މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮޑިޓް ގެ ފައިނަލް ބެޗް އޮޑިޓާ ގުޅޭ

މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ފަހު އެ މަރުކަޒުތަކުން ސަނަދު ދޫކުރުމުގެ ކުރިން އެމް.ކިޔު.އޭ އަށް ޕްރޮގްރާމް އޮޑިޓް ގެ ފައިނަލް ބެޗް އޮޑިޓަށް ހުށަހަޅަން ޖެހެއެވެ. ދަރިވަރުންނަށް އެ ކޯހެއް ފުރިހަމަ ކުރި ކަމުގެ ލިޔުމާއި، ސަނަދު ދޫކުރުމުގެ ހުއްދަ އޮންނަނީ ފައިނަލް ބެޗް އޮޑިޓަށް މި އޮތޯރިޓީއަށް ހުށަހެޅުމަށް ފަހު ސަނަދު ދޫކުރުމުގެ ހުއްދަ މި އޮތޯރިޓީން ލިޔުމުން ދިނުމުންނެވެ. މި ކަމަކީ މި އޮތޯރިޓީ އާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކާ ދޭތެރޭ ކުރެވޭ މުޢާމަލާތެކެވެ. އެހެން ނަމަވެސް، ކޯސްތައް ނިންމާ ދަރިވަރުން މިކަމާ ގުޅިގެން މި އޮތޯރިޓީއަށް ގުޅައި އަވަސްކޮށްދިނުމަށް އެދެމުން ދާ ކަމަށް ފާހަގަކުރެވެއެވެ.

މިގޮތަށް ގުޅާއިރު، މަރުކަޒުތަކުން ފައިނަލް ބެޗް އޮޑިޓަށް މި އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން ވެސް، މި އޮތޯރިޓީން އެކަން އަވަސްކޮށްދިނުމަށް އެދި ދަރިވަރުން ހުށަހަޅާކަމަށް ފާހަގަކުރެވެއެވެ. އަދި އެގޮތަށް ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް މަޢުލޫމާތު ދީފައި ހުންނަކަން ބައެއް ދަރިވަރުން މި އޮތޯރިޓީއާ ޙިއްޞާކުރެއެވެ.

ހަމަ އެއާއެކު، ޕްރޮގްރާމް އޮޑިޓް އަކީ ވަކި މުއްދަތެއް އެކުލެވޭ މަސައްކަތަކަށް ވާތީ އެމް.ކިޔު.އޭ އިން އަންނަނީ އެ މުއްދަތު ގެ ތެރޭގައި ޕްރޮގްރާމް އޮޑިޓް ނިންމުމުގެ މަސައްކަތް ކުރުމަށް ހާއްޞަ ސަމާލުކަމެއް ދެމުންނެވެ. އަދި ބައެއް މަރުކަޒުތަކުން ހުށަހަޅާ ޕްރޮގްރާމް އޮޑިޓް ގެ ބައެއް ލިޔެކިޔުންތައް މަދުވުމުގެ ސަބަބުން ޕްރޮގްރާމް އޮޑިޓް ކުރިއަށް ނުގެންދެވި އަނބުރާ އެ މަރުކަޒަކަށް ފޮނުވަން ޖެހުމަކީ ވެސް ޕްރޮގްރާމް އޮޑިޓް ލަސްވެގެން ދާ އެއް ސަބަބެވެ. ޕްރޮގްރާމް އޮޑިޓް ގެ މުއްދަތު 16 މެއި 2022 ގައި ދިވެހިސަރުކާރު ގެ ގެޒެޓް ގައި ޝާއިޢުކޮށްފައި ވާ "ޕްރޮގްރާމް އޮޑިޓް ޤަވާއިދު" ގެ 8 ވަނަ މާއްދާ (ޕްރޮގްރާމް އޮޑިޓަށް ހޭދަވާ މުއްދަތު) ގެ (ށ) ގައި ބަޔާންކޮށްފައި ވާނެއެވެ.  

ވުމާއެކު، މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ފޮނުވާފައިވާ ޕްރޮގްރާމް އޮޑިޓް ގެ ބެޗް ތަކުގެ ތެރެއިން ވަކިވަކި ދަރިވަރުންނަށް އަވަސް ކޮށް ދިނުމަށްޓަކައި ޕްރޮގްރާމް އޮޑިޓް ހަދައިދިނުމަކީ ޕްރޮގްރާމް އޮޑިޓް ގަވައިދު ގެ ދަށުން ހަމަޖެހިފައިވާ ކަމެއް ނޫން ކަމުގައި ދެންނެވީމެވެ.

16 އޭޕްރިލް 2023
ހޯދާ