ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ އިން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ގަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އެޅުމާ ގުޅޭ.

އިޢުލާން

ތިނަދޫ އިޚްތިޞާޞް ހިނގާ ސަރަޙައްދުން ހަރުގެ އެޅުމަށާއި، މަސްވެރި އަދި ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ އެކިއެކި މަސައްކަތްތަކަށް ދޫކުރެވިފައިވާ ކުލީ ބިންތަކުގެ ތެރެއިން ބައެއް ބިންތަކަށް ގިނަ ޢަދަދެއްގެ ކުއްޔާއި ޖޫރިމަނާ  ނުދައްކާ ހުރުމުގެ ސަބަބުން ތިނަދޫ ރައްޔިތުންގެ މާލިއްޔާއަށް މި ނިމުނު ފެބްރުވަރީ މަހުގެ ނިޔަލަށް އަދިވެސް ޖުމްލަ 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުވަދެ ހުރިކަން މިއިދާރާގެ ހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ވަކި ފަރާތަކަށް ނިސްބަތްވާ ގިނަ ބިންތަކުގެ ކުލީގެ ޖުމްލަ މިލިއަނަށްވުރެ މަތިކަންވެސް ފާހަގަ ވެއެވެ. މިހުރިހާ ބިންތަކުގެ ތެރެއިން ބައެއް ބިންތަކުގެ މުއްދަތުގައި ކުލިދައްކައި ޚަލާޞް ނުކޮށް ބިންތަކުގެ މުއްދަތު އައުކުރުމަށްވެސް މިއިދާރާއަށް ހުށައަޅަމުންދާތީ، މިއީ ވަރަށް ހިތާމަހުރި، އަދި ގޯސްކޮށް ހިގަމުން އަންނަ ކަމެއްކަން ފާހަގަކޮށް، މިއިދާރާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ތަފާތު އެކި ސަބަބުތަކާހުރެ، ކުލި ނުދައްކާ ބިންތަކަށް 09 މެއި 2022 ވަނަ ދުވަހުން ފެށިގެން ބައިބަޔަށް ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީ މުއްދަތެއް ކަނޑައަޅައި، އެކި ފަރާތްތަކަށް ސިޓީ ފޮނުވިފައިވީނަމަވެސް، އެކަމަށް ބައެއް ފަރާތްތަކުން އިޖާބަ ދީފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

ވީމާ، ކައުންސިލުން އަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ބިމުކުލި ދައްކަމުން ނުދާ އެންމެހާ ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ނުދާނަމަ އެ ނުދައްކާހުރި ކުލި ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅުތައް އަޅަން މިހާރު މިއިދާރާއިން ފައްޓާފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

07 މާރިޗު 2023
ހޯދާ