މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

 މިހާރަކަށްއައިސް ޕޯލްޓްރީ ފާމުގައި ގެންގުޅުމަށްޓަކައި ޕޯލްޓްރީ ދޫނި އެތެރެކުރުމަށް މިމިނިސްޓްރީން ދޫކުރާ އިމްޕޯޓު ހުއްދައިގެ ދަށުން އޮސްޓްރިޗް (ގިނިކާމާދޫނި) ފަދަ ބޮޑެތި ދޫނި އެތެރެކޮށް އޭގެ ދިރޭ ދޫނި ވިއްކަމުން ގެންދާތީ ބައެއް ފަރާތްތަކުން އެފަދަ ދޫނި ގަނެގެން ޕެޓްގެ ގޮތުގައި ގޭގައި މީހުންގެ ތެރޭގައި ގެންގުޅޭކަމުގެ ޝަކުވާ މިމިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. އަދި މީސްމީޑިއާގައި އެގޮތަށް މިތަކެތި ގެންގުޅޭ ވީޑިއޯތައްވެސް ދައުރުވަމުންދާކަން ފާހަގަކުރަމެވެ.

ޕޯލްޓްރީ ދޫންޏަށް މިމިނިސްޓްރީން ހުއްދަދެނީ ޕޯލްޓްރީ ދޫނި ގެންގުޅުމަށް މިމިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޕޯލްޓްރީ ފާމުތަކުގައި ގެންގުޅުމަށެވެ. މިމިންގަނޑުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވާނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަޤުވާމީ ގޮތުން ޢަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި (އެނިމަލް ވެލްފެއަރ)، ޙަޔަވީ ރައްކާތެރިކަމުގެ (ބަޔޯ ސެކިއުރިޓީ) މިންގަނޑުތަކުގެ މައްޗަށެވެ. ވުމާއެކު ޢާއްމުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މިފަދަ ދޫނި ގެންގުޅޭއިރު އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިތަކެތި ގެންގުޅެންޖެހެނީ ޢާއްމުން ދިރިއުޅޭ ގެތަކާ އެކަހެރިކޮށް، މިކަމަށް ކަނޑައެޅޭ ފާމުތަކުގައެވެ.

ދިވެހިރާއްޖޭގައި ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު ގެންގުޅުމުގެ ޞިނާއަތު ކުރިއެރުވުމުގެ މަޤުޞަދުގައި އެފަދަ ޖަނަވާރު އެތެރެކުރުމަށް މިމިނިސްޓްރީ ދޫކުރާ އިމްޕޯޓު ހުއްދައިގެ ދަށުން އެތެރެކުރާ ދިރޭ ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގައި ޖަނަވާރުގެ ގެންގުޅުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ޢަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި، ޙަޔަވީ ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމަށް ދިރޭ ޖަނަވާރު އެތެރެކުރާ ފަރާތްތަކާއި، އެތަކެތި ގެންގުޅޭ ފަރާތްތައް ޒިއްމާދާރުވާންޖެހެއެވެ.

ވީމާ، މިއަދުން ފެށިގެން ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު (ޕޯލްޓްރީ ދޫންޏާއި، ލައިވްސްޓޮކް) އެތެރެކުރުމަށް މިމިނިސްޓްރީން އިމްޕޯޓު ހުއްދަ ދޫކުރާނީ، އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 މޭ 2023
ހޯދާ