އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
AM AAGAM ނަމަކަށް ކިޔާ ބާޖު ކ. ބޮޑުގިރިއަށް އެރުމާއި ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

AM AAGAM ނަމަކަށް ކިޔާ ބާޖު 03 އޮކްޓޫބަރު 2022 ގައި ކ. ބޮޑުގިރިއަށް ވަނީ އަރާފައެވެ.

މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 31,435,400/- (ތިރީސް އެކެއް މިލިއަން ހަތަރުލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ 24 ޖަނަވަރީ 2023 ގައި އެންގިފައެވެ.

މި ބާޖު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއިން ވަނީ އެ އުޅަނދުގެ ވެރިފަރާތުގެ ސަރވެޔަރުންނާއެކު 20 ނޮވެންބަރު 2022 ގައި އެ ސަރަޙައްދަށް ގޮސް ޖޮއިންޓް-ސަރވޭއެއް ކޮށްފައެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 1248 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިއީ މި ބާޖު ފަރަށް އަރައިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރެވޭ ތިންވަނަ މައްސަލަ ކަންވެސް ފާހަގަކުރަމެވެ.

04 ރަޖަބް 1444

26 ޖަނަވަރީ 2023
ހޯދާ