ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމާ ގުޅޭ
ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލެވި، 5 ޖަނަވަރީ 2023 ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) އިފްތިތާޙްކުރެވި، ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
މިގޮތުން 16 ޖަނަވަރީ 2023 އިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީއެހީއަށް އެދޭ ފަރާތްތަކަށް، މިހާރުވެސް އަމަލުކުރާ ފަދައިން، ދަފްތަރުގައި ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މި ދަފްތަރު ވުޖޫދުވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މިހާރު ލިބެމުންދާ އެއްވެސްފަރާތެއްގެ އެހީ މެދުކަނޑާލެވިގެންނުދާނެއެވެ. އެފަރާތްތަކުގެ މަޢުލޫމާތު ދަފްތަރުން ފެންނަންހުންނާނެއެވެ. އަދި އެފަރާތްތަކުގެ މަޢުލޫމާތު ދަފްތަރުގައި އަދާހަމަކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް އިސްކަމެއްދިނުމަށް މި އެޖެންސީއިން އެދެމެވެ.
މިގެނެވުނު ބަދަލާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 (ރަސްމީބަންދުނޫން ދުވަސްދުވަހު 8:00 އިން 2:00 އަށް) ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
22 ޖުމާދަލްއާޚިރް 1444
15 ޖަނަވަރީ 2023