ދިވެހިރާއްޖެ
މެނެޖްމަންޓް އޮޑިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު އިތުރުކުރުން
ސަރުކާރުގެ މުއައްސަސާތައް އުފައްދާފައިވާ މަޤްޞަދުތައް ހާސިލުވަމުންދާ މިންވަރު ދެނެގަނެ، އެ މުއައްސަސާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށްތޯ ބަލައި، އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ ސަރުކާރުގެ މުއައްސަސާތައް މެނެޖްމަންޓް އޮޑިޓްކުރުމުގެ މަސައްކަތް ކުރާނޭ އޮޑިޓަރުން ތަމްރީނުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ "މެނެޖްމަންޓް އޮޑިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، މި ކޮމިޝަނުގެ ނަންބަރު MA/IUL/2014/9-ފ188 (30 ނޮވެންބަރު 2014) އިޢުލާނުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު 2015 ޖަނަވަރީ 12 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް އިތުރުކޮށްފައިވާކަމުގައި ދަންނަވަމެވެ. މި ތަމްރީނު ޕްރޮގްރާމް މިހާރު ހިންގުމަށް ހަމަޖެހިފައިވަނީ 2015 ޖަނަވަރީ 18 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 1 ހަފުތާގެ މުއްދަތަށެވެ. އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެގޮތުން ބައިވެރިންނާއެކު 3 ހަފުތާގެ މުއްދަތަށް ޕައިލޮޓް އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވެއެވެ. ޕައިލޮޓް އޮޑިޓްކުރުމުގެ މަސައްކަތުގައި ހޭދަކުރާނީ ދުވާލަކު 3 ގަޑިއިރެވެ.
ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ސިވިލް ސަރވިސްގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ހުޅުވައިލެވިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވާންވާނެއެވެ.
- މެނެޖްމަންޓުގެ ދާއިރާއިން ނުވަތަ އޮޑިޓިންގގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،
- އިދާރީ ހިންގުމުގެ ދާއިރާ ނުވަތަ އޮޑިޓިންގގެ ދާއިރާ ނުވަތަ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ދާއިރާގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުން ފެށިގެން މަތީ ފެންވަރުގެ މަޤާމެއްގައި ހަތަރު އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މެނެޖްމަންޓް އޮޑިޓިންގގެ ދާއިރާއިން ހަތަރު ހަފުތާއަށްވުރެ ކުރުނޫން ތަމްރީނެއް ފުރިހަމަކޮށް، ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ،
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން މީގެ ކުރިން ހިންގާފައިވާ މެނެޖްމަންޓް އޮޑިޓިންގއާގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަންގެ މެނެޖްމަންޓް އޮޑިޓްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ރާއްޖޭގެ ބޭފުޅުންނެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިބަހުންނެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 12 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެޕްލިކޭޝަން ފޯމާއެކު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ މި ކޮމިޝަނަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު، މި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޮމިޝަނުގެ ނަންބަރު 3307368 ފޯނަށް ގުޅުއްވުން އެދެމެވެ.