ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ފަރުމާކުރުމާގުޅޭ

އިޢުލާން 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ފަރުމާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލުން

 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ފަރުމާކޮށްދޭނެ ފަރާތެއް ހޮވުން

މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށްޓަކައި ކުރި ނަންބަރު:  (IUL)133-AS/133/2022/39 (16 އޮކްޓޯބަރ 2022) އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އައި.ޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ. އައި.ޑީ ކާޑު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

ހ. ފަރުމާކުރާ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ

  • ފަރުމާކުރާ ފަރާތްތަކުގެ ވަނަވަރު ހުށަހަޅަންވާނެއެވެ.
  • ފަރުމާކުރާ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތައް ޕޯޓްފޯލިއޯގައި ހިމަނަންވާނެއެވެ. މިގޮތުން ޕޯޓްފޯލިއޯގައި ހިމަނަންވާނީ ގިނަވެގެން 10 މަސައްކަތެވެ.
  • އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ ކޮންމެ ފަރާތެއްގެ ވަކި ޕޯޓްފޯލިއޯއެއް ހުށަހަޅަންވާނެއެވެ.
  • ޕޯޓްފޯލިއޯގައި ކުރިންކޮށްފައިވާ މަސައްކަތްތައް ހިމަނާއިރު އައި.ޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ކޮންސެޕްޓާ އެންމެ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކެއް ހިމެނުމަށް އިސްކަން ދޭންވާނެއެވެ.
  • ޕޯޓްފޯލިއޯ ދެގޮތަކަށް ހުށަހެޅިދާނެއެވެ.

-          ޕްރިންޓްކޮށްފައިވާ ލުއި ފޮތެއް ނުވަތަ ފޯލްޑަރއެއް.

-          އޮންލައިން ޕޯޓްފޯލިއޯއެއް. މިގޮތުން ހުށަހަޅަންވާނީ އެއް ވެބް އެޑްރެހެވެ. އެކިއެކި ވެބްސައިޓްތަކަށް ރިފަރެންސް ދީފައި ހުރެއްޖެނަމަ ޕޯޓްފޯލިއޯއެއްގެ ގޮތުގައި ޤަބޫލެއް ނުކުރެވޭނެއެވެ.

 

ށ. ފަރުމާގައި ބޭނުންކުރާ ކޮންސެޕްޓް

  • އައި.ޑީ ކާޑުގައި ފަރުމާކުރަން ޖެހޭނީ އައި.ޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމްގައި ބޭނުންކުރާނެ ކުރެހުމެކެވެ. މި ތިންބައި ވެސް ފަރުމާކުރަންވާނީ އެއްކޮންސެޕްޓެއްގެ މައްޗަށެވެ.
  • ކޮންސެޕްޓްގައި ހިމަނަންޖެހޭ ބައިތަކަކީ:

-          އައި.ޑީ ކާޑުގެ ފަރުމާގައި ބޭނުންކުރުމަށް ހޮވާފައިވާ މަޢުޟޫޢު.

-          ކުރެހުންތަކުގައި މަޢުޟޫޢު(ތައް) ގެނެސްދިނުމުގައި އެކުލަވާލާފައި ހުންނާނޭ ތަކެއްޗާއި، އެތަކެތި ގެނެސްދިނުމަށް ބޭނުންކޮށްފައިވާ ކުލަތަކުގެ ތަފްޞީލު.

-          ކޮންސެޕްޓް ދައްކައިދިނުމުގެ ގޮތުން އައި.ޑީ ކާޑުގެ ހޮލޮގްރާމްގެ ކުރެހުން.

-          މަތީގައިވާ ހަތަރުބައި ޚިޔާރުކުރި ސަބަބުތަކާއި، އެބައިތައް ގުޅިލާމެހޭ ގޮތް.

-          މިބައިތަކުގެ އިތުރަށް، ކޮންސެޕްޓްގައި ހިމަނަން ބޭނުންވާ އިތުރުކަމެއްވާނަމަ އެކަމެއް ހިމެނިދާނެއެވެ.

  • އައި.ޑީ ކާޑު ފަރުމާކުރުމުގައި ބޭނުންކުރާ ކޮންސެޕްޓް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް ލިޔެވިދާނެއެވެ. ދިވެހިން ލިޔާނަމަ ލިޔަންވާނީ ފޮންޓް ސައިޒް 14 ގައެވެ. އިނގިރޭސިބަހުން ލިޔާނަމަ ލިޔަންވާނީ ފޮންޓް ސައިޒް 12 ގައެވެ.
  • ކޮންސެޕްޓް ވާންވާނީ ފަރުމާކުރާ ފަރާތުގެ އަމިއްލަ ފިކުރުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްޗަކަށެވެ.

ނ. ހުށަހަޅަންޖެހޭ ފޯމްތައް

  • ކޮންސެޕްޓް ކަރުދާސް (ވަކިން ބަންދު ކުރެވިފައި)
  • ޕްރޮޕޯސަލް ފޯމް
  • އިޤުރާރު ފޯމް
  • އެޓޭޗްމަންޓް ފޯމް
  • އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ، ކޮންމެ ފަރާތެއްވެސް ވަކިން ފުރިހަމަކޮށްފައިވާ އިޤުރާރު ފޯމެއް ޕްރޮޕޯސަލް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެޓޭޗްމަންޓް ފޯމް(ތައް) ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.


ކޮންސެޕްޓާގުޅޭ މުހިއްމު މަޢުލޫމާތު

ހ. ކޮންސެޕްޓްގައި ބޭނުންކުރާނެ މަޢުޟޫޢު

  • އައި.ޑީ ކާޑު ފަރުމާކުރުމުގައި ބޭނުންކުރާ ކޮންމެ ކުރެހުމަކާ ކުލައަކުން ވެސް ދިވެހިރާއްޖެއާއި، ދިވެހިންގެ ޘަޤާފަތް އަދި ދިވެހިންގެ އައިޑެންޓިޓީ ރަމްޒުކޮށްދޭންވާނެއެވެ.
  • ·         އައި.ޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ފިކުރުގެ އަސާސްތައް ބިނާކުރަންވާނީ ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާއި މާއްދީ އަދި މަޢުނަވީ ޘަޤާފަތުގެ މައްޗަށެވެ.

 

ށ. ކޮންސެޕްޓްގެ ކުރެހުން

  • އައި.ޑީ ކާޑުގައިހިމެނޭ ލިޔުންތައް ހުންނަންވާނީ ތާނަ އަކުރުންނާއި އިނގިރޭސި އަކުރުންނެވެ.
  • ކޮންސެޕްޓް ދައްކައިދިނުމުގެ ގޮތުން އައި.ޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމްގެ ފުރިހަމަ ކުރެހުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންސެޕްޓް ދައްކައިދިނުމަށް ފޮޓޯއެއް ހުރިގޮތަށް ނުހިމެނޭނެއެވެ. ނުވަތަ ކޮމްޕިއުޓަރުން ފިލްޓަރއެއް ލާފައިވެސް ނުހިމެނޭނެއެވެ. ނަމަވެސް ފޮޓޯއެއް ބަލައިގެން ކުރެހިދާނެއެވެ. މިގޮތަށް ފޮޓޯއެއް ބޭނުންކުރާނަމަ، އެފޮޓޯއެއް ރިފަރެންސް (ބޭނުން ކޮށްފައިވާ ފޮޓޯއަކީ ކޮބައިކަމާ ފޮޓޯ ހޯދާފައިވާތަން) ބަޔާން ކުރަންވާނެއެވެ. ފޮޓޯއެއް ބޭނުންކުރާނަމަ މިޑިޕާޓްމަންޓުން ބާރުއަޅަނީ ކުރެހުންތެރިޔާގެ އަމިއްލަ ފޮޓޯއެއް ނުވަތަ ފޮޓޯނަގާ ފަރާތަކާ ގުޅިގެން ނަގާފައިވާ ފޮޓޯއެއް ކުރެހުމަށެވެ.
  • އައި.ޑީ ކާޑު އަދި ހޮލޮގްރާމް ބޭނުން ސައިޒަކަށް ކުރެހިދާނެއެވެ. ނަމަވެސް ކާޑުގެ ސައިޒަކީ ފުޅާ މިނުގައި 54 މިލިމީޓަރު އަދި ދިގު މިނުގައި 85 މިލިމީޓަރެވެ. ވީމާ ކުރެހުން ހުންނަންވާނީ މިރޭޝިއޯގައެވެ.
  • ކުރެހުމުގައި ހިމެނޭ ލިޔުންތައް ފަސޭހައިން ކިޔަން އެނގެން އޮންނަންވާނެއެވެ.
  • އައި.ޑީ ކާޑާއި ހޮލޮގްރާމްގެ އޮރިއެންޓޭޝަން ހުންނަންވާނީ ލޭންޑްސްކޭޕް ފޯމެޓަށެވެ.
  • ކުރެހުން ހުށަހަޅާއިރު ކަރުދާހުގެ ދެފުށް ބޭނުންކޮށްގެން ނުވާނެއެވެ.
  • ކުރެހުމާއި ފަރުމާކުރުމުގައި ޢާއްމުކޮށް ބޭނުންކުރާ ކޮންމެ އާލާތެއްވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން އަތުކުރެހުމާއި ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުން ހުށަހެޅިދާނެއެވެ.
  • ކުރެހުންތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފުނުވާ ގޮތަށެވެ. އަދި މީގެ އިތުރަށް، ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ (ޕޯޓްރެއިޓް) ހިމަނައިގެން ނުވާނެއެވެ.

 

އެހެނިހެން މަޢުލޫމާތު

ހ. ފަރުމާކުރާނޭ ފަރާތެއް ހޮވާނެގޮތް

  • ތިރީގައިމިވާ ކަންތައްތަކަށް ބަލާ އެންމެ މޮޅު ކޮންސެޕްޓެއް ހުށަހަޅާފައިވާ ފަރާތެއް ހޮވާނީ މިޑިޕާޓްމަންޓުން މިކަމަށް އެކުލަވާލާފައިވާ ލަފާދޭ ކޮމިޓީއިންނެވެ.
  • ހުށަހަޅާފައިވާ ޕޯޓްފޯލިއޯއަށް ބިނާކޮށް، އެފަރާތުގެ ފަންނީ ޤާބިލުކަމާއި ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު
  • ހުށަހަޅާފައިވާ ކޮންސެޕްޓްގެ ފެންވަރާއި ފުރިހަމަކަން

-          ކޮންސެޕްޓް ބިނާކޮށްފައިވާ ފިކުރުގެ އަމިއްލަވަންތަކަމާއި ފުރިހަމަކަން. އަދި ފަރުމާކުރާ ފަރާތުގެ ފިކުރު، ކޮންސެޕްޓްގެ ކުރެހުމުން ދައްކައިދީފައިވާ މިންވަރު.

-          ކޮންސެޕްޓްއިން ދިވެހިންނާއި ދިވެހިރާއްޖެ ރަމްޒުކޮށްދީފައިވާ މިންވަރު.

-          އެހެން ޤައުމުތަކުގެ އައި.ޑީ ކާޑުތަކާ އަޅާބަލާއިރު ހުށަހަޅާ ކޮންސެޕްޓު ޚާއްޞަވެ ތަފާތުވާ މިންވަރު

 

  • ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 6 ޕްރޮޕޯސަލް ޝޯޓްލިސްޓް ކުރެވޭނެއެވެ. މިފަރާތްތަކުން ލަފާދޭ ކޮމިޓީއަށް ޕްރެޒެންޓޭޝަނެއްގެ ސިފައިގާ ކޮންސެޕްޓް ހުށަހަޅައިދޭންވާނެއެވެ.
  • ކޮންސެޕްޓް ޕްރެޒެންޓޭޝަނަށްފަހު އެންމެ ރަނގަޅު ފަރާތެއް ހޮވައި، އެކޮންސެޕްޓްގެ މައްޗަށް ބިނާކޮށް އައި.ޑީ.ކާޑުގެ ދެފުށުގެ ތަފްޞީލީ ކުރެހުމެއް ފުރިހަމަކޮށް ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 

ށ. ހުށަހެޅޭ ފަރުމާތައް ބޭނުން ކުރެވޭނެގޮތް:

  • އެއްވެސް ޕްރޮޕޯސަލްއެއް ޑީ.އެން.އާރު އަށް ހުށަހެޅުމަށްފަހު އަނބުރާ ނުގެންދެވޭނެއެވެ.
  • އައި.ޑީކާޑަށް ބޭނުން ކުރުމަށް ޑިޒައިނެއް ހޮވުމަށްފަހު، އެ ޑިޒައިންވާނީ މި ޑިޕާޓްމަންޓުގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އަކަށެވެ. އޭގެ މައްޗަށް ޑިޒައިން ކުރި ފަރާތުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ.
  • އައި.ޑީ ކާޑުގައި ބޭނުންކުރުމަށް ހޮވޭ ހުށަހެޅުން ފިޔަވައި އެހެން ހުށަހެޅުންތަކުގެ ކުރެހުންތައް މިޑިޕާޓްމަންޓްއަށް ބޭނުމެއް ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލްގައިވާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

ނ. ޕްރޮޕޯސަލް ހުށަހެޅޭނެ ފަރާތްތައް

  • ދިވެހިރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް / ޖަމިއްޔާއެއް ކަމުގައިވުން.
  • މިޑިޕާޓްމަންޓުގެ މުވައްޒަފެއް ނުވަތަ މިކަމަށް މިޑިޕާޓްމަންޓުން ކަނޑައަޅާ ލަފާދޭ ކޮމިޓީގެ މެމްބަރެއް ކަމުގައި ނުވުން. އަދި އެފަރާތްތަކުގެ އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ ނުވަތަ ދަރިއެއް ކަމުގައި ނުވުން.

ރ. ޕްރޮޕޯސަލް ހުށަހެޅުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް

  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލެވެ.
  • އެއް ޕްރޮޕޯސަލްގައި ގިނަވެގެން 3 ކޮންސެޕްޓަށް 3 ޑިޒައިން ހުށަހެޅިދާނެއެވެ.

-          ޕްރޮޕޯސަލް ހުށަހެޅުމަށް [email protected] އަށް ސޮފްޓްކޮޕީ އީމެއިލް ކުރުން.

  • ސޮފްޓްކޮޕީ ހުށަހަޅަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ.

ބ. އައި.ޑީ ކާޑުގެ ސިފަތައް ދިރާސާކުރުން

ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބޭނުން ކުރަމުންދާ ޒަމާނީ ބައޮމެޓްރިކް އައި.ޑީ ކާޑާއި އޭގެ ސިފަތަކާބެހޭ މަޢުލޫމާތު ތިރީގައިވާ ކިއު.އާރު ކޯޑްއިން ލިންކް ލިބޭނެއެވެ.

   

ޅ. ހޮވޭ ފަރާތަކަށް ލިބޭ އިނާމު

  • އައި.ޑީ.ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތަކަށް )200,000.00ދެ ލައްކަ) ރުފިޔާ ލިބޭނެއެވެ.
  • އައި.ޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ 3 ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެއެވެ.
  • އައި.ޑީ.ކާޑުގައި ބޭނުންކުރުމަށް ހުށަހަޅާ ފަރުމާތައް ރަސްމީކޮށް ޢާއްމުކުރެވޭނެއެވެ. އަދި އެފަރާތްތަކަށް އެކަން އަންގާނެއެވެ.
  • އަދި ހުށަހަޅާފައިވާ އައި.ޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާލެވޭނެއެވެ. މީގެ އިތުރަށް މިކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެއެވެ.

ކ. ސުންގަޑި އާއި ޓައިމްލައިން

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 24 ނޮވެމްބަރ 2022ވާ (ބުރާސްފަތި) ދުވަހުގެ 14:00 އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް [email protected] އީމެއިލް ކުރައްވާ، ނުވަތަ 3033200 އަށް ގުޅާލައްވާ، ނުވަތަ   7410081 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރުން

 

  • ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި: 01 ޑިސެމްބަރ 2022 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން.

 

އ. ނަކަލު ނުކުރުން

  • ހުށަހަޅާ ޕްރޮޕޯސަލަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެއެވެ. އެމަސައްކަތަކީ އަދި އެމަސައްކަތުގެ އެއްވެސް ބަޔަކީ އެހެން މީހެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ.

 

  • ހުށަހަޅާ ކޮންސެޕްޓްގައި ކުރިން އެހެން ކަމަކަށް ބޭނުންކޮށްފައިވާ އެއްވެސް މަސައްކަތެއް ހިމަނައިގެން ނުވާނެއެވެ.

 

  • ކޮންސެޕްޓްގައި ހުށަހަޅާ ފަރުމާގައި އެހެން ފަރާތެއްގެ ފޮޓޯއެއް ނުވަތަ ފޮޓޯއެއްގެ ބައެއް ބަލައިގެން ފަރުމާކުރާނަމަ އެފޮޓޯއަށް ރިފަރެންސް ނުދީ ހިމަނައިގެން ނުވާނެއެވެ.
  • ހުށަހަޅާފައިވާ ކޮންސެޕްޓަކީ ނުވަތަ ކޮންސެޕްޓްގެ ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތެއް ނުވަތަ މަސައްކަތެއްގެ ބައެއް ކަމަށް މިޑިޕާޓްމަންޓަށް ސާބިތުވެއްޖެނަމަ އެޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.

 

  • އައި.ޑީ.ކާޑުގެ ފަރުމާގެ އެއްވެސް ބައެއްގައި ކުރެހުންތެރިޔާއަށް ނިސްބަތްވާފަދަ އެއްވެސް ނިޝާނެއް ނުވަތަ ފާހަގައެއް ހިމަނައިގެން ނުވާނެއެވެ.

 

  • އައި.ޑީކާޑުގައި ބޭނުންކުރުމަށް ހުށަހަޅާ ޑިޒައިނާ ގުޅިގެން އެހެން ފަރާތަކުން ހުށަހަޅާ އެއްވެސް މައްސަލައެއްގެ ޒިންމާ މި ޑިޕާޓްމަންޓަކުން ނުނަގާނެއެވެ.

 

  • ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ އެ ހުށަހަޅާފަރާތުގެ އަމިއްލަ މަސައްކަތެއްކަމުގައި ކަށަވަރުކޮށްދީ އިޤްރާރު ފޯމުގައި ސޮއިކުރަންވާނެއެވެ.

 

 

އައި.ޑީ ކާޑު ފަރުމާ ކުރުމަށް މިޑިޕާޓްމަންޓްގެ ނަންބަރު: (27.06.2022) (IUL)133/AS/133/2022/20 އާއި (16.10.2022) (IUL)133/AS/133/2022/39 ދެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ހިމަނާނެ ވާހަކަ ދެންނެވީމެވެ. އަދި ހުށަހަޅާފައިވާ ޕްރޮޕޯސަލައަކަށް ބަދަލު ގެންނަން ބޭނުންނަމަ، އެ ބަދަލަކާއެކު މިމުއްދަތުގެ ތެރޭގައި އަލުން ހުށަހެޅިދާނެއެވެ. އެހެން ނަމަވެސް، ކުރިން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ ޕްރޮޕޯސަލް މިކަމުގައި ހިމަނަން ބޭނުންނުވާނަމަ، އެކަން މިޑިޕާޓްމަންޓްގެ [email protected] އީމެއިލް މެދުވެރިކޮށް އެންގެވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މި އިޢުލާނާ ގުޅޭ ލިޔުންތައް އެއްކަރުދާސް ކޮށްފައިވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

19 ނޮވެންބަރު 2022
ހޯދާ