ދިވެހިރާއްޖެ
ކައުންސިލުން ކުއްޔައް ދޫކޮށްފައިވާ "ނަވަރަންނަ" އަދި "ސުވާސްތި" ދެ ބިމާއި ގުޅޭ ކައުންސިލްގެ ބަޔާން
މިކައުންސިލުގެ [ސުވާސްތި] އަދި [ނަވަރަންނަ] އޭ ކިޔުނު ގޯތި ކުއްޔަށް ދޫކުރެވިފައިވަނީ 2013 ޖޫން 1 ވީ ތާރީޚް ގައި ނ.ކުޑަފަރީ ލަންދޫގޭ ޢަބްދުލްމަޖީދު އިބްރާހީމާއި މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލާ ދެމެދު ސޮއިކުރެވިފައިވާ ކައުންސިލު އިދާރާގެ [ސުވާސްތި] ގޯތީގައި ގެސްޓްހައުސްއެއް ތަރައްޤީކޮށް ހިންގުމަށްވެވޭ އެއްބަސްވުން (އެއްބަސްވުމުގެ ނަންބަރު D-288/AMIL/2013/06) އަދި ޢަބްދުލްމަޖީދު އިބްރާހީމާއި މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލާ ދެމެދު 2013 ޖޫން 1 ވީ ތާރީޚް ގައި ސޮއިކުރެވިފައިވާ ކައުންސިލް އިދާރާގެ [ނަވަރަންނަ] ގޯތީގައި ގެސްޓްހައުސްއެއް ތަރައްޤީކޮށް ހިންގުމަށް ވެވޭ އެއްބަސްވުން (އެއްބަސްވުމުގެ ނަންބަރު D-288/AMIL/2013/05) ގެ ދަށުންނެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002/1) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަކުރުގައި އޮތީ؛
"ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް މި ޤާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ޙަވާލުކުރެވޭ ބިން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، އެތަނަކުން ދޫކުރަންވާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، އެ މިނިސްޓްރީއާއި ނުވަތަ އިދާރާއާއި ނުވަތަ ކައުންސިލާއި، ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރިމަންޓެއްގެ ދަށުންނެވެ."
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002/1) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ 2 އަކުރުގައި އޮތީ؛
"އެ ބިމާ ގުޅިގެން އެފަރާތަށް ލިބިފައިވާ ޙައްޤާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް އެ ބިން ނުވަތަ އެ ބިމުން ބައެއް، ބިން ޙަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، ވިއްކުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ބަދަލުކުރުން"
ވީމާ، ބިމާބެހޭ ގޮތުން ކުރެވޭ މުޢާމަލާތުތަކަކީ ލިޔުމުން އޮތުން ޤާނޫނީގޮތުން ލާޒިމުކުރާ އެއްޗަކަށްވެފައި ތިންވަނަ ފަރާތަކާއި ކައުންސިލާއި ދެމެދު ތައާގުދީ (contractual) ގުޅުމެއް އުފެދިގެންދާ ފަދަ މުއާމަލާތެއް ކުރެވޭނީ، ކައުންސިލަށް އެކަން ދުރާލާ އެނގި، ކައުންސިލްގެ ރުހުން އެކަމުގައި އޮވެގެންނެވެ. އެހެނީ، ދެފަރާތެއްގެ ދެމެދު ތައާގުދީ ގުޅުމެއް އުފަންވާނީ، އެދެބައިވެރިން އެކަމަށް ރުހި ޤަބޫލުވެ، ޤާނޫނީ ގޮތުން ބަނދެވުމުގެ ނިޔަތް ދެފަރާތުގައިވެސް އޮވެގެންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
ދަންނަވަމެވެ. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލުން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި މަތީގައި ބަޔާންކުރެވުނު މާއްދާތަކުގައި ބަޔާންކުރާ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮއްފައެއް ނުވާނެއެވެ.
އަދި މިކައުންސިލުގެ [ސުވާސްތި] އަދި [ނަވަރަންނަ] އޭ ކިޔުނު ގޯއްޗާއި ގުޅޭ ގޮތުން ކައުންސިލުން އެތަންތަން ކުއްޔައް ދޫކޮށްފައިވާ މިރަށު ލަންދޫގޭ އަބްދުލް މަޖީދު އިބްރާހީމް އާއި ފިޔަވާ މި މައުޟޫގައި އެއްވެސް ފަރާތަކާ މުއާމަލާތެއް ކޮއްފައިވާނަމަ އެކަން ރިވިއުކޮށްފައިވާ ކަމަށާއި މީގެ ފަހުން އެއްބަސްވުން ހެދިފައިވާ ފަރާތާތް ނޫން ފަރާތަކާއި އެކު މުޢާމަލާތް ނުކުރުމަށް މިކަންސިލްގެ 49 ބައްދަލުވުމުން ނިންމައި އެކަން 2022 ޑިސެމްބަރ 27 ވަނަ ދުވަހުގައި މި ކައުންސިލުގެ ސިޓީ ނަންބަރު (L)288/SUV/2022/008 އިން މިރަށު ލަންދޫގޭ ޢަބްދުލްމަޖީދު އިބްރާހީމަށް ވާނީ އަންގާފައެވެ.
އެހެންކަމުން، މިކައުންސިލުގެ [ސުވާސްތި] އަދި [ނަވަރަންނަ] ބިމުގެ މިލުކުރެވިކަމާއި މެދަށް މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލާއި މިރަށު ލަންދޫގޭ ޢަބްދުލްމަޖީދު އިބްރާހީމު ފިޔަވައި އެއްވެސް ފަރާތަކުން ދައުވާކުރާނަމަ އެކަމަކީ އެފަރާތަކުން ދިވެހި ދައުލަތުގެ ބިން ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ބޭރުން ފޭރިގެން އެފަރާތެއްގެ މިލުވެރިކަމުގެ ދަށަށް ގެނެސްފައިވާކަމަށް އެފަރާތަކުން ދޭ އިއުތިރާފީ ބަޔާނެކެވެ.
ވީމާ، ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ދިވެހި ދައުލަތުގެ ބިން ފޭރުމުގެ އަމަލުގައި ތަހުގީގުކޮށްދެއްވުމަށް ފިޔަވަޅު އެޅުއްވުމަށް ދިވެހި ދައުލަތުގެ އިދާރާތަކަށް މިކައުންސިލުން ގޮވާލަމެވެ.
ނޯޓް: މި މައްސަލައިގައި ކައުންސިލަރ ދިމްޝާ އަބްދުލް މަޖީދުގެ މަސްލަހަތު ފުށޫ އަރާތީ ބައިވެރިވެވަޑައި ނުގަންނަވައެވެ.