ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވުން

ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފެނިފައިވާ ރިވެތި މިސާލު ފާހަނގަކޮށް ރަށުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ރައްޔިތުންނަށް މިފުރުޞަތުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިއަހަރުގެ ރަމަޟާން މަހަކީވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސް ތަކަކަށް ހަދައިދެވޭތޯ މިކައުންސިލުން އަދާކުރަންޖެހޭ ދައުރު އަދާކުރަން އެބަ މަސައްކަތް ކުރަމެވެ. އެގޮތުން ހުރިހާ ފަރާތްތަކުންވެސް މިދަންނަވާ ނުކުތާ ތަކަށް ޚާއްޞަ ސަމާލު ކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ.

  1. ރަށުގައިހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމު ތަކާއި ގްރޫޕް ތަކުންވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާންމަހުގެ މަޤްޞަދު ޙާޞިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުން.
  2. ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް ވަގުތު ފަހިކޮށްދިނުމާއި، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތު ތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތު ތަކާއި ފުށު ނާރާނެހެން، އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ ކަންކަން އިންތިޒާމް ކުރުން.
  3. 3.     ދުވާލުގެ ވަގުތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުން.
  4. ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުހިންގުން. އަދި ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތު ތަކަށް ދަތިނުވާނެހެން، މީހުންނަށް މާބޮޑު ބުރަޔަކަށް ނުވާނެހެން، މާދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުން.
  5. ވީވަރަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ރަށުގައިހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ މިއިދާރާކަމަށްވުމުން މިއިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރުން.

 

 

މިދެންނެވި ފަދައިން އެއްމެންގެ ވިސްނުން ބަހައްޓާހިނދު، ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެއެވެ. އަދި މީގެތެރެއިން މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރެވެމުންދާނެ ވާހަކަވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަތީގައި ދެންނެވުނު މަގުން ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި މިފަދަ އުޞޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި މިއިދާރާގެ އެއްބާރުލުން ނުލިބޭނެ ވާހަކަވެސް ހިތާމަޔާއިއެކު ދަންނަވަމެވެ. އަދި މިކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި މިއިދާރާއިން އެފަދަ ފިޔަވަޅުވެސް އަޅާނެ ވާހަކަ ދަންނަވަމެވެ.

09 މާރިޗު 2023
ހޯދާ