ދިވެހިރާއްޖެ
ދެންނެވުން
ނަރުދަމާ ނިޒާމުތަކުގައި ޖަންކްޝަން (ކެޗްޕިޓް) ބެހެއްޓުމާއި ގުޅޭ
މި އޮތޯރިޓީން ތަންފީޒުކުރަމުންދާ ޤާނޫނު ނަންބަރު: 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 29 ވަނަ މާއްދާގައި ވާފަދައިން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރަށް ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭން ވާނީ އަގު ނެގުމަކާއި ނުލައެވެ. މީގެ އިތުރުން، ގަވާއިދު ނަންބަރު: 2022/R-90 (މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ނަރުދަމާގެ މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 6 ވަނަ މާއްދާގައި ވާފަދައިން، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފީއަކާ ނުލައި ގުޅައިދެވޭނެ ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގޭގެއަށް ގުޅުމަށްޓަކައި އިމާރާތުގެ އިމުގެ ތެރޭގައި ބަހައްޓާ ކެޗްޕިޓް ބެހެއްޓުމަށްފަހު ގޭގެ ވެރިފަރާތުން އިތުރު ޖަންކުޝަނެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
ޚިދުމަތް ދިނުމުގައި އިތުރަށް ބަހައްޓާ ކެޗްޕިޓަށާއި ކެޗްޕިޓް ގުޅައިދިނުމަށް އަގެއް ނަގާނަމަ، އެ އަގެއް ނެގޭނީ ކަނޑައެޅިފައިވާ އަގު އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީން އެ އަގު ފާސްކުރުމަށް ފަހުގައެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
18 ޛުލްޤައިދާ 1444
07 ޖޫން 2023