮޑު ކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ އަގުތަކެއްގެމަދުގައި ބަހާލައިގެންނެވެ.

މާލީ ތަނަވަސްކަން

10

  • މާކުސް ދޭނީ ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 6 މަސްދުވަހުގެ ބޭންކްސްޓޭޓްމެންޓްއަށް ބަލައިގެންނެވެ. މިގޮތުން މާކުސްދެވޭނީ ކޮންމެ މަހެއްގެ މަސްނިމޭދުވަހުގެ ބެލެންސްގެ އެވްރެޖުއެއް ހޯދުމަށްފަހު ، އެންމެ ބޮޑުއަދަދަކީ ބެންޗްމާކެއް ކަމުގައި ބަލާގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ އަގުތަކެއްގެމަދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • މާކުސް ދޭނީ ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާއަށް ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނި ކޮށްފައިވާ މަސައްކަތްތަކުގެ އަދަދަށް ބަލައިގެން 10 ތަޖުރިބާއަށްވުރެގިނަ ނުވާގޮތަށެވެ.

މުވައްޒަފުން

5

  • މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މާޅެންދޫގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭނެކަމަށް ބަޔާންކުރާ މުވައްޒަފުންގެ ރަޖިސްޓްރީ ނުވަތަ މުސާރަޝީޓްގެ މައުލޫމާތަށްބަލައި އެންމެ މަތިން ހުށަހަޅާފައިވާ ނިސްބަތް އެއީ ބެންޗްމާކެއް ކަމުގައިބަލައިގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ ނިސްބަތެއްގެ މެދުގައި  ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ ހުށަހަޅާ އެންމެ ބޮޑު ނިސްބަތަށެވެ.

 

15. އެއްބަސްވުން އެކުލަވާލުން.

15.1 މިއުސޫލުގެ ދަށުން ހެދޭ އެންމެހައި އެއްބަސްވުންތަކުގައި ކުއްޔަށްހިފާ ފަރާތާއި ކައުންސިލާއި ދެމެދު ލިޔެވި ދެފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ. އެފަދަ އެއްބަސްވުމެއްނެތި ބިންތައް ނުވަތަ ބިމަކުން އެއްވެސް ބައެއް ކުއްޔަށްހިފާ ފަރާތާއި ހަވާލުކޮށްގެންނުވާނެއެވެ. މިގޮތުން އެކުލަވާލެވޭ އެއްބަސްވުމުގައި އަންނަނިވި ކިންކަން ހިމަނަންވާނެއެވެ.

15.1.1 ބިން ދޫކުރާ ފަރާތުގެ މަޢުލޫމާތު.

15.1.2 ބިމާ ހަވާލުވި ފަރާތުގެ މަޢުލޫމާތު.

15.1.3 ދޫކުރާބިމުގައި ކުރެވޭ ބޭނުން.

15.1.4 ދޫކުރާ ބިމުގެ ތަފްސީލް.

15.1.5 ބިން ދޫކުރާ ބޭނުންނޫން އެހެން ބޭނުމަކަށްބިން ބޭނުންކޮށްފިނަމަ އަޅާނެ ފިޔަވަޅު.

15.1.6 ދޫކުރާ ބިމަށް ކުއްޔެއް ނަގާނަމަ ކުލީގެ މިންވަރާއި، ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި، އަޅާނެ ފިޔަވަޅު.

15.1.7 ބިން ރަހުނުކުރުމަށް ހުއްދަދޭކަމާއި ނުވަތަ ނޫންކަމާއި، ހުއްދަދޭނަމަ އެކަންކުރުމުގައި ޢަމަލްކުރަންޖެހޭ އުސޫލް.

15.1.8 ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތީންކަން.

15.1.9 އެއްބަސްވުން ބާތިލްކުރެވޭ ގޮތްތައް.

15.1.10 އެއްބަސްވުމާއި ހިލާފްވެއްޖެނަމަ އަޅާނެ ފިޔަވަޅު.

15.1.11 ގާނޫނު ނަމްބަރު 2001/1 (ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހިމެނުން ލާޒިމްކޮށްފައިވާ މިނޫން އެހެނިހެން ކަންކަން.

15.1.12 ބިން ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މަޢުލޫމާތުތައް.

15.2 މި އުސޫލުގެ ދަށުން ކއްޔަށް ދޫކުރެވޭ ބިންތަކުގެ ބިޑް ކާމިޔާބުކުރާ ފަރާތަށް ބިޑް ކާމިޔާބުވެފައިވާކަން އަންގާ ތާރީޙުން ފެށިގެން ރަސްމީ ބަންދުނޫން 15(ފަނަރަ) ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

15.3 ބިން ކުއްޔަށްނަގާ ފަރާތުގެ މަގުބޫލް އުޒުރެއްނެތި މިމުއްދަތުގައި ސޮއި ނުކޮށްފިނަމަ، ބިޑް އިވެލުއޭޝަންގައި ދެން ޖެހިގެން އެންމެ ގިނަޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް ކޮމެޓީގެ ނިންމުމާއިއެކު އަލުން އިޢުލާނު ކުރުމަކާއިނުލާ ބިން ކުއްޔަށް ދެވޭނެއެވެ.

15.4 މިއުސޫލުގެ ދަށުން ހެދޭ އެންމެހައި އެއްބަސްވުންތަކުގައި ސޮއިކުރަންވާނީ އެއްފަހަރާ 2 (ދޭއް) އަސްލު ކޮޕީގައެވެ. މިއިން ކޮންމެ ކޮޕީއެއްގައި ދެފަރާތުން ސޮއިކޮށް ރަސްމީ ސިއްކަ ޖެހުމުން ކޮންމެ ކޮޕީއަކީ ވަކި އަސްލެއްކަމުގައި ބަލއިގަނެވޭނެއެވެ. އަދި މިއެއްބަސްވުމުގެ 2 ( ދޭއް ) އަސްލުގެ ތެރެއިން 1 ( އެކެއް ) އަސްލު ބިން ކުއްޔަށްދޭ ފަރާތް އަދި އަނެއް އަސްލު ބިންކުއްޔަށް ހިފާ ފަރާތަށް ލިޔުމުން ހަވާލުކުރަންވާނެއވެ.

 16. އިތުރު ފަރާތަކަށް ކުއްޔަށްދިނުމާއި ބަދަލްކުރުން

16.1 މި އުސޫލުގެ ދަށުން ބިން ކުޔަށް ހިފާފަރާތުން ބިން ނުވަތަ ބިމުން ބައެއް އެހެންފަރާތަކަށް ކުއްޔަށް ނުވަތަ ބޭނުންކުރަން ދޭންވާނީ އެފަދަކަމެއްކުރުމުގެ ކުރިން ބިން ދޫކުރާ ފަރާތުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

16.2 މިމާއްދާގެ (16.1) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށްދޭބިން ބޭނުންކުރުމަށް އެހެން ބަޔަކާއި ހަވާލްކުރިނަމަވެސް، ބިމުގެ ހުރިހާކަމެއްގައި ބިން ކުއްޔަށް ދޫކުރާފަރާތުން މުއާމަލާތްކުރާނީ ބިން ކުއްޔަށް ހިފާ ފަރާތާއެވެ.

 

16.3 މި އުސޫލުގެ ދަށުން ބިން ކުޔަށް ހިފާފަރާތުން، އެހެން ފަރާތަކަށް ބިން ބަދަލްކުރަން ބޭނުންވެގެން، އެކަން ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުން، ކައުންސިލުން ނިންމާ ގޮތެއްގެމަތިން، ބިމުގެ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލް ކުރެވޭނީ އަންނަނިވި ކަންކަން ފުރިހަމަ ވުމުންނެވެ.

16.3.1 އެއްބަސްވުން ބަދަލްކުރެވޭ ފަރާތަކީ ދިވެހި ރާއްޖޭގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ކުރެވިފައިވާ ވަކި ޤާނޫނީ ޝަޙްސަކަށްވުން ނުވަތަ ދިވެހި ރައްޔިތެއްކަމުގައިވުން، އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

16.3.2 އެއްބަސްވުން ބަދަލްކުރެވޭ ފަރާތަކީ ނ.މާޅެންދޫ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ، އެއްވެސް ދަރަންޏެއް އޮތް ފަރާތަކަށް ނުވުން.

16.3.3 އެއްބަސްވުން ބަދަލްކުރެވޭ ތާރީޙާ ހަމައަށް، ފުރަތަމަ އެކުލަވާލި އެބަސްވުމުގެ ދަށުން ނ.މާޅެންދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާވާނަމަ، އެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުން.

16.3.4 އެއްބަސްވުން ބަދަލުކުރުމުގެ އިދާރީ ފީއެއްގެ ގޮތުގައި 1,500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ) ނ.މާޅެންދޫ ކައުންސިލަށް ދެއްކުން.

16.4 މި އުސޫލުގެ 16.3 ގައިވާ ގޮތުގެމަތިން އެބަސްވުން ބަދަލުކުރުމުގެ ޝަރުތުތައް ފުރިހަމަވުމަށްފަހު، ބަދަލުކުރާ އެއްބަސްވުމުގެ މުއްދަތަކީ، ފުރަތަމަ އެކުލަވާލެވުނު އެއްބަވުމުގެ ބާކީ އޮންނަ މުއްދަތެވެ.

17. ބިންކުއްޔަށް ދޫކުރާފަރާތުގެ މައްސޫލިއްޔަތުތައް

  17.1 މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިން ކުއްޔަށް ހިފާފަރާތަށް ލިބިފައިވާ ހައްޤުތައް ފުރިހަމައަށް މިނިވަންކަމާއެކު އެއްވެސް ހުރަހެއް ނެތި ބިމުގައި މަސައްކަތްކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކުއްޔަށް ދޭފަރާތުން ދޭންވާނެއެވެ

17.2  ބިން ކުއްޔަށް ދުކުރަފަރާތުން ބިން ކުއްޔަށް ހިފާފަރަތާއި ދެމެދު ބަދަލު ކުރެވޭ ނޯޓިސްފަދަ ލިޔެކިއުންތަށް ހުންނަން ވާނީ ދިވެހި ބަހުންނެވެ.

17.3 މިމާއްދާގެ (17.2) ބަޔާންކޮށްފައިވާ ލިޔެކިއުންތަށް ރައްދުވީ ކަމަށް ބަލަންވާނި، އަތުންއަށް ޙަވާލުކުރުމުން (ނުވަތަ) ފެކްސްމެއިލް (އީމެއިލް ހިމެނޭގޮތަށް) މެދުވެރިކޮށް ދީފައިވާ އެޑްރެސް އަށް ފޮނުވުމުން (ނުވަތަ) ދީފައިވާ ނަންބަރަށް ފޮނުވުމުންނެވެ. އަދި މިއިން އެއްވެސް މައުލޫމަތަކަށް ބަދަލު އަންނަނަމަ،ލިއުމުން އައި ބަދަލު ހޯދަން ވާނެއެވެ.

 

18. ކުއްޔަށް ހިފާފަރާތުން ކުރާ މަސައްކަތް މޮނީޓަރކުރުން.

  މި އުޞޫލުގެދަށުން ދުކުރެވޭ ބިން ކުއްޔަށްހިފާ ފަރާތުން ބިމުގައި ކުރާމަސައްކަތްތައް ބިން ކުއްޔަށް ދޫކުރާފަރާތުން މޮނިޓަރކުރަންވާނެއެވެ. މިގޮތުން ބިން ކުއްޔަށް ދޫކުރާފަތާތުން ބޭނުންވެއްޖެ ހިނދެއްގައި ބިން ބިން ބަލަ މޮނީޓަރކުރުމުގެ ފުރުޞަތު ކުއްޔަށް ނަގާފައިވާ ފަރާތުން ފަހިކޮށްދެންވާނެއެވެ.

 

 

19. ޚާއްސަ ހާލަތުގައި ދެވޭ ލުއި:

  19.1  ގައުމަށް ދިމާވާ ހާއްސަ ހާލަތެއްގައި ނުވަތަ ބަލިމަޑުކަން ފަދަ އާލަމީ ވަބާއެއް (ޕެންޑަމިކް) ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ކަމާއިގުޅޭ އިދާރާތަކުން އަންގާގޮތެއްގެމަތިން (ދެއްވާ ލަފާއަށް ރިއާޔަތްކޮށް)، މި އުސޫލުގެ ދަށުން ދޫކުރެވޭ އެންމެހާ ބިންތަކުގެ ކުންޔާއި ޖޫރިމަނާ އަދި އެއްބަސްވުމުގެ މުއްދަތާއިމެދު އަމަލުކުރެވޭނެއެވެ. އަދި އެފަދަ ގޮތަކަށް އަމަލުކުރަންޖެހިއްޖެ ހާލަތެއްގައި އެކަމަށް ވަކި އެއްބަސްވުމެއް ހަދައި ދެ ފަރާތުން ސޮއި ކޮށް ބިމުގެ އެއްބަސް ވުމާއެކު ހިމެނި، އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.

 

20. ދެބަސްވުން ހައްލު ކުރުން:

   މި އުސޫގެ ދަށުންހެދޭ އެއްބަސް ވުމާއިމެދު  އުފެދޭ އެންމެހާ ދެބަސްވުންތައް ދެފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި އެގޮތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުކުރެވޭނަމަ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކަށް މައްސަލަ ހުށައަޅައިގެން މައްސަލަ ނިންމާނީއެވެ. މގޮތައް ނިންމާ ނިންމުންތަކަށް ބިން ކުއްޔަށް ދޫކުރާ ފަރާތާއި ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ފުރިހަމަ އަށް އަމަލުކޮށް އިޚްތިރާމްކުރަން ވާނެއެވެ.

 

21. އުޞޫލު ފާސްކުރުމާއި އާންމުންގެ ހިޔާލަށް ހުޅުވައިލުން:

21.1 މިއުސޫލައި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މި އުސޫލުގެ ޑްރާފްޓް އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި އާންމުންގެ ހިޔާލު ހުށައެޅުމަށް މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

21.2 މި އުސޫލާ ގުޅޭގޮތުން އާންމުންގެ ހުށައެޅޭ ހިޔާލުތަކަށް ރިޔާއަތް ކޮށް މިއުސޫލަށް ގެންނަންޖެހޭ އެންމެހާބަދަލުތަށް ގެނައުމަށް ފަހު، މިއުސޫލު ކަައުންސިލުން ފާސްކޮށް އަމަލު ކުރަންފެށުމުގެ ކުރިން ތިރީގައި މިވާ ސަރުކާރުގެ އިދާރާތަކުގެ ލިޔުމުން ހޯދަންވާނެއެވެ.

21.2.1 މިނިސްޓްރީ އޮފް ފްލޭނިންގ، ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ

21.2.2 މިނިސްޓްރީ އޮފް ފިނޭންދް އެންޑް ޓްރެޝަރީ

21.2.3  އެންޓޮ ކޮރަޕްޝަން ކޮމިޝަން

21.2.4 ލޯކަލް ޤަވަރަމެންޓް އޮތޯރިޓީ

 

22. އުޞޫލަށް އަމަލު ކުރަންފެށުން:

  މިއުޞޫލަށް އަމަލު ކުރަންފަށާނީ، މި އުޞޫލް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

                                                                       

 

 

 

 

 

 

 

 

 

 

 

     

09 އޮކްޓޫބަރު 2023
ހޯދާ