ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2022/94
އިޢުލާނު
ދުވާފަރުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ޝައުޤްވެރިކަން ފާޅުކޮށް ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ރަށުފެންވަރުގައިދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމުންނާއި ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން، ޑެންގީގެ ސީރިއަސް ކޭސްތަކާއި ކޮވިޑް-19ގެ ބަލިމަޑު ކަމަށްފަހު ދިމާވާ ޞިއްޙީ އެކިއެކި މައްސަލަތަކުގައި ފުރާނަ ގެއްލިގެންދާ މީހުންގެ އަދަދު މިއަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެހެންކަމުން އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ޤާބިލް ޞިއްޙީ ފަރުވާދޭ ފަރާތްތަކުން (މީގެފަހުން ''ޕްރޮޕޯނަންޓް'' ނުވަތަ ހުށަހަޅާ ފަރާތް) ދުވާފަރުގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަންހުރި ފަރާތްތަކުން، ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމަށް މި ކައުންސިލުން ޤަސްދު ކުރަމެވެ. ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ޒަމާނީ އުފެއްދުންތެރި ޓެކްނޮލޮޖީގެ އެހީގައި ބަލިމީހުންގެ ޞިއްޙީ މަޢުލޫމާތު (އީސީޖީ އާއި އެހެނިހެން ވައިޓަލްސް) ބަލަހައްޓާ މޮނިޓަރ ކުރެވޭނެ ނިޒާމެއް ''ހެލްތު ޕޮޑް'' ގެ ސިފާގައި ޤާއިމް ކުރުން ހިމެނޭނެއެވެ. އެއީ ބަލިމީހާގެ ޞިއްޙީ މަޢުލޫމާތުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް އެހީވެދީ އަދި ޓެލި ކޮންސަލްޓޭޝަނާއި، ޑައިގްނޯސްޓިކް ލެބާއި ރޭޑިއޯލޮޖީ ޚިދުމަތް ބޭނުންކޮށްގެން ބަލީގެ އަސްލު ދެނެގަތުމާއެކު، އެންމެ ރަނގަޅު ފަރުވާ ދިނުމަށް ބޭނުންވާނެ ޞައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.
މިއީ ދުވާފަރު ކައުންސިލުން އިސްނަގައިގެން ގްރީންފީލްޑް ޕްރޮޖެކްޓެއްގެ ގޮތުގައި، ޑިޒައިން، ޑިވެލޮޕްމެންޓް، އިންޓަގްރޭޝަން، ޑިޕްލޮއިމެންޓާއި އޮޕަރޭޝަން އަދި މެއިންޓެނަންސް އޮފް އިންޓަގްރޭޓެޑް ޕްރައިމަރީ ހެލްތު ކެއަރ ޕްލެޓްފޯމެއް (އައި ޕީ އެޗް ސީ ޕީ) އުފެއްދުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މީގެއިތުރުން ދެއްވަން ޤަސްދުކުރާ ކްލިނިކުގެ ޚިދުމަތް، ފަހުން ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވާ ގޮތެއްގެމަތިން އެހެންތަނަކަށް ބަދަލުކުރާ ގޮތަށް މިހާރުވެސް އެޚިދުމަތް ފެއްޓިދާނެއެވެ.
ހުށަހަޅާ ހުށަހެޅުން ނުވަތަ ޕްރޮޕޯސަލްގައި ޖުމްލަ ގޮތެއްގައި އާކިޓެކްޗަރަލް ޑިޒައިން، ސައިޓް ސިލެކްޝަން، ސިވިލް، ސްޓްރަކްޗަރަލް، ޕްލަމްބިންގ އާއި ސެނިޓޭޝަން އިންޖިނިއަރިންގ، މެކޭނިކަލް، އިލެކްޓްރޯނިކް، އެޗްވީއޭސީ އެންޖިނިއަރިންގ، ފަޔަރ ޕްރޮޓެކްޝަން، ސައިޓް ޔޫޓިލިޓީސް، އައިޓީ އާއި ޓެލެކޮމިއުނިކޭޝަން، ޕައިޕްޑް މެޑިކަލް ގޭހާއި، ބަޔޯ-މެޑިކަލް ވޭސްޓް މެނޭޖް ކުރާނެގޮތާއި، ވާރޭފެން ނަގާ ރައްކާ ކުރާނެގޮތާއި، އެތެރޭގެ ޑިޒައިންއާއި ސއިނޭޖް އަދި ލޭންޑް ސްކޭޕިންގ ހިމަނަންޖެހޭނެއެވެ. އަދި ރައްޔިތުންނަށް ތަމްރީނުދީ، ޞިއްޙީ ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ފުޅާ ދާއިރާއެއްގައި ހިންގައިދޭން ޖެހޭނެއެވެ. މި ދެންނެވި ކަންތައްތަކުގެ އިތުރަށް އެހެނިހެން ކަންތައްތައްވެސް ހިމެނިދާނެއެވެ. މި ކަންކަމާއި ގުޅިގެން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި މި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިއީ، ޞިއްޙީ ފަރުވާގެ ޤައުމީ މަސްލަހަތު އެކުލެވޭ މަސައްކަތަކަށްވާތީ، ޞިއްޙީ ޚިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް ފަހިވާނެކަމަށް ބެލެވެއެވެ.
މި ފުރުޞަތަކީ މި ޚިދުމަތް ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ހުށަހެޅުމަށް ދުވާފަރު ކައުންސިލުން އައިޓީ ސިސްޓަމް އިންޓަގްރޭޓެޑް ހެލްތު ކެއަރ ޕްރޮވައިޑަރުންނަށް ހުޅުވާލާ ފުރުޞަތެކެވެ. މި ފުރުޞަތަކީ މަސައްކަތް ޙަވާލު ކުރުމަށްދެވޭ ޔަޤީންކަމެއްނޫނެވެ. މި ފުރުޞަތާއި ގުޅޭގޮތުން ބަދަލުތައް ގެނައުމާއި، ހުށަހަޅާ ފަރާތެއް ނުވަތަ ފަރާތްތަކެއް ޑިސްކޮލިފައި ކުރުމުގެ ބާރު ދުވާފަރު ކައުންސިލަށް ލިބިގެންވެއެވެ. މި ޚިދުމަތް ދިނުމަށް ވަކިފަރާތެއް ޝޯރޓްލިސްޓްކޮށް ހޮވާނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ލަފާގެމަތިން ދުވާފަރު ކައުންސިލުންނެވެ. މިކަމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ދުވާފަރު ކައުންސިލުންނެވެ. ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ފޮނުއްވާނީ [email protected] މެދުވެރިކޮށް މި އިދާރާއަށެވެ. ޕްރޮޕޯސަލްތައް 18 ނޮވެމްބަރ 2022 ގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއިގެފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައިނުގަނެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
22 ރަބީޢުލްއައްވަލު 1444
18 އޮކްޓޯބަރ 2022
ޙަސަން ޙަކީމް
ރ. ދުވާފަރު ކައުންސިލްގެ ރައީސް