މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދެންނެވުން

              ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއި އެކު ފެތުރެމުންދާކަމުގައި ވަނީ ފާހަގަކުރެވިފައެވެ. މިއީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއް ކަމުގައިވަނީ ފާހަގަކުރެވިފައެވެ. މި ބަލިޖައްސާ ފަނިފަކުސަ ރުކުގެފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިބަލި ރުކަށާއި، ދަނޑުގައި ހައްދާ ގަސްތަކަށާއި، ބަގީޗާ ގަސްގަހަށް ޖެހޭކަންވަނީ ކަށަވަރުކުރެވިފައެވެ. ވުމާއި އެކު މިބަލި ޖައްސާ ފަނިފަކުސާ/ޖަރާސީމު ދެނެގަނެ، ބަލިކޮންޓްރޯލްކުރުމަށް ކުރަންޖެހޭ ޙާއްސަ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް މިމިނިސްޓްރީން ކުރިއަށްގެންދެވޭނެއެވެ.  

              އެހެންކަމުން، މި ބައްޔާއިމެދު ގަސްވިއްކާ ފަރާތްތަކުންނާއި، ގަސްގަންނަ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިމިނިސްޓްރީއިން އިލްތިމާސްކުރަމެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއް ރަށަށް ގެންދާނަމަ، ދަނޑުތަކާއި ދުރުގައި ވަކިތަނެއްގައި ގަސްތައް ބަހައްޓަވައި، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓެވުމަކީ ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.  

              މީގެ އިތުރުން، މިބަލި އުޅޭކަމުގެ އެއްވެސް އަލާމާތެއް ގަސްގަހާގެހިން ފެނިއްޖެނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ، އެރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އަންގަވާދެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިމިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން އެންޑް ކަރަންޓީން ސަރވިސް ސެކްޝަންގެ ނަންބަރު 3339209 ފޯނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދޭ ވާހަކަ ދެންނެވީމެވެ.

08 މާރިޗު 2023
ހޯދާ