ދިވެހިރާއްޖެ
(IUL)38-BB/38/2023/359 :ނަންބަރު
އިޢުލާން
ރިޔާސީ އިންތިޙާބު 2023
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2023 ސެޕްޓްމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު، ޤަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ޤަވާއިދު) ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.
މި ގޮތުން، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2023 އޮގަސްޓު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ން ފެށިގެން، 2023 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
(ހ) އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.
- ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ށ) އިންތިޚާބަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭފަރާތްތަކުން، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފޯމު
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތުގެ އިޤްރާރު
- ކެންޑިޑޭޓުގެ މަންދޫބު ޢައްޔަން ކުރިކަމުގެ ލިޔުން
- ފޮޓޯ
- އައި.ޑީ ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުންވާނަމަ، ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)
- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
- ކެންޑިޑޭޓުގެ މަންދޫބުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތުގެ / ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ލިސްޓު (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި).
- ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއި ކުރައްވާނަމަ ޕަވަރ އޮފް އެޓަރނީ ހަވާލުކުރެވިފައިވާ ކަމުގެ ލިޔުން
(ނ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤްރާރުގައި ސޮއި ކުރަންވާނެއެވެ.
- އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
- އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
- އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.
- ފާސް ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ފާހެއް ހަދައި ދެވޭނީ -/100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއެއް އެ ފާހަށް ނެގުމަށްފަހުއެވެ.
- ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށްވެސް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންވާނެއެވެ.
- އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
- ފޯމު ހުށަހެޅުމަށްފަހު 3004459 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް 2023 އޮގަސްޓް 10 އިން 2023 އޮގަސްޓް 17 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ. މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.