ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫ ދަނޑުބިން ދޫކުރާ ސަރަހައްދުގައި ދިރޭތެކެތި ގެންގުޅުމުގެ އުސޫލު

1.ތާއާރުފާއި ނަން:

(ހ)މިއުޞޫލަކީ ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި ޤަވާޢިދު ނަންބަރު 69-R/2018 ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވަޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވަޢިދުގެ ދަށުން މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީން ފާސްކޮށްފައިވާ ހދ.ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.  (ށ).މި އުސޫލަށް ކިޔާނީ " ނޭކުރެންދޫގައި ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމުގެ އުސޫލެ" އެވެ.             

2.މަޤްސަދު:

މިއީ ނޭކުރެންދޫ ގައި މިހާރަށްވުރެން ފުޅާދާއިރާއެއްގައި އިޤްތިސާދީ މަސައްކަތްތައް ކުރުމަށް ފުރުސަތު ފަހިކޮށްދީ ކައުންސިލަށާއި ރައްޔިތުންނަށް ލިބޭ ނަފާ އިތުރުކޮށް ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ މަޤްސަދުގައި އެކުލެވިފައިވާ އުސޫލެކެވެ.

3.ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު

ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަން ކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުންނެވެ. މިސަރަހައްދުން ބިންދޫކުރާކަން އާއްމުކޮށް އިޢުލާން ކުރަންވާނެއެވެ.

4. އާއްމު ބައިތައް:

2.1 - މި އުސޫލަށް އަމަލު ކުރަން ފެށުމާއިއެކު، ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރާނީ އެކަމަށް ކަނޑައެޅިފައިވާ ސަރަޙައްދުން (ދަނޑުވެރިކަމަށް ބިންދޫކުރާ ސަރަހައްދުން) ނެވެ.

2.2 – މި އުސޫގެ ދަށުން ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ ގިނަވެގެން 100000 (އެއްލައްކަ   އަކަފޫޓް ގެ ބިމެކެވެ.

2.3 - ނޭކުރެންދޫ ދިރޭތަކެތި ގެންގުޅުމަށް ބިންދޫކުރާ ސަރަޙައްދުން ދޫކުރާ ބިން ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެހެން ތަނެއްގައި ނުވަތަ ބިމެއްގައި ކައުންސިލުގެ ހުއްދަނެތި އެއްވެސް ފަރާތަކުން މިފަދަތަކެތި ގެންގުޅުމަކީ މަނާކަމެކެވެ. މި ގޮތަށް އެއްވެސް ބިމެއް ބޭނުންކުރާނަމަ  ބަދަލު ދިނުމަކާނުލާ އެ ބިމެއް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ.

2.4 – ދިރޭތަކެތި ގެންގުޅުމަށް ބިންހޯދުމަށް އެދެންވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުންނެވެ.

2.5 - ދިރޭތަކެތި ގެންގުޅުމަށް ދޫކުރެވޭ ބިމުގައި އެހެންއެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

2.6 - އެއްވެސް ސަބަބަކާއިހެދި ދިރޭތަކެތި ގެންގުޅޭ ބިން  ދޫކޮށްލަން ޖެހިއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ. ބިން ދޫކޮށްލާއިރު އެ ތަނަކަށް ކޮށްފައިވާ ހަރަދަކަށް ނުވަތަ ކޮއްފައިވާ މަސައްކަތަކަށް ކައުންސިލުން ބަދަލު ދޭކަށް ނުޖެހޭނެއެވެ.

2.7 – ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރެވޭނީ މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައިވެސް ކައުންސިލުން އެ ބިން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއްގައި އަދުލުވެރި ބަދަލު ދިނުމަށްފަހު އެ ބިން ކައުންސިލަށް ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. މި ގޮތަށް ކައުންސިލުގެ ބޭނުމަށް ބިން ނަގާނަމަ 3 މަސްދުވަހުގެ މުހުލަތެއް ބިންދޫކުރި ފަރާތަށް ދޭންވާނެއެވެ.

2.7 -  5 (ފަހެއް) އަހަރުވުމުން މި އުސޫލުގެ ދަށުންދޫކުރެވިފައިވާ ބިން އިތުރަށް ބޭނުންވާނަމަ އެކަމަށް އެދި ކައުންސިލަށް ލިޔުމުން ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހެޅުމުން އެ ބިން ކައުންސިލުގެ ބޭނުމަކަށް ނުނަގާނަމަ ބިން އިތުރު 5 އަހަރަށް އެދުނު ފަރާތަށް ކައުންސިލުން ދޫކުރަން ވާނެއެވެ. 2 ވަނަފަހަރަށް ބިން ދޫކުރާއިރު އަގަށް ބަދަލު ގެނައުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

5. ބިމަށްއެދި ހުށަހެޅުން

3.1 - މި އުސޫލަށް އަމަލުކުރަން ފެށުމުން ބިންދޫކުރުމަށް ކައުންސިލުން އާމުކޮށް ހުޅުވާލަންވާނެއެވެ. ބިންދޫކުރެވޭނީ މިގޮތަށް ހުޅުވާލުމުން ބިން ހޯދުމަށް އެދި ކުރިމަތިލާ ފަރާތްތަކަށެވެ. ބިން ހޯދުމަށް އެދި ހުށަހަޅަންވާނީ އެކަމަށް އެދި ހުށަހަޅާ ފޯމުންނެވެ.

6. ފީ ނެގުން:

(ހ) – މި އުސޫލުގެ ދަށުން ދޫކުރާ ބިންތަށް ދޫކުރާނީ ފުރަތަމަ 6 މަސްދުވަހަށް އެއްވެސް ފީ އެއް ނުނަގާ ގޮތަށެވެ. ފުރަތަމަ 6 މަސްދުވަހަށްފަހު ކޮންމެ މަހަކަށް އަކަފޫޓަކަށް 04 ލާރީގެރޭޓުންނެވެ.

(ށ) މި އުސޫލުން ދޫކުރާ ބިމަށް ކަނޑައެޅިފައިވާ ފީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ކުރަންވާނެއެވެ. އަދި ބިމަށް އެދޭ ފަރާތުން ބޭނުންވެލައްވާނަމަ 1 އަހަރު ދުވަހުގެ ފީ އެކީ އެއްފަހަރާވެސް ދެއްކިދާނެއެވެ.

(ނ) ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް 5/- ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ.

(ރ) ފީ ދެއްކުމަށްފަހު ބިން ދޫކުރާފަރާތުގެ އެދުމުގެ މަތިން ބިން ވަކިކުރިކަމުގާ ވިޔަސް ދައްކާފައިވާ ފީ އަނބުރާ ނުލިބޭނެއެވެ.

(ބ)ފީ ދައްކާފައިވަނިކޮށް ކައުންސިލުން ބިން ވަކިކުރާނަމަ،ވަކި ކުރާ މަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީއާއި ބިމަށް ކޮށްފައިވާ ޚަރަދު އަނބުރާ ދޭންވާނެއެވެ.

(ޅ) ވިދިވިދިގެން 3 މަހު ފީ ނުދައްކާފިނަމަ ބިން އަތުލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

7. ދޫކުރެވިފައިވާ ބިން ވަކިކުރުން:

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ދޫކުރެވިފައިވާ ބިން ވަކި ކުރެވިދާނެއެވެ.

(5.1) -  ދޫކުރެވިފައިވާ ބިމުގައި އެ ފަރާތަކުން އެކަށީގެންވާ ގޮތުގައި ދިރޭތަކެތި ގެންގުޅެމުން ނުގެންދާކަން ކައުންސިލަށް ފެނުން.

(5.2)– ބިންދޫކޮށްފައިވާ ސަރަހައްދުގެ މަގު ސާފްކޮށް ނުބެލެހެއްޓުން

(5.3) – ވިދިވިދިގެން 3 މަހުގެފީ ނުދެއްކުން

(5.4) - ވަށައިގެންވާ މާހައުލަށް ގެއްލުންވާފަދަ އެއްވެސް ކަމެއްކުރުން

8. އަމަލުކުރަން ފަށާ ތާރީޚް:

(ހ). މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު މި ކައުންސިލުން ފާސްކޮށް  އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ.

(ށ). މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

 

  • މިއުޞޫލު ފާސްކުރެވުނީ 01 އޮގަސްޓް 2023 ވަނަ ދުވަހު ބޭއްވުނު މިކައުންސިލުގެ 4 ވަނަ ދައުރުގެ 74 ވަނަ ޢާއްމު ބައްދަލުވުމުގަ އެވެ.
01 އޮގަސްޓް 2023
ހޯދާ