މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ ޤަރާރު

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

    ރަތްމަންދޫ، ދިވެހިރާއްޖެ.

 

         ނަންބަރު :    362/2023/Q-01

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ ޤަރާރު

 

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

 

 2008  އޯގަސްޓް 07 ގައި ތަޞްދީޤު ކުރެވުނު ދިވެރި ރާއްޖޭގެ 06 ވަނަ ޤާނޫން އަސާސީން ފަހިކޮށްދިން އެއް ފުރުޞަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމެވެ. މިގޮތުން ޤާނޫން އަސާސީގެ 230 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ބާރު ލިބިގެން  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށް ބޭނުންވާ  ޤާނޫނީ ފުރިހަމަ ބާރު އިދާރީ ދާއިރާތަކަށް  ލިއްބައި ދިނުމަށް ޤާނޫން  ނަންބަރު: 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން" އެކުލަވާލައި 2010 މެއި 17 ވަނަ ދުވަހު ތަޞްދީޤު ކުރެވުނެވެ. ދެންނެވުނު ޤާނޫންގެ   6، 21 އަދި 39 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލް ތަކަކީ އެ ދާއިރާއަކަށް ނިސްބަތްވާ، ހަވާލާ ދެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތައް ލާމަރުކަޒީ އުޞޫލުން އުފުލުމަށް އުފައްދާފައިވާ މިނިވަން މުސްތަޤިއްލު އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ވަކި ވަކި ޝަޚުސްތަކެކެވެ.

ޤާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މިފަދަ ގިނަ ގުނަ ޒިންމާތައް ޙަވާލު ކޮށްފައިވާ އެހެން ވަކި އިދާރާއެއް ދައުލަތުގައި ފެންނާކަށް ނެތެވެ. އެހެނީ ކައުންސިލްތަކަކީ، ވިހާ މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމުން ފެށިގެން، ދައުލަތުގެ އެކި އެކި ވުޒާރާތަކާއި، މުސްތަޤިއްލު އިދާރާތަކާއި، ކޯޓުތަކާއި، ފުލުހުންނާއި، ސިފައިންނާއި، މި ހުރިހާ ފަރާތްތަކެއްގެ މަސައްކަތް ތަކުގައި އެހީތެރިވުމުގެ އިތުރުން އެ އިދާރީ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތަކާއި، ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމާއި، އަދި ޤައުމީ އިދާރާތަކާ މަތިކޮށްފައިވާ ޒިންމާތަކާއި، ގުޅިގެން އެ އިދާރާތަކުން ދޭ ގިނަ ޚިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން އެއްމެ ބޮޑަށް ހަރަކާތްރެރިވާ ފަރާތެވެ. ދެންނެވުނު ހުރިހާ ކަމަކީވެސް ޤާނޫނު ނަންބަރު: 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ ދަށުން ކައުންސިލްތަކުން ކުރުމަށް ލާޒިމްކުރާ ކަންކަމެވެ. މި ދެންނެވި އެންމެހާ ކަންކަމެއް ކައުންސިލްތަކުގައި ކުރަންތިބީ ވަރަށް މަދު މުވައްޒަފުން ކޮޅެކެވެ. އަދި މި ދެންނެވުނު މުވައްޒަފުންނަކީ ދައުލަތުން މި ވަގުތަށް އެންމެ ކުޑަ މުސާރައެއް ދޭ ފަރާތްތަކަށް ވާކަމީ މި ކައުންސިލުން ނުހަނު ހިތާމަ ކުރާކަމެކެވެ.   

ކަންހުރީ މިހެން ކަމުގައި ވިޔަސް ނެޝެނަލް ޕޭ ކޮމިޝަނުން 2022 މޭ 01 ގައި "ބައެއް އެލަވަންސްތަކާއި ޢިނާޔަތް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު" މިންގަނޑު ނަންބަރު:478-NPC/2022/ST-13  ނަމުގައި  ގެޒެޓް ކުރެވިފައިވާ އުސޫލުގެ ދަށުން ދައުލަތުގެ މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު، އެންމެ ތިރިން ގިންތި ކުރެވިފައި އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން މަތިކޮށް އެތައް މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ވަކި ވަކި ޝަޚުސެއް ކަމުގައިވާ ކައުންސިލް އިދާރާތަކެވެ. ހަވާލާ ދެވުނު ނެޝެނަލް ޕޭ ކޮމިޝަންގެ އުސޫލުގެ 02 ވަނަ މާއްދާގައި ބުނެފައިވަނީ "ދައުލަތުގެ އިދާރާތަކުގެ ގިންތިތައް ކަނޑައެޅުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާފައިވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރާއްޖޭގައި ޢަމަލުކުރަމުންގެންދާ ޤާނޫނުތަކުގައި ދައުލަތުގެ ބާރުތައް ވަކި ކުރެވިފައިވާ ގޮތަށާއި، އޭގެ މައްޗަށް ރިޢާޔަތްކޮށް އެކިއެކި މުއައްސަސާތަކަށް ދެވިފައިވާ ބާރުތަކާއި އިޚްތިޔާރުތަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައްފަދަ ކަންކަމުގެ މައްޗަށެވެ. އަދި މުއައްސަސާތަކުގެ މަސްއޫލިއްޔަތުގެ ބާވަތްތަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ތާރީޚީގޮތުން މުއައްސަސާތައް ތަސައްވުރު ކުރެވިފައިވާ ގޮތާއި، މުއައްސަސާތަކުގެ މަސައްކަތުގެ ވަގުތުތައް އިންތިޒާމުކުރެވިފައިވާ ގޮތްތައްފަދަ ކަންތައްތަކަށްވެސް ރިޢާޔަތްކޮށްފައިވާނެއެވެ." ނަމަވެސް ކައުންސިލްތައް ހަތަރުވަނަ ގިންތީގައި ނެޝެނަލް ޕޭ ކޮމިޝަނުން ހިމަނާފައި ވަނީ ޚުދު އެ ކޮމިޝަންގެ ހަވާލާ ދީފައިވާ އުސޫލުގެ ދެވަނަ މާއްދާއާ މުޅިން ޚިލާފަށް ކަމުގައި މި ކައިންސިލުން ޤަބޫލުކުރަމެވެ. އެކަން ކައުންސިލަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކާއި، މަތިކޮށްފައިވާ ޒިންމާތަކުން ވަރަށް ފުރިހަމައަށް ހާމަވާނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޙަވާލުކޮށްފައިވާ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވާކަށް ފާހަގަކުރަމެވެ. އަދި 2009 ގައި އަސާސީ މުސާރައަށް ބަދަލު އައިފަހުން ކައުންސިލެއްގެ އެއްވެސް އިދާރީ މުވައްޒަފެއްގެ އަސާސީ މުސާރައަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވުމީ މި ކައުންސިލުން ނުހަނު ކަން ބޮޑުވާ ކަމެކެވެ.

ރަށެއްގައި ދަޢުލަތުގެ އެތަކެއް އިދާރާތައް ޤާއިމު ވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް، ރަށުގައި ޤާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ، އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަ ކުރަމެވެ. އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތި ކަމުގައި ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައި ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި، މުއައްސަސާތައް ހަތަރު ގިންތިއަކަށް ގިންތި ކުރެވިފައިވާއިރު އެންމެ ތިރިން ކައުންސިލްތައް ގިންތި ކުރެވިފައިވުމީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް ކުރިއަށް އޮތްތަނުގައިވެސް އެދެވޭ ބަދަލެއް ގެނައުމަށް ނެޝެނަލް ޕޭ ކޮމިޝަނުގެ ނިޔަތް ނެތްކަން އަންގައިދޭ އަލިގަދަ ދަލީލެކެވެ. ހަމަ އެއާއެއެކު ހަތަރުވަނަ ގިންތި، ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލްތަކެވެ. ޕޭ ފްރޭމްވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދަޢުލަތުގެ ވުޒާރާތަކުގެ ތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވުމީ ހިތާމަ ހުރިކަމެކެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވަންސެއް ދެމުން ގެންދާއިރު، ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވަންސްތައް ނުލިބި މުސާރާއިގެ ފަރަޤު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސާރވިސްގެ އެކި އިދާރާތަކުގައި އެއް ހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

 

ކައުންސިލް އިދާރާތަކަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ 230 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ބާރު ލިބިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށް ބޭނުންވާ ފުރިހަމަ ޤާނޫނީ ބާރާއި، އެތަކެއް ޒިންމާއެއް މަތިކޮށްފައިވާ އިދާރާތަކަކަށް ވީ ހިނދު މި ދެންނެވި ޒިންމާތައް އަދާކުރުމަށް މަތިކޮށްފައިވާ މުވައްޒަފުންނަކީ މުޅި ދައުލަތުގައި ވެސް އެންމެ ކުޑަ މުސާރަ ލިބޭ، އެންމެ ދަށުން ގިންތިކޮށްފައިވާ އިދާރާތަކަށް ނިސްބަތްވާ މުވައްޒަފުންނަށް ވުމީ މިކައުންސިލަށް ބަލައިގަންނަށް ނުހަނު އުދަނގޫކަމެކެވެ. ވުމާއެކު ދައުލަތުގެ ހުރިހާ ވުޒާރާއެއްގެ މުވައްޒަފުންނަށް މިހާރުވެސް ލިބިދޭ އަސާސީ މުސާރާއިގެ %35 އެލަވަންސް، ކައުންސިލުގެ އިދާރީ ކޮންމެ މުވައްޒަފަކަށް މި ހިނދުން މި ހިނދަށް ލިއްބައި ދިނުމަށާއި، ކައުންސިލް މުވައްޒަފުން އަދާކުރާ ބުރަ މަސްއޫލިއްޔަތާއި، ޒިންމާތަކާއި އެކަށޭނެ މުސާރައެއް ކައުންސިލްތަކުގެ މުވައްޒަފުންނަށް ލިބިދިނުމަށާއި، ނެޝެނަލް ޕޭ ކޮމިޝަނުން 2022 މޭ 01 ގައި "ބައެއް އެލަވަންސްތަކާއި ޢިނާޔަތް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު" މިންގަނޑު ނަންބަރު:478-NPC/2022/ST-13  ނަމުގައި  ގެޒެޓް ކުރެވިފައިވާ އުސޫލުގެ ދަށުން ބޭއިންސާފުން ހަތަރުވަނަ ދަރަޖައަށް ކައުންސިލްތައް ގިންތި ކޮށްފައިވާކުރުން ނިމުމަކަށް ގެނެސް އެ އުސޫލުގެ 02 ވަނަ މާއްދާ ހަގީގީ މާނައިގައި ތަންފީޒު ވާފަދަ ގިންތިއެއްގައި ކައުންސިލްތައް ހިމެނުމަށް މި ކައުންސިލުން ގޮވާލަމެވެ.

 

08 ރަމަޟާން 1444

                           30 މާރިޗް 2023

30 މާރިޗު 2023
ހޯދާ