އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ލ.ގާދޫގެ ވެލާހޭޅި ބަލަހައްޓާ ރައްކާތެރިކުރުމުގެ މަސައްކަތްކުރުން

ނޫސްބަޔާން

ލ.ގާދޫގެ ވެލާހޭޅި ބަލަހައްޓާ ރައްކާތެރިކުރުމުގެ މަސައްކަތްކުރުން

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި ދިވެހި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އޮލިވް ރިޑްލީ ޕްރޮޖެކްޓާއި ގުޅިގެން، ލ. ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓާ ހިމާޔަތްކުރުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލާއި ލ. ފޮނަދޫ ކައުންސިލް އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާއެކުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިޕްރޮޖެކްޓްގެ ދަށުން މިސަރަހައްދުގައި ވެލާކަހަނބު ބިސްއަޅާ މިންވަރާއި ބިސްވަޅުތަކުން ބިސްވަގަށްނަގާ މިންވަރު ދިރާސާކޮށް ވެލާކަހަނބާމެދު އާއްމުންގެ މެދުގައި އަހުލުވެރިކަން އިތުރުކުރުމަށް ހާއްސަ މުވައްޒަފެއް ހަރަކާތްތެރިވަމުންދާނެއެވެ. އެގޮތުން ލ.އަތޮޅުގައި ވެލާކަހަނބާބެހޭ ތައުލީމާއި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ލ.ފޮނަދޫ އަދި ލ.ގަން އަށް ހާއްސަކޮށްގެން ހިންގުމަށްވަނީ ރޭވިފައެވެ.

 

ލ.ގާދޫއަށް ވެލާއަރާ މިންވަރަށް ބަލާއިރު، 1983ގައި ކޮށްފައިވާ ދިރާސާއަކުން، އެއަހަރު އެކަނި މިރަށުގައި 283 ވެލާ ބިސްވަޅު ރިކޯޑު ކުރެވިފައިވާއިރު، 2015 ވަނަ އަހަރު އޭރުގެ މެރިން ރިސާރޗް ސެންޓަރުން ކޮށްފައިވާ ދިރާސާއެއްގައި އެއަހަރު މިރަށުން 142 ވެލާ ބިސްވަޅު ރިކޯޑު ކުރެވިފައިވެއެވެ. މިރަށުގެ ވެލާ ހޭޅި އަކީ ކުރިން ރަށުގެ ރައްޔިތުން ބަލަހައްޓަމުން އައި ސަރަހައްދެއްކަމުގައި ވީނަމަވެސް 2006 ވަނަ އަހަރު ލ.ގާދޫ ފަދަ ވެލާކަހަނބު ބިސްއެޅުމަށް ހާއްސަ ރަށްރަށުން ބިސްނެގުން މަނާކުރި ހިސާބުން ފެށިގެން މިރަށުގައި ޒަމާނުއްސުރެ އޮތް ވެލާހޭޅި ބެލެހެއްޓުމުގެ ނިޒާމު ހުއްޓުމުކަށް އައިސް ވެލާބިސްވަޅުތައް ކޮނެ ބިސް ވަގަށްނެގުން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އަދި 2018-2019 އަހަރު އަމިއްލަ ޖަމާޢަތެއް ކަމުގައިވާ ދިއޮލިވް ރިޑްލީ ޕްރޮޖެކްޓްއިން ކޮށްފައިވާ ދިރާސާއަކުން މިރަށުގައި +130 ވެލާ ބިސް އެޅުމަށް އަރާފައިވާކަމަށް ރިކޯޑް ކުރެވިފައި ވާއިރު، މީގެ 61% ބިސްވަޅު ކޮނެ، ބިސްނަގާފައިވާކަން ވަނީ ރިކޯޑްކުރެވިފައެވެ. 

 

2015 ވަނަ އަހަރު ލ.ގާދޫގެ ރަށްވެހިން ލ.ފޮނަދޫ އަށް ބަދަލުކުރި ހިސާބުން ފެށިގެން މިރަށުގެ ކަންކަން ބަލަހައްޓަމުން އައީ ހައްދުންމަތީ ކައުންސިލާއި އަތޮޅުގެ އަމިއްލަ ޖަމާޢަތްތައް ގުޅިގެންނެވެ. ނަމަވެސް 2021 ވަނަ އަހަރު ލ.ގާދޫވަނީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ 'އެގްރޯ ނެޝަލަން ކޯރޕަރޭޝަން' އަށް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ލ.ގާދޫގެ ތިމާވެށީގެ ހާއްސަ ސިފަތަކަކާއި ތާރީޚީ ހާއްސަކަމަށް ރިޢާޔަތްކޮށް ރަށުގެ ވެލާހޭޅިއާއި ވަށައިގެންވާ މޫދުވިނައިގެ ސަރަހައްދުގެ އިތުރުން ރަށުގައިވާ ކުޅީފާ ސަރަހައްދުވަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫ (4/93) ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި 23 ޑިސެމްބަރު 2022 ގައި ކަނޑައަޅާފައެވެ.

 

މިއެއްބަސްވުމުގެދަށުން ލ.ގާދޫ ސަރަހައްދުގައި ވެލާހިފުމާއި ވެލާބިސް ނެގުން ހުއްޓުވުމަށް މިސަރަހައްދުގެ ރައްޔިތުންނާއެކު ހާއްސަ މަސައްކަތްތަކެއްކޮށް، ތިމާވެށީގެ ޤާނޫނު (93/4) ތަންފީޒުކުރުން ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.  މީގެއިތުރުން، އީޕީއޭއާއި އޯއާރްޕީގެ ފަރާތުން ޒަމާނުއްސުރެ ގާދޫގައި ވެލާހޭޅި ބަލަހައްޓަމުންދިޔަގޮތުގެ ތާރީޚީ ދިރާސާއެއްކޮށް މިހާރު ރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާ 'މެނޭޖް' ކުރުމުގައި ކުރީގެ ގާދޫގެ ރަށްވެހިންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. މިޕްރޮޖެކްޓަކީ ޔޫ.އެން.ޑީ.ޕީ 'ޖެފް ސްމޯލް ގްރާންޓްސް' ލ. އަތޮޅު ސިކްސް ސެންސަސް ރިޒޯޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. 

14 ޖޫން 2023
ހޯދާ