ދިވެހިރާއްޖެ
ޔޫތު ޗެލެންޖް އަދި ކިއްސަރު 2015: ފޯރ ޔޫތު އެންޓަރޕްރަނިއަރސް އެންޑް ސޯޝަލް ޗޭންޖް އެޖެންޓްސް
1999 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދިވެހިރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް އަދި ކިއްސަރުފެއަރ މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފެއަރ ޚާއްޞަ ކުރެވިފައިވަނީ މިހާރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ މައްޗަށެވެ. އެގޮތުން، ސުރުޚީގައިވާ ޝިޢާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފެއަރގެ މަޤްޞަދަކީ ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތަޢާރަފުކުރަން ބޭނުންވާ އާއުފެއްދުންތައް ޕްރޮމޯޓްކޮށް، ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތަައް އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް(ދަސްވާރު) ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު، ވިޔަފާރީގެ ދާއިރާގައި ބޭނުންވާ ތަޢުލީމާއި ތަމްރީނުތަކުގެ މަޢުލޫމާތުތައް ފޯރުކޮށްދީ އަދި އިޖުތިމާޢީ މަސައްކަތުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، އެކުވެރި މާޙައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނޭގޮތް ފަހިކޮށްދިނުމެވެ.
މި ފެއަރގައި އެގްޒިބިޓަރެއްގެ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރުއްމަށްފަހު މި މިނިސްޓްރއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުންނާއި ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިންނެވެ. ފޯމުތައް ބަލައިގަންނާނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުންނެވެ. ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 8 މާރިޗު 2015 ވާ އާދީއްތަ ދުވަހުއެވެ.
ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކަށް ބެލުމަށްފަހު، ފެއަރގެ މަޤްޞަދު ހާސިލުކުރުމަށް އެހީތެރިވެދޭނެ ފަރާތްތަކަށް އިސްކަންދެވޭ އުސޫލުން ސްޓޯލްތައް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަށް ގުޅުއްވުން އެދެމެވެ.
03 ޖުމާދަލްއޫލާ 1436