ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި، ގަޑިތަކާއި، ކައިވެނީގެ މަޖިލިސް ބާއްވާނެ ތަނެއް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި، ގަޑިތަކާއި، ކައިވެނީގެ މަޖިލީސް ބާއްވާނެ ތަނެއް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު)

ތަޢާރުފާއި ނަން 

1.

(ހ)

 

މިއީ، ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަދުލު އިންޞާފު ޤާއިމކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ޤަވާޢިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއްކަމަށް ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި ކޮންމެ ކޯޓަކަށްވެސް އެކޯޓުގެ އިޚްތިޞާޞްގެ ދާއިރާގައި ޢާންމު ޤަވާޢިދުތައް ހެދުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ޤާނޫނީގޮތުން ލިބިފައިވާ ބާރުގެ ދަށުން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލެވިފައިވާ އިދާރީ ހިންގުމުގެ އުޞޫލެކެވެ.

 

 

(ށ)

މި އުޞޫލަށް ކިޔާނީ " ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކާއި، ކާވެނީގެ މަޖިލީސް ބާއްވާނެ ތަނެއް ކަނޑައެޅުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މިހެންނެވެ.

 

މަޤްޞަދު

2.

މި އުޞޫލުގެ މަޤުޞަދަކީ ޢާއިލާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ)ގައިވާ ފަދައިން މި ކޯޓަށް ހުށަހަޅާ ކައިވެނިތަކުގެ ތެރެއިން ކޯޓުން ބޭރުގައިކުރާ ކައިވެނީގެ މަޖިލީސް ބާއްވާނެ ތަނެއް ކަނޑައެޅުމުގައި ބަލާނެ ކަންކަމާއި ޢާއިލާއާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ނ)ގައިވާ ފަދައިން ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ކަނޑައަޅައި ބަޔާންކުރުމެވެ.  

             

ކައިވެނިކޮށްދޭ ދުވަސްތައް

3.

(ހ)

ދެޢީދު ދެދުވަހާއި، ޙައްޖު ދުވަހާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ފިޔަވައި އަހަރުގެ އެހެން ހުރިހާ ދުވަސްތަކެއްގައި ކައިވެނިކޮށްދެވޭނެއެވެ.

 

 

(ށ)

މި މާއްދާގައި (ހ) އެހެން ބަޔާންކޮށްފައި އޮތްނަމަވެސް މި އުޞޫލަށް ބަދަލުގެނައުމެއް، މުރާޖަޢާކުރުމެއް ނެތި ކޮންމެ އަހަރެއްގެވެސް ކައިވެނިކޮށްދޭ ދުވަސްތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައިވާ ފަދައިން ކައިވެނިކޮށްދޭ ދުވަސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް، ހިނގަމުންދާ އަހަރުގެ ޑިސެންބަރު 15 ގެ ކުރިން ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

 

ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތައް

4.

(ހ)

ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނި ކޮށްދެވޭނީ މެންދުރުފަހު 1:00 އިން 2:00 އަށެވެ. އަދި ނުރަސްމީ ގަޑީގަ ކޯޓުގައި ކައިވެނި ކޮށްދެވޭނީ ރޭގަނޑު 8:30 އިން 9:30 އަށެވެ.

 

 

(ށ)

ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދެވޭނީ ރޭގަނޑު 8:00 އިން 10:00 އަށެވެ.

 

 

 

 

ރަމާޟާންމަހު ކައިވެނިކޮށްދޭ ގަޑިތައް

5.

(ހ)

ރަމަޟާންމަހު ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ރަސްމީގަޑީގައި އެކަންޏެވެ. އެގޮތުން ކައިވެނި ކޮށްދެވޭނީ މެންދުރު 12:00 އިން މެންދުރުފަހު 1:00 އަށެވެ.

 

 

(ށ)

މި މާއްދާގެ (ހ) އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް ރަމަޟާން މަހުގެ ރަސްމީގަޑިތަކަށް ސަރުކަރުން ގެންނަވާ ބަދަލަކާގުޅިގެން ރަމަޟާންމަހު ރަސްމީގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައިވާ ފަދައިން ރަމަޟާންމަހު ކޯޓުގައި ކާވެނި ކޮށްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް އާންމު ކުރަންވާނެއެވެ.

 

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް

6.

(ހ)

ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

 

 

(ށ)

ރަމަޟާން މަހު ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 5:30 އަށެވެ.

 

ކޯޓުން ބޭރުގައިކުރާ ކައިވެނީގެ މަޖިލީސް ބާއްވާތަން

7.

ކޯޓުން ބޭރުގައި ކުރާ ކައިވެނި ތަކުގައި، ކައިވެނިކުރާ ތަނަކީ ކައިވެނީގެ މަޖިލިސް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް ކަނޑައެޅުމުގައި ކޯޓުން ބަލާނެކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

ކާވެނީގެ މަޖިލީހަށް ކޯޓުގެ ފަރާތުން ޙާޟިރުވާ މުވައްޒަފުންނަށް އިށީނދެ ތިބެ ކޯޓުގެ ފަރާތުން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރެވޭފަދަ މޭޒާއި ގޮނޑި ހުރި، ޖާގަ ތަނަވަސް ތަނަކަށްވުން.

 

 

(ށ)

ކައިވެނިކޮށްދިނުމަށް ޙާޟިރުވާ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ހުރި އެ މަޖިލީހަށް ބޭނުންވާ ގޮޑި މޭޒު ފިޔަވައި އެނދު، އަލަމާރި އަދި އެހެނިހެން މުދާ ފަދަ ތަކެތި ނެތް ރައްކާތެރި ތަނަކަށްވުން.

 

 

(ނ)

ލިޔެކިޔުމުގެ މަސައްކަތްކުރުމަށް އެކަށީގެންވާ ވަރަށް އަލިކަން ހުރި، އަދި އެމަޖިލީހުގައި ދައްކާ ވާހަކަ ޙާޟިރީންނަށް އަޑުއިވޭފަދަ އަޑުމަޑުތަނަކަށްވުން.

 

 

(ރ)

އެއްވެސް ސިޔާސީ ޙަރަކާތެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އެއްވެސް ކަމެއް ރަމްޒުވާގޮތަށް ހުރި ތަނެއްކަމަށް ބެލެވޭތަނަކަށް ނުވުން.

 

 

(ބ)

މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނަތަކާއި ޢާންމު އިޖްތިމާޢީ މިންގަނޑާއ ޚިލާފު ޝިޢާރުތަކާއި ނިޝާންތަކާއި ރަމްޒުތަކާއި އެފަދަ އެހެނިހެން ކަންކަން ދޭހަވާފަދަ ގޮތަކަށް ހުރި ތަނަކަށް ނުވުން.

 

 

(ޅ)

ކައިވެނިކުރުމަށް ތައްޔާރުކުރެވިފައިވާ ތަނުގައި ކަމެއް އިޞްލާޙުކުރަން ކޯޓުން އަންގައިފިނަމަ އެކަމެއް އިޞްލާޙުކުރަން ވާނެއެވެ. ކޯޓުން އަންގާގޮތަށް އެކަމެއް އިޞްލާޙު ނުކޮށްފިނަމަ، އެވަގުތަށް އެ ކައިވެންޏެއް ކޮށްނުދީ ފަސްކުރުމުގެ ބާރު ކޯޓަށް ލިބިގެންވާނެއެވެ.

 

 

 

 

މި އުޞޫލުގައި ނެތްކަމެއް މެދުވެރިވުން

8.

 

މިއުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ އެވަގުތަކު ކޯޓު ހިންގުމާ ޙަވާލުވެހުރި މެޖިސްޓްރޭޓެކެވެ. 

 

މި އުޞޫލަށް އަމަލުކުރަން ފެށުން

9.

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2023 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

މި އުޞޫލު މުރާޖަޢާކުރުން

10.

މި އުޞޫލަށް ބަދަލުގެނެސް އަދި މުރާޖަޢާކުރުމުގެ އިޚްތިޔާރު މިކޯޓަށް ލިބިގެންވެއެވެ.

25 ޑިސެންބަރު 2022

25 ޑިސެންބަރު 2022
ހޯދާ