ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު
މިއީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގެ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭގޮތުން 29 ސެޕްޓޭމްބަރ 2014 ވީ ހޯމަ ދުވަހު ގެޒެޓްގައި ޝާޢިއުކޮށްފައިވާ ޤަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހެދިފައިވާ އުޞޫލެކެވެ.
ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލަށް އިސްލާހު ގެނައުމަށްފަހު އުސޫލު ފާސްކުރެވިފައި
- 1. ރަޖިސްޓްރީ ކުރުމާއި ފީ ދެއްކުން
ހ. މިއިދާރާގެ ރަޖިސްޓްރީ ކުރުމަށް ކުނި އުކާލުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
ށ. މިއިދާރާގައި ރަޖިސްޓްރީ ކުރުމަށް ރަޖިސްޓްރީ ފީއެއްގެ ގޮތުގައި -/5 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
ނ. މީހުން ދިރިއުޅޭ ގެއަކުން މަހަކު -/100 ރުފިޔާ، ވިޔަފާރިކުރާ ތަންތަނުން މަހަކު -/250 ރުފިޔާ، އޮޑިދޯނިފަހަރުން މަހަކު -/250 ރުފިޔާ އަދި ސަރުކާރުގެ އިދާރާތަކުން މަހަކު -/250 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
ރ. ގޭގެ ވެރިފަރާތުން އަމިއްލައަށް ކުނި އުކާނަމަ އަހަރު ދުވަހަށް ދައްކާ ފީއެއްގެ ގޮތުގައި -/500 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ވިޔަފާރިކުރާ ތަންތަނުން އަހަރަކަށް -/1000 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
ބ. އޮޑިދޯނިފަހަރުން އަދި ސަރުކާރުގެ އިދާރާތަކުން ކައުންސިލްގައި ރަޖިސްޓްރީ ނުކޮށް އަމިއްލައަށް ކުނި ނޫކޭނެއެވެ.
ޅ. އޮޑިދޯނިފަހަރުން ކުނި ބަހައްޓަންވާނީ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.
ކ. ކުނިކޮށްޓަށް އަމިއްލައަށް ކުނި އުކާ ފަރާތްތަކުގެ ރަޖިސްޓްރީގައި ހުންނަ ބިދޭސީމީހާ ކުނިކޮށްޓަށް ކުނިއުކާނަމަ އެފަރާތެއް ރަޖިސްޓްރީ ކުރާއިރު އެމީހާއާއިބެހޭ ހުރިހާ ލިޔުންތަކާއި، ޕާސްޕޯރޓް ސައިޒުގެ ފޮޓޯއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މިއދާރާއިން އެމީހަކަށް ހަދާދޭ ކާކުކަން އަންގާ ލިޔުން ކުނި ހިފައިގެން ކުނިކޮށްޓަށް ދާއިރު އެމީހުންނަށް ފެންނަގޮތަށް އެކާޑު އަތުގައި އޮންނަވާނެއެވެ.
އ. ޓްއަރިސްޓް ވިޔަފާރީކުރާ ފަރާތްތައް ނުވަތަ ސަފާރީ ފަދަ އުޅަދުފަހަރުން ކުނި އުކާލެވޭނީ މިކައުންސިލްގެ ހުއްދައާއިއެކު ކުނި އުކާލެވޭ ކޮންމެ ދަތުރަކަށް -/300 ރުފިޔާގެ ރޭޓުން މިއިދާރާއަށް ފައިސާ ދެއްކުމަށް ފަހުއެވެ. އަދި އެކުނި އުކާނީ މިއިދާރާގެ މުވައްޒަފުންނާއި ވެހިކަލްގައިއެވެ.
ވ. ކުނި އުކުމަށް ދައްކަންޖެހޭ ފީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. މިގޮތުން 10 ވަނަ ދުވަހުގެ ކުރިން ނުދައްކާފިނަމަ -/25 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފައިސާ ނުދައްކާ 2 މަސް ދުވަސް ވެއްޖެނަމަ އެގެއަކުން ނުވަތަ އެތަނަކުން ވަގުތީ ގޮތުން ކުނި އުކުމުގެ ޚިދުމަތް މެދުކަޑާލެވޭނެއެވެ. މިއަށްފަހު ކުނިއުކަން ފެށޭނީ މަހު ފީއާއެކު ޖޫރިމަނާ ފައިސާއެކީގައި ދެއްކުމަށް ފަހުގައިއެވެ.
މ. ޙިދުމަތް މެދުކެޑުމަށްފަހު އަލުން ޚިދުމަތް ދެވޭނީ -/100 ރުފިޔާގެ ޖޫރިމަނާއާއި އެކީ ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމަށް ފަހުއެވެ.
ފ. ރަށުން ބޭރުން ގެންނަކުނި އުކާލެވޭނީ ފައިސާ ދެއްކިކަމުގެ ސްލިޕް ދެއްކުމަށް ފަހުގައިއެވެ.
ދ. ފައިސާ ބަލައިގަނެވޭނީ ރަސްމީ ގަޑީގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށެއެވެ.
- 2. ކުނި އުކާލުމާއި ކުނި ވަކިކުރުން
ހ. ކުނި ހުންނަންވާނީ ރަގަޅަށް ވަކި ކުރެވިފައިއެވެ. ނުކިވާޒާތުގެ ކުންޏާއި އެއްވެސް އެހެން ކުންޏެއް އެއްކޮށްގެން ނުވާނެއެވެ. ޕަލާސްޓިކް ބާވަތްތަކާއި ބިއްލޫރި އަދި ދަގަނޑުގެ ބާވަތްތައް ވަކިންނެއެވެ.
ށ. ގޭގެއާއި ގޯތިތެރެއިން އުކަންޖެހޭ ކުނީގެ ތެރެއިން ކޮންކްރީޓްގެ ބާވަތްތަކާއި، ރުއްގަހުގެ ބޮޑެތި ކުންޏާއި، އެހެނިހެން ބޮޑެތި ކުނި އުކަންޖެހޭނީ ގޭގެ ވެރިފަރާތުން ކުނިކޮށްޓަށެއެވެ.
ނ. އަމިއްލައަށް ކުނިއުކުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ކުނި އުކާލަންވާނީ ކުނިކޮށީގެ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކުނިކޮށި ބަލަހައްޓާ މީހުންގެ އިރުޝާދުގެ މަތީންނެއެވެ.
ރ. ރަޖިސްޓްރީ ނުކޮށް ކުނިކޮށްޓަށް ކުނި އެޅުމަކީ މަނާކަމަކެއެވެ.
ބ. ކުނިކޮށި ފިޔަވައި އެހެން ތަނަކަށް ކުނި އެޅުމަކީ މަނާކަމަކެއެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅޭނެއެވެ.
ޅ. އެއްވެސް ގޯއްޗެއްގައި ނުވަތަ އަމިއްލަ ބިމެއްގައި ކުނި އަންދަންވާނީ ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ ހުއްދަ ލިބިގެންނެއެވެ.
ކ. ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތަކުން އެގެއެއް ނުވަތަ އެތަނެއްގެ ކުނި ނޫން އެހެން ގެއެއްގެ ނުވަތަ ތަނެއްގެ ނުކި އެއްކޮށްގެން ނުވާނެއެވެ.
އ. ކުނިކޮށިން އެއްވެސް އެއްޗެއް މި އިދާރާގެ ހުއްދަނެތި ގެންދިއުމަކީ މަނާކަމެކެއެވެ.
ވ. ރަށުން ބޭރުން ގެންނަ ކުނި ބާލާ ޖަމާކުރާނެ ސަރަހައްދަކީ އާބަދުރުގެ ދެކޮނޮ ފަރާތުގެ ހުޅަނގު ކަނެއެވެ.
- 3. ކުނިކޮށި ހުޅުވާ ލެއްޕުން
ހ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެދުނު 07:00 އިން ރޭގަނޑު 20:30 އަށް ކުނިކޮށި ހުޅުވިފައި ހުންނާނެވެ.
ށ. ހުޅިވިފައި ހުންނަ ގަޑި ނޫން ގަޑިތަކުގައި ހުއްދަ ނެތި ކުނިކޮށްޓަށް ވަދެ އުޅުމަކީ މަނާކަމަކެއެވެ.
- 4. މިއުސޫލްގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް މިއިދާރާއަށް އަންގާ ދެފަރާތް މަޝްވަރާކޮށް އެކަމެއް ހައްލުކުރަންވާނެއެވެ.
- 5. މިއިރާއިން ދޫކޮށްފައިވާ ފީކާޑު ގެއްލިއްޖެ ނަމަ އަލުން ފީކާޑު ހަދައި ދެވޭނީ -/5 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައިއެވެ.
- 6. ރިސޯރޓްތަކުން ގެންނަ ކުނި އުކަންވާނީ ކުނި އުކުމުގެ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކުނި ކޮށްޓަށެއެވެ.
ހ. ކޮންމެ މަހަކު 01 ދޯންޏާއި 05 ދޯންޏާއި ދެމެދުގެ އަދަދަކަށް ކުނި އެ ރިސޯޓަކުން އަމިއްލައަށް ކުނިކޮށްޓަށް އުކާނަމަ ކޮންމެ މަހަކަށް -/800 (އަށްސަތޭކަ) ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހުގައެވެ.
ށ. ކޮންމެ މަހަކު 05 ދޯންޏާއި 08 ދޯންޏާއި ދެމެދުގެ އަދަދަކަށް ކުނި އެ ރިސޯޓަކުން އަމިއްލައަށް ކުނިކޮށްޓަށް އުކާނަމަ ކޮންމެ މަހަކަށް -/1000 (އެއްހާސް) ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހުގައެވެ.
ނ. ކޮންމެ މަހަކު 08 ދޯންޏާއި 15 ދޯންޏާއި ދެމެދުގެ އަދަދަކަށް ކުނި އެ ރިސޯޓަކުން އަމިއްލައަށް ކުނިކޮށްޓަށް އުކާނަމަ ކޮންމެ މަހަކަށް -/1200 (ބާރަ ސަތޭކަ) ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހުގައެވެ.
ރ. ކޮންމެ މަހަކު 15 ދޯންޏާއި 20 ދޯންޏާއި ދެމެދުގެ އަދަދަކަށް ކުނި އެ ރިސޯޓަކުން އަމިއްލައަށް ކުނިކޮށްޓަށް އުކާނަމަ ކޮންމެ މަހަކަށް -/1500 (ފަނަރަ ސަތޭކަ) ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހުގައެވެ.
ބ. ކޮންމެ މަހަކު 20 ދޯންޏަށްވުރެ އިތުރަށް އެ ރިސޯޓަކުން އަމިއްލައަށް ކުނިކޮށްޓަށް އުކާނަމަ ކޮންމެ މަހަކަށް -/2000 (ދެހާސް) ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހުގައެވެ.