އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ މަގުތަކަށް ކުނި އެޅުމާއި ކުނިނެރެފައި މަގުތަކުގައި ބެހެއްޓުން

މިހާރަކަށްއައިސް މާލޭ ސަރަހައްދުގެ (މާލެ/ހުޅުމާލެ/ވިލިމާލެ) މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނިނެރިފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން މިއެޖެންސީން ފާހަގަކުރަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މާލެ ސަރަހައްދުގެ މަގުތަކަކީ ނުހަނު ކާރު ބާރުބޮޑު އަދި އެހާމެ ހަނި މަގުތަކަކަށް ވުމުން މިގޮތަށް ކުނި ނެރެފައި ބެހެއްޓުމުން ތަފާތުއެކި އުނދަގޫތަކާއި ކުރިމަތިވެއެވެ. މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ޚަރާބުވެ، ގޮނޑުވަމުން ދެއެވެ. މަގުތަކާއި ކަންމަތިތަކަށް ކުނި ނެރެފައި ބެހެއްޓުމާއި ގުޅިގެން ފާހަގަކުރެވޭ ބައެއް ކަންކަން:

-          ކުނި ނެގުމުގެ ޚިދުމަތް ދޭ ފަރާތުން އައިސް ނަގައިގެން ގެންދާނެކަމަށް ބަލާ ގޭދޮރުން ބޭރުގައި ދުވާރުމަތީގައި ނުވަތަ ކަންކަންމަތީގައި ކުނި ބެހެއްޓުން.

-          ކުނި ކޮތަޅު ފުރޭއިރަށް ގޭތެރޭގައި އެ ކޮތަޅު ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ ކުނި ކޮތަޅު ގެއިންނެރި މަގުމަތީގައި ބެހެއްޓުން.

-          ކުނި އުކާލުމުގެ ޚިދުމަތް ދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށާއި ކަންކަންމައްޗަށް ކުނިނެރުން.

-          ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތުގެ މުވައްޒަފުން ގެޔަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައިސްގެން ކުނި ކޮތަޅު ގެއިންނެރި ބޭރުގައި ބެހެއްޓުން.

-          އެކިއެކި މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދިޔުން.

-          ބަލްކު ކުނި (ފަރުނީޗަރ/ގޮދަޑި/ދޮންނަމެޝިންފަދަ ތަކެތި) އުކާލުމުގެ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް އަޅާފައި ބެހެއްޓުން.

-          ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބެހެއްޓުން.

މަތީގައި ބަޔާންކުރެވުނު ކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު: 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރު: 2013/R-58 (ކުނި މެނޭޖުކުރުމުގެ ގަވާއިދު) ހުއްދަކުރާ ކަންކަމަށް ނުވާތީވެ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެއްވެސް ސަބަބަކާހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރިފައި ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަންކަމެވެ. ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކު މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެއެވެ. އެންގިކަމުގައި ވިޔަސް އެގޮތަށް ކުނި ކޮތަޅުތައް ނެރި މަގުމަތީގައި ބަހައްޓައިގެން ނުވާނެއެވެ.

ވީމާ، ކުނި މެނޭޖުކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރަމެވެ. އަދި ކުނިބުނީގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކާއި ދުވާރުތަކާއި ހުސްތަންތަން ހަޑިވެ ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމުގައި ދަންނަވަމެވެ. ކުނިބުނިން ސަލާމަތްވެފައިވާ ވެށްޓެއް ލިބިފައި އޮތުމަކީ އެކިއެކި ބަލިތަކުން ސަލާމަތްވެ، އާއްމު ދުޅަހެޔޮކަން އިތުރުވާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

10 އޭޕްރިލް 2023
ހޯދާ