އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތަކުގެ ހުއްދަ ހޯދުމާއި ގުޅޭ

އިއުލާން

މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާކަމާއި، ސިއްޙީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާކަމުގެ ޝަކުވާތައް މި އެޖެންސީއަށް ގިނަ އަދަދަކަށް ލިބެމުންދާކަން ފާހަގަކުރަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ގަވާއިދު ނަންބަރު: 58-R/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ތަންފީޒީ އިދާރާއިން ހުއްދަ ހޯދުމަށް ފަހުގައެވެ. އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތަކެއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަންވެސް މި އެޖެންސީއިން ފާހަގަކުރަމެވެ. މީގެ އިތުރުން، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުގައި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އެފަދަ މަސައްކަތްތަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށް ވީނަމަވެސް އެމަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހުގައެވެ.

އެހެންކަމުން، އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 (ތިރީސް) ދުވަސްތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި ގަވާއިދު ނަންބަރު 58-R/2013 (ކުނި މެނޭޖުކުރުމުގެ ގަވާއިދު) ގެ ޖަދުވަލު (ޅ) ގެ ފޯމު މިއެޖެންސީއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އިސްވެ ބަޔާންކުރެވުނު މަސައްކަތްތައް ކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް މިހާރުވެސް އެޅުމަށް ދަންނަވަމެވެ.

އިންސާނުންގެ ސިއްޙަތާއި، އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވުމާއެކު އެފަދަ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މި އެޖެންސީއަށް ދެއްވުމަށް އެދި ދަންނަވަމެވެ.

07 މާރިޗު 2023
ހޯދާ