މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނު ނެގުމަށް އެދޭފަރާތްތަކަށް 15 ސެޕްޓެންބަރު 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 16 ނޮވެންބަރު 2014 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެލޯނަށް އެދުމަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 2 މަސްދުވަހަށް ހުޅުވާލަމެވެ.

މި ޕުރޮގުރާމުގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ ޢަދަދަކީ 5.8 (ފަހެއް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާ) އެވެ.

މި ލޯނު ޕުރޮގުރާމަކީ މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޙަރަކާތްތެރިވާ ޞިނާޢީ ކުންފުނިތަކަށް މަސްވެރިން ބާނާ މަހުގެ ތެރެއިން ނުގަންނަ މަހުން އިތުރު ޢާމްދަނީއެއް ލިބޭނެގޮތަކަށް އެމަހުގެ ބޭނުންހިފުމަށްޓަކައި މަހުގެ ބާވަތްތައް ތައްޔާރުކޮށް އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން 60 އިންސައްތަ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ޕުރޮގުރާމެކެވެ.   

މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބުރާންޗް، ބާޒާރު ބުރާންޗް އަދި ރާއްޖެތެރޭގެ ބުރާންޗް ތަކުން ލިބެން ހުންނާނެއެވެ.

މި ޕުރޮގުރާމުގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސް އިންނާއި އެ ބޭންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވައިލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ