މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 2019/R-1017) ގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް މިމިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް، އެމަސައްކަތްކުރާ ފަރާތްތަކަށް އެންގުން.

ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 4/2017) ގެ 95 ވަނަ މާއްދާގެ (ހ) ގެ (11) ގެ ދަށުން އެކުލަވާލާފައިވާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 1017/2019-R) ގެ ދަށުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ އަދި ދިވެހިރާއްޖޭގައި އުފައްދަންވާނީ، އެތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް މިމިނިސްޓްރީން ދޫކުރާ ހުއްދަ ހޯދައިގެންނެވެ. އަދި މިމިނިސްޓްރީގެ ހުއްދަ ނުހޯދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެތެރެ ކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމަކީ މަނާކަމެކެވެ.

މިގޮތުން ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދުގައި އެތެރެ ކުރުމަށާއި އަދި އުފެއްދުމަށް ހުއްދަ ނަގަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކަކީ:

1- ސިމެންތި (ޢިމާރާތް ކުރުމަށް ބޭނުންކުރާ)

2- ހިލަ (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)

3- ވެލި (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)

3.1- ސިލިކާ ސޭންޑް އަދި ކުއާޓްސް ސޭންޑް

3.2- ރިވާ ސޭންޑް

3.3- ނެޗުރަލް ސޭންޑް (ރިވާ ސޭންޑް، އެކްސެލް)

3.4- ސްޓޯން ޑަސްޓް / ކުވަރީ ޑަސްޓް

3.5- މެނުފެކްޗާޑް ސޭންޑް އަދި އިމާރާތްކުރުމުގައި ބޭނުންކުރާ އެހެނިހެން ކުރަޝްޑް ސްޓޯންސް

4- ދަގަނޑު (ޢިމާރާތްކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)

4.1- ރީބާ (ކޮންކްރީޓަށް ބޭނުންކުރާ އެނބުރި ދަނގަނޑު)

4.2- އައި. ސެކްޝަން  (I Beam)

4.3- އެޗް. ސެކްޝަން (H Beam) 

5- ރެޑީމިކްސް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)

6- ރެޑީމޭޑް ބްލޮކްސް (ޢިމާރާތްކުރުމަށް ބޭނުންކުރާ ގައު)

 

އަދި މަތީގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރަންވާނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" (ގަވާއިދު ނަންބަރު R-1019/2019) ގެ ދަށުން SY ނުވަތަ CM ކެޓަގަރީގައި ރަޖިސްޓަރީ ވެގެންނެވެ. އަދި ރަޖިސްޓްރީ ނުވެ މަސައްކަތްތައް ކުރާ ފަރާތްތަކާ މެދު ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އަންގަމެވެ.

މަތީގައި ދަންނަވާފައިވާ ބާވަތްތައް އުފައްދާ ފަރާތްތަކުން ޢިމާރާތްކުރުމުގެ ބޭނުމަށް އުފައްދާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް އެ ތަކެތި އުފައްދާފައިވަނީ އަދި ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ މިމިނިސްޓްރީން ހުއްދަ ނަގައިގެންތޯ މިމިނިސްޓްރީގެ ފަރާތުން ބަލާ ޗެކްކުރަމުން ގެންދާނެ ވާހަކަ ދަންނަވަނެވެ. ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު"ގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަމެވެ.

ހުއްދަ ހޯދުމަށް ބޭނުންވާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓު: www.planning.gov.mv/cidd އިން ލިބެން ހުންނާނެއެވެ. އަދި ހުއްދަ ހޯދުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި 4004830 ނުވަތަ 4004828 އަށް ގުޅުއްވުން އެދެމެވެ.

28 މާރިޗު 2023
ހޯދާ