ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ހެލްތަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، މި މަޤާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓު ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެ ކްރައިޓީރިއާ މި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ފެނިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ކޮމިޝަނުގެ ފޯނު ނަންބަރު 3307336 އާ ގުޅުއްވުން އެދެމެވެ.
މަޤާމުގެ ޝަރުޠު:
- މެނޭޖްމަންޓުގެ ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛
- ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މުސާރައާއި އިނާޔަތްތައް:
- މުސާރަ: މަހަކު -/20،500 ރުފިޔާ
- ލިވިންގ އެލަވަންސް: މަހަކު -/15،000 ރުފިޔާ
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައި މިވާ ލިޔުންތައް 2015 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ ބިލްޑިންގ، 12 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).
- ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން:
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން، 2015 ޖަނަވަރީ 27 އިން 2015 ފެބުރުވަރީ 2 އާ ދެމެދު މާލޭގައި އޮންނާނެއެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
06 ރަބީޢުލްއައްވަލް 1436