މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023

ތަޢާރަފާއި ނަން:

 

1

(ހ)

މި އުސޫލަކީ، ޤާނޫނު ނަންބަރ 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން 2022 ޑިސެންބަރު 08 ގައި ފާސްކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައިވާ، ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 58 ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ)

މި އުސޫލަށް ކިޔާނީ " ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023" އެވެ.

މަޤުޞަދު:

 

2

މި އުސޫލުގެ މަޤުޞަދަކީ، ދަރަވަންދޫ ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލުކުރެވެނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި، އިންސާފުވެރިކަމާއި، ޙައްޤުތައް ކަށަވަރުކުރުމާއެކު، ގޯތި ދޫކުރެވެނީ ދަރަވަންދޫގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރޫރީވެފައިވާ އަދި އެކަށީގެންވާ ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށްކަން ކަށަވަރު ކުރުމެވެ.

ކޮމިޓީ

 

3

(ހ)

ޤާނޫނު ނަންބަރ 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން، 2022 ޑިސެންބަރު 08 ގައި ފާސްކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައިވާ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 58 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 81 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، އުސޫލު ނަންބަރު: (PP)318-HR/318/2022/1 ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވައިލުމާއި، މެންބަރުން އިންތިޚާބު ކުރުމުގެ އުސޫލުގެ ދަށުން، ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވައިލެވިފައެވެ.

(ށ)

މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވައިލުމާއި، މެންބަރުން އިންތިޚާބު ކުރުމުގެ އުސޫލު، މި އުސޫލުގެ ޖަދުވަލު 1ގައި ހިމެނިފައިވާނެއެވެ.

(ނ)

މި އުސޫލުގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް މި ކޮމިޓީގައި ހިމެނިފައިވާ މެންބަރުން ތިރީގައި އެވަނީއެވެ.

1 ކައުންސިލުގެ ރައީސް ޢަލީ ސަމީޙް

2 ކައުންސިލުގެ ނައިބްރައީސް ޙުސައިން ނާޡިމް

3 ކައުންސިލަރ އަޙްމަދު ޒަނީމް

4 ކައުންސިލް އޮފިސަރ އާމިނަތު އަޙްމަދު

5 އ. ކައުންސިލް އޮފިސަރ މުޙައްމަދު ސަލީމް

6 އ.ތ.މ ކޮމިޓީގެ ނައިބްރައީސް ޢާއިޝަތު ފަރީޝާ

7 ދަރަވަންދޫ ހެލްތް ސެންޓަރ އެޑްމިން އޮފިސަރ ޒީނިޔާ މުޙައްމަދު

8 ބ. އަތޮޅު މަދަރުސާ ސެން ޓީޗަރު ޝިއުނާ ޢަބްދުﷲ

9 އާންމު މެންބަރު ޢާއިޝަތު ރިޝްމާ، މަލާޒް / ބ. ދަރަވަންދޫ

10 އާންމު މެންބަރު އަޙްމަދު އިޤްބާލް، މިރުސްމާގެ / ބ. ދަރަވަންދޫ

11 އާންމު މެންބަރު ޢަލީ މާހިރު، ޗާންދަނީގެ / ރ. ވާދޫ

ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު

4

(ހ)

ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަކީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން ކުޑޭމަގުގެ ދެކުނުން ދޫކޮށްފައިވާ ގެވަޅުތަކުގެ ހުޅަނގުން އޮތް ބިމުގެ ސަރަޙައްދެވެ.

 

 

(ށ)

 

މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބިމުގެ ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު މި އުސޫލުގެ ޖަދުވަލު 2 ގައި ހިމެނިފައިވާނެއެވެ.

ގޯތި ދޫކުރާ އަދަދު:

5

މި އުސޫލުގެ ދަށުން ދަރަވަންދޫގެ ބިމުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަ ފޫޓުގެ 58 ގޯއްޗެވެ.

ގޯއްޗަށް އެދި ހުށަހެޅުން

6

(ހ)

ގޯއްޗަށް އެދި ހުށަހަޅަންވާނީ މި އުސޫލުގެ ޖަދުވަލު 3ގައި ބަޔާންކުރާ ފޯމު ބޭނުންކޮށްގެންނެވެ.

(ށ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

(ނ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް، ފޯމާއެކު އެއްހީރަސްކޮށް ހުށަހަޅަންވާނެއެވެ.

(ރ)

ފޯމު ބަލައިގަނެ ފޯމު ބަލައިގަތްކަމުގެ ލިޔުން ކައުންސިލުން ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް، ބަލައިގަނެފައިވާ ފޯމާއި އެކު އެއްހީރަސްކުރުމަށް ބަލައިގަނެގެން ނުވާނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ހުށަހަޅާފައިވާ ފޯމުގައި އިސްލާހުކުރަންޖެހޭ ކަމެއް ނުވަތަ، ފޯމާއެކު މަދުވާ ލިޔުމެއް ނުވަތަ ކޮޕީއެއް ވާނަމަ، ކުރީގެ ފޯމު ބާޠިލުކޮށް، އިސްލާހުތަކާއެކު އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެއެވެ.

(ބ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން ހާޒިރުވާނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތް ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެވެ. (މި ލިޔުން ފޯމާއެކު ހުށަހަޅަންވާނެއެވެ.)

ފޯމު ބަލައިގަތުން

 

7

(ހ)

ހުށަހަޅާ ފޯމުތައް ބަލައިގަންނަންވާނީ، ފޯމު ހުށައެޅުމަށް ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި ވަގުތު ތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމު ހުށަހެޅުމަށް ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

(ށ)

ކައުންސިލަށް ފޯމު ބަލައިގަތުމަށްފަހު، ބަލައިގަތްކަމުގެ ލިޔުން، ފޯމު ހުށަހެޅި ފަރާތަށް ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ފޯމާއެކު އެއްހީރަސްކުރުމުގެ ގޮތުން ބަލައެއް ނުގަނެވޭނެއެވެ.

 

(ނ)

ފޯމު ބަލައިގަތުމުގެ ކުރިން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަތޯ ބަލައި ޗެކްކުރަންވާނެއެވެ. އަދި ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ތަފުސީލު ހިމެނޭ ލިޔުމުގައި (ޗެކް ލިސްޓްގައި) ކައުންސިލްގެ އިދާރާގެ ފަރާތުން އަދި ފޯމު ހުށަހެޅި ފަރާތުން ސޮއިކޮށް، ފޯމާއެކު އެއްހީރަސް ކުރަންވާނެއެވެ.

 

(ރ)

މި މާއްދާގެ (ނ) ގައި ބަޔާންކުރާ ދެ ފަރާތުން ސޮއިކޮށްފައިވާ ޗެކް ލިސްޓްގެ ކޮޕީއެއް ފޯމު ހުށަހެޅި ފަރާތާއި ޙަވާލު ކުރަންވާނެއެވެ.

(ބ)

ފޯމު ބަލައިގަންނަ ވަގުތުގައި ފޯމު ހުށަހަޅާމީހާގެ ހާޒިރުގައި ފޯމުގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ބަލައި ޗެކް ކުރަންވާނެއެވެ. ޗެކް ކުރާއިރު އެއްވެސް މަޢުލޫމާތެއް ހިމެނިފައި ނުވާނަމަ ފޯމު ހުށަހެޅި ފަރާތަށް، އެކަމެއް ރަނގަޅުކޮށް އަލުން ފޯމު ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. މިގޮތަށް އަލުން ހުށަހެޅުމަށް ފުރުޞަތު ދެވޭ ފޯމެއް ކަމުގައި ވިޔަސް، އިޢުލާނުގައިވާ ސުންގަޑީގެ ފަހުން ބަލައެއް ނުގަނެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

(ޅ)

ފޯމު ހުށަހަޅާ ފަރާތުން ހުށަހަޅާ ފޯމަކީ މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ބަޔާންކުރާގޮތަށް ފުރިހަމަ ކޮށްފައިވާ ފޯމަކަށް ވާންވާނެއެވެ. މި ނޫންގޮތަކަށް (ކޮމްޕިއުޓަރުން) ފުރާފައިވާ ފޯމު ބަލައިނުގަނެވޭނެއެވެ.

ފޯމު ފުރުން

 

8

(ހ)

ފޯމު ފުރާފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ދިވެހިބަހުން ސާފުކޮށް ކިޔަން އެނގޭ ފަދައިންނެވެ.

 

(ށ)

ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖެހުމަކީ މަނާކަމެކެވެ. ފޯމުގައި ހިމަނާފައިވާ މަޢުލޫމާތެއް ކަނޑަންވާނީ 1 (އެކެއް) ނުވަތަ 2 (ދޭއް) ރޮނގު ދަމައިގެންނެވެ. މީގެ އިތުރުން ރޮނގު ދަމައިގެން ތަނެއް ނުވަތަ ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި ނުވަތަ އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ނ)

ބ. ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ތެރޭގައި ނުވަތަ މި އިދާރާގެ ގޯތި ތެރޭގައި ގޯއްޗަށް އެދޭ ފޯމު އެއްވެސް ފަރާތަކުން ފުރައިގެން ނުވާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

9

ގޯއްޗަށް އެދި ހުށައަޅާ ފަރާތުގައި ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

 

(ހ)

ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ)

ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

(ނ)

ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

(ރ)

ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ބ)

ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން.

(ޅ)

ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ ތަރިކައިގެ އުސޫލުން، ރާއްޖޭގެ އެއްވެސް ތަނަކުން 1000 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން ނުވަތަ ލިބިފައިނެތުން، އަދި 1000 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ ނުވަތަ  ލިބިފައިވާނަމަ މިފަދަ ބައެއް، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.)

ގޯތި ނުވަތަ ފުލެޓު ދޫކޮށްލުން

10

(ހ)

ލިބިފައިވާ ބަންޑާރަ ނުވަތަ އަމިއްލަ ގޯތި މި އުސޫލުގެ ބޭނުމަށް ދޫކޮށްލުމުން ދެން މިތަން ލިބޭނީ މި ގޯތީގެ ބާކީ ތިބި އެއްމެދު މިލްކުރުވެރިންނަށެވެ. އެއްމެދު މިލްކުވެރިއެއް ނެތް ޙާލަތުގައި އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ. 

(ށ)

ދޫކޮށްލަނީ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ލިބިފައިވާ ފުލެޓެއް/ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއްނަމަ އެތަނެއް ދޫކޮށްލާނީ އެ ޕްރޮޖެކްޓެއްގެ ބެލެނިވެރި ނުވަތަ ހިންގި ފަރާތަށެވެ. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ)

ދޫކޮށްލާ ގޯއްޗަކީ އަމިއްލަ ކޮށްފައިވާ ގޯއްޗެއްނަމަ އެ ގޯއްޗެއް އަމިއްލަ ކުރުމަށް ދައްކާފައިވާ އަގު މިތަން ލިބޭ އެއްމެދު މިލްކުވެރިން ނުވަތަ ދައުލަތުން، ގޯތި ދޫކޮށްލާ ފަރާތަށް އަނބުރައި ދައްކަންޖެހޭނެއެވެ. މި ގޮތުން ދައްކަންޖެހޭ އަގުގެ ތެރޭގައި އެ ބިމުގައި ކޮށްފައިވާ އިމާރާތެއް ނުހިމެނޭނެއެވެ.

(ރ)

ތަރިކައިން ދޫކޮށްލާ ބިމަކީ އަމިއްލަ ކޮށްފައިވާ ބިމެއްނަމަ، ތަރިކައިގެ މައްސަލަ ހިނގާއިރު އަމިއްލަ ކުރުމަށް ހޭދަކޮށްފައިވާ ޚަރަދު (ގޯތި ދޫކޮށްލާ ފަރާތަށް ލިބެން އޮތް ބައިގެ އަކަފޫޓަށް ޖެހޭވަރުގެ އަގު)  އެގޯތީގެ ބައި ދެންލިބޭ ވާރުތަވެރިން ނުވަތަ ކައުންސިލުން ގޯތި ދޫކޮށްލި ފަރާތަށް ދޭންވާނެއެވެ.

(ބ)

ލިބިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ އެއްމެދު ގޯތި ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓް ނުވަތަ ރޯހައުސް ނުވަތަ ހައުސިންގ ޔުނިޓް ދޫކޮށްލަން އެއްބަސްވުމުން އަލަށް ނަގާ ގޯތި އެފަރާތަކަށް ރަޖިސްޓަރީ ކޮށްދެވޭނީ ދޫކޮށްލި ތަނުގެ ރަޖިސްޓަރީން އެފަރާތުގެ ނަން އުނިވުމުންނެވެ. 

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުން

11

(ހ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ފޯމާއިއެކު ހުށަހަޅާފައިނުވާ ލިޔުމެއްގެ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓެއް ނުދެވޭނެއެވެ.)

1

ގޯއްޗަށް އެދޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

2

ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

3

ވަރި/ކައިވެނީގެ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

4

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އުފަން ދަރިން ދުނިޔޭގައި ތިބިނަމަ އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ  ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނެތްނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ.

5

އުފަންދަރިން ފިޔަވާ ޝަރުއީ ގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު ނުވަތަ 01 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޯޓުން ނިންމިގޮތް އަންގައިދޭ ފަދަ ޝަރުޢީ ލިޔުމުގެ ކޮޕީ.

6

ގޯއްޗަށްއެދޭ ފަރާތުގެ ބެލުމުގެ ދަށުގައިވާ، ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ގޯއްޗަށް އެދޭ ފަރާތުގައިހުރި ނަމަ އެކުއްޖަކު ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާކަމުގެ ލިޔުމުގެ ކޮޕީ.

7

މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ގޯތި ނުވަތަ ފުލެޓް ދޫކޮށްލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިޤްރާރު.

8

ވޭތުވެދިޔަ 1 އަހަރު ކުރިން ފެށިގެން ދަރަވަންދޫގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން. (މި މާއްދާގެ ދަށުން ހުށަހަޅާ ލިޔުން އޮންނަންވާނީ ޖަދުވަލު 4 ގައިވާ ނަމޫނާ ލިޔުމާއި އެއްގޮތަށެވެ.)

9

ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ. (މި ޕޮއިންޓުގެ ދަށުން ސޮއިކުރާ ފަރާތަކީ، މައިންބަފައިން، އަނބިމީހާ/ފިރިމީހާ އަދި ދަރިން ކަމުގައި ވެގެންނުވާނެއެވެ.)

ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން

12

(ހ)

ޝަރުޠުހަމަވާ ފޯމުތަކުގެ ތެރެއިން ގޯތި ލިބޭނީ މި އުސޫލުގައިވާ ޕޮއިންޓް ލިބޭ މިންގަޑުތަކަށް ޕޮއިންޓް ދިނުމުން ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ 58 ފަރާތަށެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 58 ފަރާތް ހޮވުމުގައި އެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްފަރާތަށްވުރެ ގިނަފަރާތުން އެއްއަދަދަކަށް ޕޮއިންޓު ލިބިފައިވާނަ، އެންމެ ފަހު ގޯތިލިބޭ ފަރާތްކަމުގައި ނިންމާނީ، އެއްވަރުވި ފަރާތްތަކުގެ މެދުގައި މި އުސޫލުގެ 13 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތުލައިގެންނެވެ.

(ނ)

58 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމަފިރިން ހިމެނިފައިވާނަމަ، ގޯތި ދޫކުރެވޭނީ އެ ދެފަރާތުން ކުރެ އެންމެ މަތިން ޕޮއިންޓު ލިބިފައިވާ ފަރާތަކަށެވެ.

(ރ)

58 ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނި، އެދެފަރާތުގެ ޕޮއިންޓް އެއްވަރުނަމަ، ގޯތި ލިބޭނެ ފަރާތެއް ކަނޑައަޅާނީ، ދެފަރާތުން މަޝްވަރާކުރުމަށް މުހުލަތުދީ، ކަނޑައެޅޭ މުއްދަތެއްގެ ކުރިން ދެ ފަރާތުންކުރެ އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ލިޔުމުން ހުށައެޅުމުންނެވެ.

(ބ)

މި މާއްދާގެ (ރ)ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް ހުށަނާޅާނަމަ، ދެމަފިރިންގެ މެދުން ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ މިއުސޫލުގެ 13 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ.

(ޅ)

ގޯއްޗަށް އެދި އެ ފަރާތަކުން ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް ކައިވެނީގެ މަތީގައި ތިބި ދެމަފިރިންކަމުގައިވެފައި، ގޯއްޗަށް އެދި ފޯމު ހުށަހަޅާ ތާރީޚުގެ ފަހުން އެ ދެމަފިރިންގެ ކައިވެނި ރޫޅުނު ކަމުގައިވިޔަސް ޢަމަލު ކުރާނީ މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާގޮތަށެވެ.

ގުރުއަތުލުން

 

13

(ހ)

މި އުސޫލުގެ 12 ވަނަ މާއްދާގެ (ށ) އަދި (ބ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މި އުސޫލުގެ 3ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

(ށ)

މި ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލެވިގެންނެވެ.

(ނ)

ގުރުއަތު ނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުން ފެށުމުގެ 48 ގަޑިއިރު ކުރިން ގުރުއަތު ނެގުން ބޭއްވޭ ފަރާތްތަކަށް ގުރުއަތު ނެގުމުގައި ބައިވެރިވުމަށް ހާޒިރުވުމަށް އަންގަންވާނެއެވެ.

(ރ)

ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި ގުރުއަތު ނަގާނީ ފޯމު ހުށަހެޅި ފަރާތުން ނުވަތަ އެ ފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ.

(ބ)

މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތަށް ގުރުއަތުލުމަށް ހާޒިރު ނުވެވޭނަމަ، ނުވަތަ ވަކި ފަރާތަކަށް ލިޔުމުން ބާރުދީފައި ނުވާނަމަ، ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރު ނުވާނަމަ، އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމެޓީއިން ނިންމާ ފާސްކުރާ ކޮމެޓީގެ މެންބަރެކެވެ.

ގޯތިލިބޭ ފަރާތެއް ގޯތި ލިބޭ ލިސްޓުން އުނިވުން

14

(ހ)

މި އުސޫލުގެ 12ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ 58 ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާތިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބު ކުރަންވާނެއެވެ.

* ގޯތިލިބޭ ފަރާތްތަކުގެ ލިސްޓުން ނަން އުނިވާނެ ޙާލަތްތައް:

1. ގޯތި ލިބުނުކަމަށް ލިސްޓުގައިވާ ފަރާތަކުން، ލިސްޓުން ނަން އުނިކުރުމަށް ނުވަތަ ގޯތި ބޭނުން ނޫންކަމުގައި ބަޔާންކޮށް ލިޔުމަކުން ހުށަހެޅުން.

2. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުގެ ފަހުން، އެއްވެސް ފަރާތަކުން ދީފައިވާ އެއްވެސް މަޢުލޫމާތެއް ޞައްޙަނޫންކަން ކަށަވަރުވެ ޔަޤީންވުން.

3. ދާއިމީ ލިސްޓް އާންމުކުރުމުގެ ފަހުން، (ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކުރުމުގެ ކުރިން) ލިސްޓުގައިވާ އެއްވެސް ފަރާތަކުން، ރަށްވެހިކަން އެހެން ރަށަކަށް ބަދަލުކުރުން.

4. ގޯތި ލިބިފައިވާކަމުގެ ލިޔުން ޙަވާލު ކުރުމުގެ ކުރިން، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތެއް ނިޔާވުން.

(ށ)

މިގޮތަށް އަލުން ތަރުތީބު ކުރަންވާނީ މި އުސޫލުގެ 12ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން

15

(ހ)

މި އުސޫލުގެ 12ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރަން ވާނެއެވެ.

(ށ)

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރުމުގައި، މިއުސޫލުގެ 14 ވަނަ މާއްދާގައި ބުނާ އުނި އިތުރު ގެނެވޭ ކޮންމެ ފަހަރަކު އެ އުނި އިތުރަކާއިއެކު ލިސްޓު އާންމުކުރަން ވާނެއެވެ.

(ނ)

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.
  2. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.
  3. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށައެޅި ފޯމުގެ ރިފަރެންސް ނަންބަރ:
  4. ޕޮއިންޓް ދިނުމުގެ މަރުހަލާގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް.
 
 
 

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

16

(ހ)

މި އުސޫލުގެ 15ވަނަ މާއްދާގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރުމަށްފަހު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ވާނެއެވެ.

(ށ)

ގޯތިލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ކުރެވޭ އިޢުލާނުގައި ޝަކުވާ ހުށަހަޅަން ޢަމަލު ކުރަން ޖެހޭގޮތުގެ ތަފުސީލާއި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހިމަނަންވާނެއެވެ.

(ނ)

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ކޮމެޓީއިން ބަލާ ދިރާސާކޮށް، ކޮންމެ ޝަކުވާއަކަށް ވަކިވަކިން ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ރ)

ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާއި ގުޅިގެން ކޮމެޓީއިން ހޯދި ހޯދުމަކުން ގޯތިލިބޭ ފަރާތެއް އުނިކުރަން ޖެހިއްޖެނަމަ، މި އުސޫލުގެ 15 ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އަލުން ތަރުތީބުކޮށް އާންމު ކުރަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުން

 

17

(ހ)

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު، އުނި އިތުރެއް ގެންނަންޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު ގޯތި ލިބޭ 58 ފަރާތުގެ ދާއިމީ ލިސްޓު އާންމު ކުރަންވާނެއެވެ.

(ށ)

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

 

  1. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.
  2. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.
  3. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށައެޅި ފޯމުގެ ރިފަރެންސް ނަންބަރ:
  4. ޕޮއިންޓު ދިނުމުގެ މަރުހަލާގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް.
 
 
 

ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން

18

(ހ)

ގޯތި ލިބޭ ދާއިމީ ލިސްޓުގައިވާ 58 ފަރާތަށް ލިބޭ ގޯތި ކަނޑައަޅާނީ ދާއިމީ ލިސްޓު އިޢުލާން ކުރުމަށްފަހުއެވެ.

(ށ)

ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. މި ގުރުއަތު ނަގަންވާނީ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

(ނ)

ގުރުއަތު ނެގުން ކުރިއަށް ގެންދަންވާނީ، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ދީފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ.

(ރ)

ގުރުއަތު ނަގާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ލިސްޓުގެ ތަރުތީބުންނެވެ.

(ބ)

ގުރުއަތުލުން އޮންނަ ތާރީޚާއި ވަގުތާއި ގަޑި އިޢުލާން ކުރަންވާނެއެވެ.

(ޅ)

މި މާއްދާގެ (ށ)ގައި ބަޔާންކުރާ ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

(ކ)

ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޒިރުނުވާނަމަ، ގުރުއަތު ނަގާނީ ކޮމެޓީއިން ފާސްކުރާ ކޮމެޓީގެ މެންބަރެކެވެ.

އުސޫލަށް ބަދަލުގެނައުން

19

(ހ)

ގޯތި ދޫކުރުމަށް އިޢުލާނުކުރުމަށްފަހު އުސޫލަށް ގެންނަ އިސްލާހެއްގެ ސަބަބުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކަށް ބަދަލެއް އަންނަފަދަ އިސްލާހެއް ގެންނަނަމަ އެއިސްލާހު އަލުން އިޢުލާނުކޮށް، އެ އިސްލާހުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވޭނެއެވެ.

(ށ)

މި އުސޫލަށް ގެނެވޭ ބަދަލަކީ ލިބޭ ޕޮއިންޓުގެ އަދަދަށް ގެންނަ ބަދަލެއްނަމަ ނުވަތަ ޕޮއިންޓު އުސޫލުގައި ހިމަނާފައިވާ ބައިތަކަށް ގެންނަ ބަދަލެއްނަމަ ނުވަތަ އުސޫލުގައި އިތުރަށް ހިމަނާފައިވާ ބައިތަކަށް ގެންނަ ބަދަލެއްނަމަ ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާން އަލުން އިސްލާހުކުރުމަށް ފަހު އިވެލުއޭޝަން ކުރިއަށް ގެންދެވޭނެއެވެ. އަދި މިބަދަލާ ގުޅިގެން އިތުރު ލިޔެކިޔުމެއް ހުށަހަޅަން ޖެހޭނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އެލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު މި އިޢުލާނުގެ ދަށުން ލިބިދެވޭނެއެވެ.

މާނަކުރުން:

20

(ހ)

ގޯތި ދޫކުރުން ކަމުގައި ބުނެފައިއެވަނީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 58 ގޯތި ނުވަތަ ގޯތިތަކުގެ މާނައިގައެވެ.

(ށ)

ގޯތި ލިބޭ ފަރާތް ކަމުގައި ބުނެފައިއެވަނީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތި ލިބޭނެކަމަށް ކަނޑައެޅިފައިވާ ފަރާތް ނުވަތަ ފަރާތްތަކެވެ.

(ނ)

ކޮމެޓީ ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަން ދަރަވަންދޫ ކައުންސިލުގެ އިދާރާއިން އެކުލަވާލާފައިވާ ކޮމެޓީއެވެ.

(ރ)

ގޯއްޗަށް އެދޭ ފަރާތް ކަމުގައި ބުނެފައިއެވަނީ، ގޯތިދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތުގައި ގޯއްޗަށްއެދި ހުށަހަޅަންޖެހޭ ފޯމު ހުށަހަޅާފައިވާ ފަރާތްތަކެވެ.

ޢަމަލުކުރަން ފެށުން:

 

21

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ ބައްދަލުވުމަކުން މި އުސޫލު ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

 
22. ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކުގެ ޙާލަތު ވަޒަންކުރުމުގައި ބޭނުންކުރާ މިންގަނޑު:

22.1  ކައިވެނީގެ ބައި:

ހ

ކައިވެނި ކޮށްގެން ހުރިނަމަ

20  ޕޮއިންޓް

ށ

ފިރި/އަނބި ނިޔާވެ ހުވަފަތް ވެފައި އަދި އުމުރުން 18 އަހަރު ނުފުރޭ 01 ކުއްޖަކު ހުރި ނަމަ

10 ޕޮއިންޓް

ނ

ފިރި/އަނބި ނިޔާވެ ހުވަފަތް ވެފައި އަދި އުމުރުން 18 އަހަރު ނުފުރޭ 02 ކުދިން ތިބި ނަމަ

15 ޕޮއިންޓް

ރ

ފިރި/އަނބި ނިޔާވެ ހުވަފަތް ވެފައި އަދި އުމުރުން 18 އަހަރު ނުފުރޭ  03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި ނަމަ

20  ޕޮއިންޓް

ބ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް އުމުރުން 18 އަހަރު ނުފުރޭ  01 ކުއްޖަކު ހުރި ނަމަ

5  ޕޮއިންޓް

ޅ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް އުމުރުން 18 އަހަރު ނުފުރޭ  02 ކުދިން ތިބި ނަމަ

10 ޕޮއިންޓް

ކ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް އުމުރުން 18 އަހަރު ނުފުރޭ 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި ނަމަ

 15 ޕޮއިންޓް

އ

ކައިވެންޏަށް 01 (އެކެއް) އަހަރު ވެފައިވާނަމަ، 01 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ)

10≤  ޕޮއިންޓް

 

އިތުރު ތަފުޞީލު

  • ކައިވެނި ރޫޅިފައިވާކަމަށް އަދި ކައިވެނިކޮށްގެން ކަމުގައި ބަލާނީ، ގޯއްޗަށް އެދި ފޯމު ހުށަހަޅާ ތާރީޚާ ހަމައަށެވެ. އަދި އަނބި/ފިރި މަރުވެ ހުވަފަތްވުމުގެ ޙާލަތު ބަލާނީ، ގޯއްޗަށް އެދި ފޯމު ހުށަހަޅާ ތާރީޚާ ހަމައަށެވެ.  ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ވަރި/ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. ކައިވެނި ރުޖޫޢަ ކުރެވިފައިވާނަމަ ކައިވެނި ކުރި ތާރީޚް ގުނަންފަށާނީ، އެ ދެމަފިރިންގެ ރުޖޫޢަ ކުރެވުނު ކައިވެނީގެ ކުރިން ކައިވެނި ކޮށްފައިވާ ތާރީޚުން ފެށިގެންނެވެ.
  • ފޯމު ހުށަހެޅުމާއި ހަމައަށް ކައިވެނިކޮށްގެން ހުރިނަމަ 22.1 ގެ ށ،ނ،ރ،ބ،ޅ،ކ ގައިވާ ޕޮއިންޓް ނުލިބޭނެއެވެ.

 

22.2 ޢުމުރުގެ ބައި:

ހ

ޢުމުރުން 18 އަހަރު ފުރިފައިވުން

10 ޕޮއިންޓް

ށ

އުމުރުން 18 އަހަރަށް ވުރެ އިތުރުވާ ކޮންމެ އަހަރަކަށް 1 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް)

20 ≤ ޕޮއިންޓް

 

އިތުރު ތަފުޞީލު

  • ޢުމުރުގެ ބައި ބަލާނީ، ގޯތި ދޫކުރުމަށް ފޯމު ހުށަހަޅާ އެންމެ ފަހު ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމާއިއެކު ހުށަހަޅާފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ.

 

22.3  ދަރިން ނުވަތަ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ބައި:

ހ

18 އަހަރުން ދަށުގެ އުފަން ދަރިއަކު ހުރިނަމަ

15 ޕޮއިންޓް

ށ

18 އަހަރުން ދަށުގެ 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 05 ޕޮއިންޓް (ގިނަވެގެން ދެވޭނީ 25 ޕޮއިންޓެވެ)

25 ≤ ޕޮއިންޓް

ނ

ޞިއްޙީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދަރިން ލިބުން މަޙްރޫމްވެފައިވުން ނުވަތަ މިފަދަ ކަމަކަށް ބޭސް ކުރަމުންދާނަމަ (މިކަން ސާބިތު ކުރުމަށް މިކަން ބަޔާންކޮށް ޞިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައި ވާނަމަ)

10 ޕޮއިންޓް

ރ

ގޯއްޗަށް އެދޭ ފަރާތުގެ ދަރިންގެ ތެރެއިން ބ. ދަރަވަންދޫގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނޭ 18 އަހަރުންދަށުގެ ކޮންމެ ދަރިއަކަށް (މި ނަންބަރުގެ ދަށުން ލިބޭ ޕޮއިންޓަކީ ދަރިންގެ ބަޔަށްލިބޭ ޕޮއިންޓުގެ އިތުރުން ދަރަވަންދޫގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނޭ ކުއްޖަކަށްވާތީ ކުއްޖާއަށް ދެވޭ ޕޮއިންޓެކެވެ.)

02    ޕޮއިންޓް

ބ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ  ކުއްޖަކު ހުރިނަމަ (މި ނަންބަރުގެ ދަށުންލިބޭ ޕޮއިންޓަކީ ދަރިންގެ ބަޔަށް ލިބޭ ޕޮއިންޓުގެ އިތުރުން ލިބޭ ޕޮއިންޓެކެވެ.)

05    ޕޮއިންޓް

ޅ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 01 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 05 ޕޮއިންޓް (ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.)

10 ≤ ޕޮއިންޓް

 

އިތުރު ތަފުޞީލު

  • ދަރިންގެ ބަޔަށް ދެވޭ ޕޮއިންޓު ލިބޭނީ ހަމައެކަނި ބޯހިޔާވަހިކަން ނެތް ދަރިންނަށެވެ. (މިގޮތުން ބޯހިޔާވަހިކަން އޮތްކަމުގައި ބަލާނީ 1000 އަކަފޫޓަށްވުރެ ބޮޑު ބިމެއް އެފަރާތެއްގެ ނަމުގައި އޮތް ނަމައެވެ.)
  • ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ދަރިންކަމަށް ބެލެވޭނީ ގޯއްޗަށްއެދި ފޯމު ހުށަހެޅުމަށް ދަރަވަންދޫ ކައުންސިލުން އިޢުލާން ކުރާ ތާރީޚާ ހަމައަށް ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ކުދިންނަމައެވެ.
  • ޚާއްސައެހީއަށް ބޭނުންވާކަމަށް ކަނޑައެޅޭނީ އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ވާނަމައެވެ.

 

22.4  ރަށްވެހިކަމުގެ ބައި:

ހ

އުފަންވީންސުރެ ރަށުގެ ރަށްވެއްސެއްނަމަ.

(އުފަންވީއްސުރެ ދަރަވަންދޫ ރަށްވެއްސެއް ކަމުގައި ބެލޭނީ އެއްވެސް އިރެއްގައި ދަރަވަންދޫ ރަށްވެހިންގެ ދަފްތަރުން އުނިކުރެވިފައި ނުވާ ފަރާތްތަކަށެވެ.)

25 ޕޮއިންޓް

ށ

ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކޮންމެ އަހަރަކަށް 2 ޕޮއިންޓް. މި ބަޔަށް ޕޮއިންޓް ދިނުމުގައި، ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ތާރީޚުން ފެށިގެން ގޯތި ދޫކުރުމަށް ފޯމު ހުށަހަޅައި އެންމެ ފަހު ތާރީޚާހަމައަށް އަހަރަކަށް 2 ޕޮއިންޓްގެ ނިސްބަތުން ޕޮއިންޓް ދެވޭނެއެވެ. (އެންމެ ގިނަވެގެން މިބަޔަށް ލިބޭނީ 25 ޕޮއިންޓެވެ.)

(ރަށްވެހިކަން ބަދަލުކޮށް، އަލުން ދަރަވަންދޫ ރަށްވެހިންނަށް ވެފައިވާ ފަރާތްތަކަށް ނަމްބަރ 22.4ގެ ހ ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

25 ≤ ޕޮއިންޓް

ނ

ރަށުގައި ދިރިއުޅޭނަމަ (މިބަޔަށް ލިބޭ ޕޮއިންޓަކީ ދަރަވަންދޫގެ ރަށްވެއްސެއްގެ އިތުރުން ރަށުގައި ދިރިއުޅޭތީ ދެވޭ ޕޮއިންޓެކެވެ.)

15 ޕޮއިންޓް

 

އިތުރު ތަފުޞީލު

  • ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތުގެ އާއިލާ މީހުން ރަށުގައި ދިރިއުޅެފައި ގޯއްޗަށް އެދޭ ފަރާތަކީ ރިސޯޓެއްގައި ނުވަތަ އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ އެ ފަރާތަކަށް 22.4ގެ (ނ)ގައި ބަޔާންކުރާ ފަދައިން ރަށުގައި ދިރިއުޅޭނަމަ ދެވޭ ޕޮއިންޓް ދެވޭނެއެވެ. މި ނުކުތާގެ ދަށުން އާއިލާ ކަމުގައި ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަދި ދަރިންނެވެ.
  • 22.4ގެ (ނ) ގައި ބަޔާންކުރާ ރަށުގައި ދިރިއުޅޭމީހެއްކަމުގައި ބެލެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތަކީ ވޭތުވެދިޔަ 1(އެކެއް) އަހަރުގެ ކުރިން ރަށުގައި ދިރިއުޅެން ފަށާފައިވާ މީހެއްކަމުގައިވާނަމައެވެ. މި ނުކުތާގެ ދަށުން ވޭތުވެދިޔަ 1 އަހަރު ކުރިން ފެށިގެން ރަށުގައި ދިރިއުޅޭ މީހެއްކަން ސާބިތު ކުރުމަށްޓަކައި ވަޒީފާ އަދާކުރާކަމުގެ ލިޔުން ނުވަތަ ދަރިން ތަޢުލީމު ހާސިލުކުރާކަމުގެ ލިޔުން ނުވަތަ ގެއެއްގައި ކުއްޔަށް އުޅޭނަމަ ކުއްޔަށް އުޅޭކަމުގެ ލިޔުން އަދި ތަޢުލީމު ހާސިލުކުރާ ދަރިންނެތް އަދި ވަޒީފާ އަދާ ނުކުރާ އުމުރުން ދުވަސްވީ ފަރާތެއްނަމަ ދަރިންގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. (މިގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުން ހުށަހަޅާ ލިޔުމުގައި މި އުސޫލުގެ ޖަދުވަލު 4 ގައި ހިމެނޭ މަޢުލޫމާތުތައް ހިމެނެންވާނެވެ.)
  • ރަށްވެހިކަމުގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތު އަދި ރަށްވެހިންގެ ރަޖިސްޓަރީގައިވާ މަޢުލޫމާތަށް ބަލައިގެންނެވެ. ރަށްވެހިންގެ ރަޖިސްޓަރީގެ މަޢުލޫމާތު ގުނާނެ އެންމެ ފަހު ތާރީޚަކީ މި އުޞޫލުގެ ދަށުން ދޫކުރާ ގޯތި ދޫކުރުމަށް ފޯމު ހުށަހަޅާ އެންމެ ފަހު ތާރީޚާ ހަމައަށެވެ.
  • ގޯތި ހޯދުމަށް ފޯމު ހުށަހެޅުމަށްފަހު ގޯތި ހަވާލު ކުރުމުގެ ކުރިން ރަށްވެހިކަން ބަދަލުކޮށްފި ކަމުގައިވާނަމަ އެ ފަރާތުގެ ފޯމު ބާޠިލު ކުރެވޭނެއެވެ.

 

22.5 ޕޮއިންޓް އުނިކުރުން:

ހ

ދަރަވަންދޫގެ ބިމުން ކުރިން ލިބިފައިވާ ބަންޑާރަ ބިމެއް އެހެން މީހަކަށް ދީފައި ނުވަތަ ވިއްކާލާފައިވުން. 

(60) ޕޮއިންޓް

ށ

ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ދަރަވަންދޫގެ ރަށްވެއްސެއް ކަމުގައި ނުވުން.

(60) ޕޮއިންޓް

ނ

ކައިވެންޏެއްކޮށް ހުވަފަތްވެ ނުވަތަ ވަރިވެފައިވީ ނަމަވެސް ދަރިއަކު ނެތް މީހަކު ކަމުގައި ވުން

(20) ޕޮއިންޓް

ރ

ތިމާގެ އަނބިމީހާ / ފިރިމީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާނަމަ

(60) ޕޮއިންޓް

 

އިތުރު ތަފުޞީލު

  • ގޯއްޗެއް ނުވަތަ ފްލެޓެއް އެއްވެސް ފަރާތެއްގެ ނަމުގައި ވާކަމުގައި ނުވަތަ ލިބިފައިވާ ކަމުގައި ބަލާނީ އެއްވެސް އިރެއްގައި "ގޯތީގެ ރަޖިސްޓަރީ" ނުވަތަ "އިމާރާތާއި ގޯތީގެ ރަޖިސްޓަރީ" ހަދާފައިވާނަމަ ނުވަތަ ޝަރުއީ ކޯޓަކުން ޝަރީއަތް ނިންމާފައިވާކަމުގެ ލިޔުން (ޝަރީއަތް ނިމުނުގޮތުގެ ހުލާޞާ) ދޫކޮށްފައިވާނަމަ ނުވަތަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގައި އެފަރާތެއް ހިމެނުމުން ނުވަތަ ލިބޭ ގުރުއަތު ނަންބަރަކަށް ރިޢާޔަތްކޮށް ވެސް ނުވަތަ ވެފައިވާ އެއްބަސްވުމަކަށް ރިޢާޔަތްކޮށް ވެސް އެފަރާތަކީ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ ފަރާތެއްކަމުގައި ވާނަމައެވެ.
  • ޕޮއިންޓް ދިނުމުގައި މަޢުލޫމާތު ބަލާނީ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް އަދި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ މަޢުލޫމާތުތަކަށް ބަލައިގެންނެވެ. ފޯމު ބަލައިގަތުމަށްފަހު ހުށަހަޅާ އިތުރު އެއްވެސް ލިޔުމަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

 

 ޖަދުވަލުތައް އެޓޭޗްކުރެވިފައި

 

03 މޭ 2023
ހޯދާ