ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓް ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެ ކްރައިޓީރިއާ މި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ފެނިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ކޮމިޝަނުގެ ފޯނު ނަންބަރު 3307336 އާ ގުޅުއްވުން އެދެމެވެ.
މަޤާމުގެ ޝަރުޠު:
- މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް ކުރިމަތިލާ ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛
- ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މުސާރައާއި އިނާޔަތްތައް:
- މުސާރަ: މަހަކު -/20،500 ރުފިޔާ
- ލިވިންގ އެލެވަންސް: މަހަކު -/15،000 ރުފިޔާ
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައި މިވާ ލިޔުންތައް 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ ބިލްޑިންގ، 12 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv އިޤްރާރު ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
އިންޓަރވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން:
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ، މަގާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން، 2015 މާރިޗު 8 އިން 2015 މާރިޗު 19 އާ ދެމެދު މާލޭގައި އޮންނާނެއެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
13 ރަބީޢުލްއާޚިރު 1436