މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ ޤަރާރު

ޤަރާރު ނަންބަރު 293/293/2023/1(IGR)

 

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

         މެއި 2010 ގައި ތަޞްދީޤު ކުރެވުނު ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާ   ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަދާފައިވާ ތަންތަނެވެ. އެގޮތުން ހަމަ އެޤާނޫގައި ކައުންސިލް ތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައް ތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނެއެވެ.

         ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ. އަދި ދަޢުލަތުގެ ޤައުމީ އިދާރާތަކަށް މަތިކޮށްފައިވާ މެންޑޭޓް ތަކާއި އެ އިދާރާތަކުން ދެއްވާ ބައެއް ޚިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ޤައުމީ އިދާރާތަކުން އެދޭ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރ 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލާޒިމް ކުރާ ކަންކަމެވެ. ނަމަވެސް ކައުންސިލް ތަކުގައި ތިއްބަވާ މަދު މުވައްޒަފުން ކޮޅަކާއެކު ރައްޔިތުންނަށް ދޭންޖެހޭ އެއްމެހައި ހިދުމަތްތައް މެދުނުކެނޑި ދިނުމަށް އެ މުވައްޒަފުންގެ ގިނަ ވަގުތުތައް ހޭދަކުރެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތައް ޤާއިމް ވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ އެއްމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަ ވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަ ކުރަމެވެ. އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތި ކަމުގައި ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފަ ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނި ގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތަކެވެ. ހަމަ އެއާއި އެކު ހަތަރުވަނަ ގިންތި ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލްތަކެވެ. ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ހަމަ އެގިންތީގައި ގުނަންޖެހޭ އިދާރާއެއްކަން މިކައުންސިލުން ދެކެމެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވެންސް އެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވުމަކީ ސިވިލް ސާރިވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

         ކައުންސިލް އިދާރާތަކަކީ ރަށުގެ އެންމެ މަޝްޣޫލް އަދި އެންމެ ޒިންމާ ބޮޑު ތަނަށްވެފައި، ތަނުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް މި ކައުންސިލުން ޤަބޫލުކުރަމެވެ. ރަށު ކައުންސިލް ތަކަކީ ވަކި އޮނިގަނޑެއް އޮންނަ، ނަމަވެސް އެންމެ މުސާރަ ކުޑަ އޮނިގަނޑަށްވާތީއާއި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފައިވާ އިދާރާތަކުގެ ގޮތުގައި ކައުންސިލްގެ އިދާރާތަށް ހިމެނޭތީ އެކަން ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ބަލައިގަންނަން ޖެހޭކަމަށް މި ކައުންސިލުން ދެކެމެވެ. އަދި ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް އަބުރުވެރިކަމާއެކު އުޅެވޭނެ އަދި ޒިންމާތަކާ އެކަށޭނެ ބޮޑު މުސާރައެއް  ދިނުމަށް މި ކައުންސިލުން ގޮވާލަމެވެ. އަދި މުޢައްޒަފުންގެ މަސައްކަތު ފެންވަރުބަލާ އެކަށޭނެ ކުރިއެރުން ލިބޭނެގޮތައް އޮނިގަނޑު ބައްޓަން ކުރުމަށް މި ކައުންސިލުން ގޮވާލަމެވެ.

 

           14 ރަމަޟާން 1444

           05 އެޕްރީލް 2023

 

 

 

#

ފަރާތް

ސޮއި

1

ކައުންސިލްގެ ރައީސް ފަތުހުﷲ ނަޞީރު

 

2

ކައުންސިލްގެ ނައިބު ރައީސް މުދުރިކަތު އަޙްމަދު

 

3

ކައުންސިލް މެންބަރު އަޤީލް ހުޞައިން

 

4

ކައުންސިލް މެންބަރު ޞާފިޔާ ޚާލިދު

 

5

ކައުންސިލް މެންބަރު ޢާމިނަތު ޔުމްނާ ޢަބްދުލްޣަނީ

 

05 އޭޕްރިލް 2023
ހޯދާ