ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީ، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، އދ.ދަނގެތީގައި ދުއްވާ އެންމެހައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ.
މިގޮތުން، އެއްގަމާއި ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ފަސޭހައަކަށް މިއިދާރާގެ ފަރާތުން 02 މުވައްޒަފަކު، މިމަހުގެ 20 ން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް މިރަށުގެ ގޭގެއަށްގޮސް މަޢުލޫމާތު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
ވުމާއިއެކު، މިމަސައްކަތުގައި، އުޅަނދުފަހަރުގެ ވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުވުން ދެއްވުމަކީ، މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
މިއިދާރާގެ ސާވޭޓީމް ގޭގެއަށް ސާވޭކުރަންދާއިރު، ތިރީގައި މިދަންނަވާ ތަކެތި ފަސޭހައިން ފެންނަގޮތަށް ބެހެއްޓުމަކީ، ސާވޭ އަވަހަށް ނިންމާލުމުގައި ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަކަށްވާތީ، ތިރީގައި މިދަންނަވާ ތަކެތި ފަސޭހައިން ފެންނާނެގޮތަށް ބެހެއްޓެވުން އެދެމެވެ.
- އުޅަނދުގެ ވެރިފަރާތުގެ އައި.ޑީކާޑް
- އުޅަނދުގެ ރަޖިސްޓްރީ
- އުޅަނދުގެ ވެރިފަރާތަކީ ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީ
މިކަމާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ކައުންސިލް އޮފިސަރ ފާޠިމަތު މުޙައްމަދު (މޮބައިލް: 7426695) އާއިއެވެ.
ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ޖުމާދުލްއައްވަލް 1444
18 ޑިސެމްބަރ 2022