ދިވެހިރާއްޖެ
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ހޯދުމާގުޅޭ
ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އުފައްދާފައިވާ "ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު" ގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވުމާއެކު ޑިރެކްޓަރުންގެ ބޯޑުގެ 'ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ، ޕްރައިވެޓް ސެކްޓަރގައި، އިޤްތިޞާދީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ، ތަޖުރިބާހުރި ޤާބިލު މީހުންގެ ތެރެއިން' މެންބަރުކަމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.
މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މެންބަރުން ޢައްޔަންކުރާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާތީ، އެ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރގައި، އިޤްތިޞާދީ ކަންތައްތަކުގައިއިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާހުރި ޤާބިލް މީހުންގެ ތެރެއިން ޢައްޔަންކުރާ މެންބަރެއްގެ ގޮތުގައި ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި މި އޮތޯރިޓީން ޢާންމުކޮށް އިޢުލާންކުރަމެވެ.
ހުންނަންޖެހޭ ޝަރުތުތައް:
- ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ރ) ގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު އަދި މި އިޢުލާންއާއެކު އެއްފަތްކުރެވިފައިވާ ކެޕިޓަލް މާރކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮމިނޭޓްކުރާ ފަރާތްތަކުން ހާމަކުރަންޖެހޭ މަޢުލޫމާތު ފޯމް ފުރިހަމަކުރަންވާނެއެވެ.
ހުށަހަޅަންޖެހޭ މަޢުލޫމާތު:
- މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ އީމެއިލް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީ.ވީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތައް
އިނާޔަތް:
- މަހަކަށް 10،000.00 ރުފިޔާ.
ވީމާ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން މަތީގައި ދަންނަވާފައިވާ މައުލޫމާތު މިއޮތޯރިޓީގެ [email protected] އަށް ހުށަހެޅުުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014120 ފޯނަށް ގުޅުއްވުން އެދެމެވެ.