ދިވެހިރާއްޖެ
މި އޮތޯރިޓީގެ ނަންބަރު: (IUL)218/218/2022/13ޢާންމު އިޢުލާން "މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމާ ގުޅޭ" އިޞްލާޙުކުރުމަށް ފަހު ޢާއްމުކުރުން.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީ އާ ޙަވާލުކުރެވިފައިވާ ޤާނޫނީ ޒިއްމާ އެކެވެ. ވުމާއެކު، އެކި ފަރާތްތަކުން ޙާޞިލުކުރާ ސަނަދުތަކަކީ، މި އޮތޯރިޓީން ޤަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހެއެވެ. އެގޮތުން، ރާއްޖެއިން ބޭރުން ޙާޞިލުކުރާ މަތީ ތަޢުލީމުގެ ސަނަދުތަކަކީ، މި އޮތޯރިޓީ އަށް ހުށަހަޅައިގެން މި އޮތޯރިޓީން ޤަބޫލުކޮށް، އެކަމަށް ޚާއްޞަ މި އޮތޯރިޓީގެ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ މި ދެންނެވި ގޮތަށް މި އޮތޯރިޓީން ޤަބޫލުކޮށްފައިވާ ސަނަދުތައް ކަން ފާހަގަކުރަމެވެ.
އެހެންނަމަވެސް، މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މި އޮތޯރިޓީން ޤަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި މިއޮތޯރިޓީން ޤަބޫލުނުކުރާ ކަމަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ސަނަދުތަކާއި، ސަނަދުތައް ޤަބޫލުކުރުމުގެ އުޞޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި މި އޮތޮރިޓީ އަށް ޤަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ. ވީމާ، މުއައްސަސާތަކުންނާއި، ސަނަދު ޙާޞިލުކުރައްވާ ފަރާތްތަކުން މަތީ ގައި ދެންނެވުނު ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ.