ދިވެހިރާއްޖެ
މަޤާމުގެ މަސްއޫލިއްޔަތުން ރ. ދުވާފަރު ކައުންސިލްގެ މެންބަރުން ވަގުތީގޮތުން އެއްކިބާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމިކަން އެންގުން
ރ.ދުވާފަރު ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާފައިވާ އިންކުއަރީއަކީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މިނިސްޓަރ ހުއްދަދެއްވައިގެން ހަދާފައިވާ އިންކުއަރީއެކެވެ.
މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ރ. ދުވާފަރު ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތު ދީފައިވާނެއެވެ. އޭގެ އިތުރުން، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ރ. ދުވާފަރު ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެއެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ރ. ދުވާފަރު ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެއެވެ.
މީގެ އިތުރުން ރ.ދުވާފަރު އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ރ. ދުވާފަރު ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެއެވެ. ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި، ރ. ދުވާފަރު ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވެއެވެ.
ރ. ދުވާފަރު ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް
- ކައުންސިލުގެ އާންމު ބައްދަލުވުން ޤާނޫނުގައި ބަޔާންކުރާ ގޮތަށް ނުބާއްވާ މައްސަލަ
- ކައުންސިލުގެ މެންބަރު އަހުމަދު ސަމޫޙު ޖަލްސާތަކުގައި ބައިވެރިނުވާ މައްސަލަ އާއި ގުޅިގެން ފިޔަވަޅު އެޅުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ މައްސަލަ
- ކައުންސިލު މެންބަރު އަހުމަދު ސަމޫޙު އެހެން ވަޒީފާއެއް އަދާކުރާކަން އެނގިހުރެ ފިޔަވަޅުއެޅުމަށް އެކަން ކަމާބެހޭ އިދާރާތަކަށް ނުފޮނުވާއޮތް މައްސަލަ
- "ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދާ" އެއްގޮތަށް ކައުންސިލުގެ ހިންގާ ގަވާއިދު އިސްލާހުކޮށްފައި ނުވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކައުންސިލުގެ ތިޖޫރީ ބަލަހައްޓާފައި ނުވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލުން ޕެޓީކޭޝް ޚަރަދުކުރި މައްސަލަ
- ކައުންސިލަށް ލިބޭ ފައިސާ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުދާ މައްސަލަ
- ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ނުކުރާ މައްސަލަ
- ކައުންސިލަރުންގެ ޗުއްޓީ ޕްލޭން އެކުލަވާލާފައިނުވުމާއި ގަވާއިދާ ޚިލާފަށް ކައުންސިލަރުން ޗުއްޓީއަށް ގޮސްފައިވާ މައްސަލަ
- މެޑިކަލް ލިއުން ހުށަހަޅަންޖެހޭ ހާލަތުގައި މެޑިކަލް ލިއުން ހުށަނާޅާ ކައުންސިލަރުންގެ، މުސާރަ އުނިކޮށްފައި ނުވާ މައްސަލަ
- ކައުންސިލުގެ ރަސްމީ ދަތުރުތައް ގަވާއިދާ ޚިލާފަށް ކޮށްފައިވާ މައްސަލަ
- ލާމަރުކަޒީ ޤާނޫނުގެ 73 ވަނަ މާއްދާއާއި ޚިލާފަށް ފައިސާއާއި "އިން-ކައިންޑު" އެހީ ދީފައިވާ މައްސަލަ
- ވިޔަ މޮޑިއުލްގެ ބޭރުން ކައުންސިލުގެ މާލީކަންކަން ކޮށްފައިވާ މައްސަލަ
- ކައުންސިލުން ހޯދާ ޚިދުމަތްތައް އިއުލާނު ކުރުމެއްނެތި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހޯދާފައިވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލުގެ ފައިސާ ކައުންސިލަރުންނާއި އ.ތ.މ ކޮމެޓީ މެންބަރުންނާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕޮރޮކިއުމަންޓް ކަންކަން ގެންގޮސްފައިވާ މައްސަލަ
- އިދާރީ ހިންގުމުގެ އެލަވަންސް، ސިވިލްސާރވިސްގެ ގަވާއިދާ ޚިލާފަށް ދީފައިވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް، ޒަކާތު ފައިސާ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަ
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ރ. ދުވާފަރު ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ރ.ދުވާފަރު ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ؛
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، ކައުންސިލުގެ ރައިސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ ރައީސް ޙަސަން ޙަކީމް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި؛
ކައުންސިލުގެ ރައީސް ނެތް ހާލަތުގައި ކައުންސިލްގެ ރައީސްގެ ޒިންމާއަދާކުރުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ މަތިވެފައިވާ، ކައުންސިލުގެ ނައިބުރައީސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ ނައިބުރައީސް އިޒްމީލް އަހްމަދު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި؛
ކައުންސިލުގެ މެންބަރު މުހައްމަދު ޝާމް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 ގައި ބަޔާންކުރާ ކައުންސިލަރުންގެ ސުލޫކީ ސިފަތަކަށް އިހުމާލުވެފައިވާތީއާއި ކައުންސިލު ހިންގުމުގައި އިދާރީ އަދި މާލީ މުއާމަލާތްތައް ހިންގުމުގައި ލޯކަލް ކައުންސިލުތަކުގެ އާއްމު އިޖުރާއީ ޤަވާއިދާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚިލާފު އިދާރީ އަދި މާލި މުއާމަލާތްތަކުގައި ބައިވެރިވެފައިވާތީ އެއީ ޤާނޫނު ނަންބަރު: 2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 131.5 ވަނަ މާއްދާއަށް ޚިލާފުއަމަލެއްކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ މެންބަރު މުހައްމަދު ޝާމް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި؛
ކައުންސިލުގެ މެންބަރު ޒުހުދާ އާދަމް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 ގައި ބަޔާންކުރާ ކައުންސިލަރުންގެ ސުލޫކީ ސިފަތަކަށް އިހުމާލުވެފައިވާތީއާއި ކައުންސިލު ހިންގުމުގައި އިދާރީ އަދި މާލީ މުއާމަލާތްތައް ހިންގުމުގައި ލޯކަލް ކައުންސިލުތަކުގެ އާއްމު އިޖުރާއީ ޤަވާއިދާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚިލާފު އިދާރީ އަދި މާލީ މުއާމަލާތްތަކުގައި ބައިވެރިވެފައިވާތީ އެއީ ޤާނޫނު ނަންބަރު: 2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 131.5 ވަނަ މާއްދާއަށް ޚިލާފު އަމަލެއްކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ މެންބަރު ޒުހުދާ އާދަމް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 2 (ދެއެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި؛
ކައުންސިލުގެ މެންބަރު އައިމިނަތު ޞަލާޙު އާއި ކައުންސިލުގެ މެންބަރު މަރްޔަމް ޔަޝްފާ ، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ މެންބަރު އައިމިނަތު ޞަލާޙު އާއި ކައުންސިލުގެ މެންބަރު މަރްޔަމް ޔަޝްފާ ، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި؛
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، 2022 ނޮވެމްބަރ 27 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2022 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 62 ވަނަ މާއްދާގެ (ޅ)ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރީމެވެ.