މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވިޔަފާރީގެ ރިކޯޑު ނުބަލަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން، އެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބު ކުރެވޭ މިންވަރަށް ވިޔަފާރީގެ ރިކޯޑުތައް ބެލެހެއްޓުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ލާޒިމުކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ރިކޯޑު ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ކުރިއަށްގެންދާ ކޮމްޕްލަޔަންސް އިންސްޕެކްޝަންތަކުގަޔާއި، މީޑިޔާގެ ޒަރީޢާއިން މި އޮތޯރިޓީން މި ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "ވިޔަފާރީގެ ހިސާބުތައް ބަލަހައްޓާނެ ގޮތުގެ ގައިޑު" މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv ގައި ވާނީ ޢާންމުކުރެވިފައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ފުރިހަމައަށް ރިކޯޑު ބަލަހައްޓަމުން ނުގެންދާކަން މި އޮތޯރިޓީއަށް ފާހަގަކުރެވެއެވެ.

ވީމާ، ވިޔަފާރީގެ ރިކޯޑުތައް ފުރިހަމައަށް ނުބަލަހައްޓާ ފަރާތްތަކާމެދު، 1 އެޕްރީލް 2015 އިން ފެށިގެން ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ފިޔަވަޅުތައް އަޅައި، ޖޫރިމަނާކުރަން ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ޓެކްސް ދައްކާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

ވިޔަފާރީގެ ރިކޯޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.  

29 ޞަފަރު 1436

21 ޑިސެންބަރު 2014
ހޯދާ