މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓްރީކޮށްދިނުން

އިޢުލާން

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓަރީކޮށްދިނުން

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓަރީކުރުމަށް އޮކްޓޫބަރު 2014 އިން ފެށިގެން ފެބްރުއަރީ 2015ގެ ނިޔަލަށް ކޮންމެ މަހަކު 1 ފަހަރު،  ބާއްވަމުންގެންދާ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް ޚާއްޞަކޮށްގެން، 7 ފެބުރުވަރީ 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ފަހު ސެޝަން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ، 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމުގައި ހެނދުނު 10:00 އިން ހަވީރު 4:30 އަށެވެ.

މިއީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ޢަމަލުކުރުމަށް ފަށަންޖެހޭ ސުންގަޑި ހަމަވުމުގެ ކުރިން ބާއްވާ އެންމެފަހު ސެޝަން ކަމުގައި އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، 13 ފެބުރުވަރީ 2015 ގެ ފަހުން، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީނުކޮށް، ހިންގާ ވިޔަފާރިތަކާމެދު ފިޔަވަޅު އެޅޭނެ ކަން އެޤާނޫނުގައި ބަޔާންކޮށްފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ސެޝަންގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ.

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ފާސްކޮށްދިނުން.

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެހީތެރިކަން ފޯރުކޮށްދިނުން.

- ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައި.ޑީ. ކާޑުގެ ކޮޕީ ހުށަހެޅުމުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ބަލައިގަނެ، ވަގުތުން ވަގުތަށް ޕްރޮސެސްކުރުމަށްފަހު ސެޓްފިކެޓް ދޫކުރުން.

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ކުރަމުންދާ ހުރިހާ ވިޔަފާރިތަކަކަށްވެސް ރަޖިސްޓަރީކޮށްގެން، ވިޔަފާރި ހިންގުމަށް ލާޒިމުކުރެއެވެ. 13 އޮގަސްޓު 2014ގެ ނިޔަލަށް ލޯކަލް އިންވެސްޓްމަންޓްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ވިޔަފާރިކުރަމުން އައި ހުރިހާ ފަރާތްތަކަކުންވެސް، އެފަރާތުގެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންފުޅުނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިދާނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

މި އިޢުލާނާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3333188 އަށް ގުޅުއްވުން އެދެމެވެ.

‏09‏ ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ