ދިވެހިރާއްޖެ
ނަންބަރު: HDC(161)-MKS/IU/2023/178
އިޢުލާން |
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 'ވިނަރެސް' ހައުސިންގ މަޝްރޫޢިން އެޕާރޓްމަންޓް ގަތުމަށް ހުޅުވާލެވުނު ފުރުޞަތާއި ގުޅޭ:
ވިނަރެސް މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖައު ކޮށްފައިވާ ލިސްޓް އާންމުކުރުމަށް މިކޯޕަރޭޝަނުން ޝާއިއުކޮށްފައިވާ އިއުލާން ނަންބަރު: HDC(161)-MKS/IU/2023/60 (20 ފެބްރުއަރީ 2023) އާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިއުލާނާއެކު ޝާއިއުކޮށްފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މުރާޖައުކޮށްފައިވާ ލިސްޓްގައި މިނިސްޓްރީގެ މިންގަނޑުތަކާއި އެއްގޮތަށް ޕޮއިންޓް ދެވިފައިވާއިރު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ މި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. މިގޮތުން، ގުރުނެގުން 29 މާރިޗް 2023 ވަނަ ދުވަހު މިކޯޕަރޭޝަނުން ކުރިއަށް ގެންދެވޭނެކަމުގައި ދަންނަވަމެވެ.
މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް ވާނި މިލިސްޓުން އުނިކުރެވިފައެވެ. އަދި ދަންނަވަމެވެ ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި މިކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތަކަށް ދެވަނަފަހަރަށް އެޕްލިކޭޝަނާއިގެން ކުރިއަށް ދިއުމުގެ ފުރުޞަތު ނުދެވޭނޭ ކަމުގައި ދަންނަވެމެވެ.
އަދި މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ފީ ނެގުމާއި 'ވިނަރެސް' އެޕާޓްމަންޓް އިޚްތިޔާރު ކުރުން މިކޯޕަރޭޝަނުން ކުރިއަށް ގެންދާނީ މަތީގައި ދެންނެވުނު ގުރުނެގުމަށްފަހު ލިސްޓް ތަރުތީބުކޮށް ޝާއިއުކުރެވޭ ލިސްޓާއި އެއްގޮތަށެވެ.
ލިސްޓު ތަރުތީބު ކުރުމަށް ނެގޭ ގުރުއަތުލުން މިކޯޕަރޭޝަނުގެ ރަސްމީ "ފޭސްބުކް ޕޭޖް" އިން ލައިވް ކުރާނެ ކަމުގައި ދަންނަވަމެވެ. އަދި ގުރުނެގުން ކުރިއަށްދާ ގޮތް އޮބްސަރވް ކުރުމަށް، 2 (ދޭއް) ކެޓެގެރީއިންވެސް މަދުވެގެން 5 (ފަހެއް) ފަރާތައް ދައުވަތު އެރުވޭނެއެވެ. އަދި، މިކަމާ ގުޅޭގޮތުން މި ފަރާތްތަކަށް ފޯނުގެ ޒަރީއާއިން ގުޅާނީ ހަމައެކަނި މިކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރ 3353535 މެދުވެރިކޮށެވެ.
އަދި، މަތީގައި ދެންނެވުނު ނަންބަރުގެ އިތުރުން މިކޯޕަރޭޝަނުން އެއްވެސް މޯބައިލް ފޯނު ނަންބަރަކުން ވިނަރެސް ހައުސިންގް މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމުގައި ދަންނަވަމެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން އެސް.އެމް.އެސް ނުވަތަ އެއްވެސް ލިންކެން ނުފޮނުވާނެ ކަމުގައިވެސް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރ 1516 އަށް ގުޅުއްވުމަށް އެދެމެވެ.
05 ރަމަޟަން 1444ހ
27 މާރިޗް 2023މ