މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގެނެވޭ ބަދަލު

         (PR)438-WMPC/438/2023/1:ނަންބަރު         

 ނޫސްބަޔާން 

މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގެނެވޭ ބަދަލު

މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި މި މިނިސްޓްރީން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލައެވެ. މިހެން މިކަން ދިމާވުމުން، ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް (ކުނި އުފުލާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް) އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަން ފާހަގަކުރެވެއެވެ. އަދި އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މި މިނިސްޓްރީން ވެމްކޯއާ އެކު ކުރި މަޝްވަރާތަކުން ފާހަގަކުރެވުނީ މިކަމަށް އެންމެ އެދެވޭ ހައްލެއް ލިބޭނީ ވެމްކޯ އިން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ވެމްކޯ އަށް ލިބިގެންކަމެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 (ފަންސާސް ތިންހާސް ހަސަތޭކަ ނުވަދިހަ) ގެބިސީ ހުރެއެވެ. ނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކުރައްވައިގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 (ވިހި ހާސް) ގެބިސީއިންނެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކަވައިގެންކަމުގައިވާތީވެ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުމެވެ.

ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ޚިދުމަތަށް ފީ ނެގުމުގައި، ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގިދާނެ ކަމަށް ޤާނޫން ނަންބަރު: 24/2022 (ކުނި މެނޭޖްކުރުމުގެ ޤާނޫނު) ގައި ވަނީ ކަނޑައަޅާފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގެ ގޮތުގައި ޤާނޫނު ނަންބަރު: 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް ވަނީ މިހާރު ނިންމާފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ނަގާ ފީ ނުވަތަ އަގު ނަގަން ވާނީ މަތީގައި ފާހަގަކޮށްފައިވާ ދެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ބުނެފައިވުމާއެކު، ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އައު ފީ ސްޓަރަކްޗަރ އެ  ކޯޕަރޭޝަނުން ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަށް ހުށަހަޅައި ފާސްކޮށްފައެވެ. އަދި މިއާއެކު ވެމްކޯގެ ފީ ސްޓެލްކޯގެ ބިލުގައި ހިމަނާއިގެން ނެގުމަށްވެސް އެތޯރިޓީން ވަނީ މި ދެ ފަރާތަށް ހުއްދަ ދީފައެވެ.

ވީމާ، ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން 1 އޭޕްރީލް 2023 އިންފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާތީ އެކަން އެއްމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީމެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސާރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި ދަންނަވަމެވެ. އަދި މިގޮތަށް ފީ ނަގަން ފެށުމުން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރެއްވިކަމުގައިވިއަސް މާލޭސަރަހަދުގެ ހުރިހާ ގޭބިސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަމުންގެންދާނެ ކަމުގައިވެސް ދަންނަވަމެވެ. ނަމަވެސް މީގެ ތެރޭގައި ގެތަށް ސާފުކޮށްފަ އުކާލާ ބޮޑެތި ކުނި (ބަލްކީ ވޭސްޓް) ނުހިމެނޭނެއެވެ.

17 ޝަޢުބާން 1444

09 މާރިޗް   2023

09 މާރިޗު 2023
ހޯދާ