މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީގެ ގަވާއިދު ނަންބަރު: 2022/R-139 (ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު: 2022/R-2 (ފާނަ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު: 2021/R-62 (ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު) ގެ ދަށުން މިއިން ކޮންމެ މަސްވެރިކަމެއް މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލުމަށް ވަނީ ކަނޑައަޅައިފައެވެ. މި ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އަންނަނިވި ހައިސިއްޔަތުން ކޮމިޓީގައި ޝާމިލުވާން އެދޭ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި، އާންމުކޮށް އަންގައި، އިއުލާނުކުރަމެވެ. މި މަންދޫބުންގެ ދައުރުގެ މުއްދަތަކީ 5 (ފަހެއް) އަހަރެވެ.

  1. ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:

(ހ) ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ބާވަތެއް (ދޮށީގެ މަސްވެރިކަން، އަތުނަނުގެ މަސްވެރިކަން އަދި ވަދުނަނުގެ މަސްވެރިކަން) ތަމްސީލުކުރާ އެއް ފަރާތް ހިމެނޭ ގޮތުގެ މަތިން 3 މަސްވެރިން؛

(ށ) އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް؛

(ނ) ރާއްޖޭގެ ބާޒާރުތަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް؛

(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، މި ގަވާއިދުގެ ދާއިރާތަކުގެ ތެރޭގައި ކަނޑައަޅައިފައިވާ ހަރަކާތްތަކާ ގުޅުންހުރި 2 ޖަމްޢިއްޔާއަކުން، ކޮންމެ ޖަމްޢިއްޔާއެއް ތަމްސީލު ކުރާ 1 މަންދޫބެއް؛

  1. ފާނަ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:

(ހ) ފާނައިގެ މަސްވެރިން ތަމްސީލުކުރާ 3 (ތިނެއް) މަންދޫބުން؛

(ށ) ފާނަ އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މަންދޫބުން؛

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާ ގުޅޭ ޖަމްޢިއްޔާއެއް؛

  1. ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:

(ހ) ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ 3 (ތިނެއް) މަންދޫބުން؛

(ށ) ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލު ކުރާ 2 (ދޭއް) މަންދޫބުން؛

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް.

ލަފާދޭ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް:

 

(ހ)

އެ މަސްވެރިކަމެއް މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުން؛

 

(ށ)

އެ މަސްވެރިކަމަކާ ގުޅޭ ފަންނީ އަދި އެހެނިހެން މަޢުލޫމާތު އެކުލެވޭ ރިޕޯޓްތައް މުޠާލިއާކުރުން؛

 

(ނ)

އެ މަސްވެރިކަމާ ގުޅޭ ފަންނީ މަޢުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛

 

(ރ)

ސަރަޙައްދީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި

 

(ބ)

އެ މަސްވެރިކަމެއް މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކޮށް، މުޠާލިޢާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

ލަފާދޭ ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު:

  • އެ މަސްވެރިކަމެއް ކުރާ ފަރާތްތައް ތަމްސީލު ކުރުމަށް ނުވަތަ އެ މަސްވެރިކަމުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރުމަށް އެދި ހުށަހަޅާ ފަރާތެއް ނަމަ، މި މަސައްކަތުގައި ހަރަކާތްތެރިވެފައިވާ މުއްދަތަށް ރިޢާޔަތްކުރެވޭނެއެވެ.
  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާގެ މަގާމަށް އެދި ހުށަހަޅާ ފަރާތެއް ނަމަ، މި ދާއިރާއިން އެ ޖަމްޢިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ރިޢާޔަތްކުރެވޭނެއެވެ.
  • ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ހުށަހަޅައިފައި ނުވާ ނަމަ، ނުވަތަ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ފަރާތަކީ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެންމެ އެކަށީގެންވާ ފަރާތެއް ނޫންކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ނުވަތަ ފަރާތްތަކެއް އައްޔަނުކުރުމަށް މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓްގެ ލަފާގެ މަތިން މިނިސްޓަރަށް ހުށަހެޅޭނެއެވެ.

ލަފާދޭ ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ޝަރުތުތައް:

  • މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފަދަ ލަޔާޤަތު ހުރި މީހަކު ކަމުގައިވުން؛
  • އިންތިޚާބީ މަޤާމެއް، ނުވަތަ ސިޔާސީ މަޤާމެއް، ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން؛

ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

(1)   މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް:

  • ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ؛
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް؛
  • މެންބަރުކަމަށް އެދި ހުށަހަޅާ ފަރާތަކީ އެ މަސްވެރިކަމެއްގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ރަށު ނުވަތަ ސިޓީ ކައުންސިލުން ކަށަވަރުކޮށްދީ، ދޫކޮށްފައިވާ ލިޔުމެއް؛
  • ހުށަހަޅާ ފަރާތުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް؛

(2) ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލު ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް:

  • ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ (މެންބަރުކަމަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުންޏަކަށް ނިސްބަތްވާ ފަރާތެއްނަމަ، އެ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު ސިޓީގައި ބަޔާންކުރަންވާނެއެވެ)؛
  • އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް؛
  • ހުށަހަޅާ ފަރާތުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް؛
  • މެންބަރުކަމަށް އެދި ހުށަހަޅާ ފަރާތަކީ އެ މަސްވެރިކަމެއްގެ ބާވަތްތައް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ރަށު ނުވަތަ ސިޓީ ކައުންސިލުން ކަށަވަރުކޮށްދީ، ދޫކޮށްފައިވާ ލިޔުމެއް؛

(3) ކަމާގުޅޭ ޖަމްޢިއްޔާއެއްނަމަ:

  • ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ؛
  • ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަންގެ ކޮޕީ؛
  • އެންމެ ފަހުގެ އަހަރީ ރިޕޯޓުގެ ކޮޕީ؛
  • ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮތް ނަމަ، ކަނޑައަޅައިފައިވާ ގޮތުގެމަތިން އެ ފައިސާއެއް ދައްކަމުންދާކަން ކަށަވަރުކޮށްދޭ ލިޔުމެއް ނުވަތަ ރަސީދު؛
  • ކަމާގުޅޭ ގޮތުން ޖަމްޢިއްޔާއިން ކޮށްފައިވާ ދިރާސާތަކާއި، އެހެނިހެން މަސައްކަތްތަކާގުޅޭ ލިޔެކިޔުންތައް.

މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ލިޔެކިޔުންތައް މިނިސްޓްރީގެ ރިސެޕްޝަނަށްވެސް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނީ [email protected]  އަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3339223 ނުވަތަ 3339218 އާ ގުޅުއްވުން އެދެމެވެ.

18 ޑިސެންބަރު 2022
ހޯދާ