ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ބެލެހެއްޓުމަށް ޙަވާލުކުރުމުގެ އުސޫލު
- 1. ތަޢާރުފާއި ނަން
1.1. މިއީ، ޤާނޫނު ނަމްބަރު 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެމާއްދާގެ ދަށުން އެކުލަވާލާފައިވާ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ބެލެހެއްޓުމަށް އެހެން ފަރާތްތަކާއި ޙަވާލުކުރުމުގައި އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ޢަމަލުކުރާނެ ޢާއްމު މިންގަނޑު ކަނޑައަޅާފައިވާ އުސޫލެވެ.
1.2. މިއުސޫލަށް ކިޔާނީ "ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ބެލެހެއްޓުމަށް ޙަވާލުކުރުމުގެ އުސޫލު " އެވެ.
- 2. އުސޫލުގެ މަޤްސަދު
2.1. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްތައް ޙިމާޔަތްކޮށް ބެލެހެއްޓުން
2.2. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްރަށަށް ދިމާވާ ޤުދުރަތީ އަދި އެހެނިހެން މައްސަލަތައް މޮނިޓަރ ކުރުން
2.3. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްރަށުން ޤަވާޢިދާ ޚިލާފަށް ވެލިނެގުމާއި، ރުއްގަސް ނެގުމާއި، ރަށާއި، ފަރުގެ ސަރަޙައްދަށް ގެއްލުންދޭ މައްސަލަތައް މަދުކޮށް ރިޕޯރޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
2.4. ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ޢަމަލުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްރަށުގައި ހިންގުމުގެ ފުރުސަތު ކުޑަކުރުން
2.5. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްރަށަށް ޒިޔާރަތްކުރުމާއި، އެރަށްރަށް ބޭނުންކުރުމަށް އާއްމު ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން
2.6. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ރަށްރަށް އާދަޔާ ޚިލާފަށް ގިރާކަން ފާހަގަކުރެވޭނަމަ އެކަން ރިޕޯޓުކުރުމާއި، ޙައްލުކުރުން
2.7. އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ހޯދުން
- 3. ބެލެހެއްޓުމަށް ޙަވާލުކުރާ ރަށް
3.1. މި އުސޫލުގެދަށުން ބެލެހެއްޓުމަށް ޙަވާލުކުރާނީ އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ސަރަޙައްދުތެރޭގައި ހިމެނޭ ވަކި ފަރާތަކާއި ޙަވާލުނުކޮށް ހުންނަ ފަޅުރަށް
3.2. ވަރުވާއަށް، ބެލެހެއްޓުމަށް، ނުވަތަ ވަގުތީގޮތުން އަތޮޅު ކައުންސިލާއި ޙަވާލުކޮށްފައިވާ ފަޅުރަށް
- 4. ރަށް ޙިމާޔަތްކުރުމާއި، ގަސްއިންދާ ބެލެހެއްޓުން
4.1. ރަށާއި ރަށުގެ ފަޅާއި، ފަރުގެ ސަރަޙައްދުން ވެއްޔާއި، ގަލާއި، އަކިރި ނަގައިގެން ނުވާނެއެވެ. އަދި އެހެން ފަރާތަކުން އެފަދަ ކަމެއް ކުރުމަށް ފުރުސަތު ދީގެންނުވާނެއެވެ.
4.2. ރަށްގިރުމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެކަން އަތޮޅު ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އަތޮޅު ކައުންސިލްގެ ލަފާހޯދައި، ރަށަށް ގެއްލުން ކުޑަވާގޮތަށް މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
4.3. ރަށް ޙަވާލުވެފައިވާ މުއްދަތުގައި ރަށުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ އެހާދިސާއެއް ހިނގި ވަގުތުން ފެށިގެން ލަސްވެގެން 01 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އަތޮޅު ކައުންސިލްއަށް އަންގަންވާނެއެވެ.
4.4. ރަށް ބެލެހެއްޓުމަށް ޙަވާލުވެފައިވާ މުއްދަތުގައި ޤުދުރަތީ ޙާދިސާތަކުން ރަށަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ހިނގާ ވަގުތުގެ ލަސްވެގެން 12 ގަޑިއިރުތެރޭގައި އަތޮޅު ކައުންސިލަށް އަންގަންވާނެއެވެ.
4.5. ރަށުގައި ހެދިފައިވާ ރުއްގަސް ހުރިނަމަ ކައުންސިލްގެ މަޝްވަރާނެތި އެތަކެތި ނަގައި، ނުވަތަ ނައްތާލައިގެން ނުވާނެއެވެ. އަދި ކައުންސިލްގެ މަޝްވަރާ އާއިއެކު ރަށުގައި ޖާގަހުރި މިންވަރަކުން ރުއް ގަސްއިންދައި އާލާކުރަންވާނެއެވެ.
4.6. ރަށް ޙަވާލުކުރާއިރު ރަށުގައި އެއްވެސް ޢިމާރާތެއް، ޖެޓީއެއް، ނުވަތަ ފަރުނީޗަރާއި، އެހެން ބާވަތެއްގެ އިންވެސްޓްމަންޓެއް ހުރިނަމަ އެތަނެއް ނުވަތަ ތަކެތި ކައުންސިލްގެ މަޝްވަރާއާއެކު މަރާމާތުކޮށް ބަލަހައްޓަންވާނެއެވެ.
4.7. ރަށުގެ ފަޅުކޮނުން، ނެރުކެނޑުން، ރަށުގައި އެއްވެސް ޢިމާރާތެއް ނުވަތަ ޖެޓީއެއް ހެދުން ފަދަ މަސައްކަތެއް ކުރަންވާނީ އަތޮޅު ކައުންސިލަށް ހުށައަޅައި އެކަމުގެ ހުއްދަ ލިޔުމަކުން ދީފިނަމައެވެ.
- 5. ރަށަށް ޒިޔާރަތްކުރުމަށް ފުރުސަތުދިނުން
5.1. އަތޮޅު ކައުންސިލުން ކަނޑައަޅާ ދުވަސްތަކެއްގައި އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ރަށަށް ދަތުރުދިއުމަށް ރަށް ބަލަހައްޓަން ޙަވާލުވާ ފަރާތުން ފުރުސަތު ދޭންވާނެއެވެ. މިގޮތަށް ފުރުސަތުދޭން ކަނޑައަޅާ ދުވަސްތައް ރަށް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް އަތޮޅު ކައުންސިލްއިން ކުރާ އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހާއި، އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
5.2. މިއުސޫލުގެދަށުން ބެލެހެއްޓުމަށް ރަށެއް ޙަވާލުކޮށްފިނަމަ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން އެރަށަކަށް ދަތުރުދިއުމަށް ފުރުސަތު އޮތް ދުވަސްތައް އެނގޭނެހެން އަތޮޅު ކައުންސިލުން ޢާއްމުކޮށް އިޢުލާނުކުރަންވާނެއެވެ.
5.3. ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތައް ހުއްދަކުރާ އަދި މިއުސޫލާއި ތަޢާރަޒު ނުވާނެހެން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ރަށުގައި ޤާޢިމްކޮށް ޚިދުމަތްދިނުމަކީ ރަށް ބަލަހައްޓަން ޙަވާލުވާ ފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ.
5.4. ރަށް ބެލުމަށް އަތޮޅު ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި އެކަމުގެ އިޚްތިޔާރު އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.
- 6. ވަރުވާ ނުވަތަ ކުލި
6.1. ބެލެހެއްޓުން ޙަވާލުކުރާ ރަށަކީ ދަޢުލަތުން ކުއްޔެއް ނުވަތަ ވަރުވާއެއް ނަގަން ކަނޑައަޅާފައިވާ ރަށެއް ނޫންނަމަ އެ ރަށަކަށް ވަރުވާ ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭނެއެވެ. ނަމަވެސް ކުއްޔެއް ނުވަތަ ވަރުވާއެއް ކަނޑައަޅާފައިވާ ރަށެއްނަމަ އެ ޢަދަދު މަޢުލޫމާތު ކަރުދާހާއި، އެއްބަސްވުމުގައި ހިމަނައި ރަށް ބަލަހައްޓާ ފަރާތުން އަތޮޅު ކައުންސިލަށް ދައްކަންވާނެއެވެ.
- 7. އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުން
7.1. އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަށް ރަށް ބަލަހައްޓަން ޙަވާލުވާ ފަރާތުން އެހީތެރިވާން ވާނެއެވެ. މިގޮތުން އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމަށް ރަށް ބެލެހެއްޓުން ޙަވާލުވާ ފަރާތުން އެއްބަސްވާ ޢަދަދު ރަށް ބެލެހެއްޓުން ޙަވާލުވުމުގެ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
7.2. އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމަށް އެއްބަސްވާ ޢަދަދުގެ 2 (ދޭއް) މަސްދުވަހަށް ވާވަރުގެ ފައިސާ އެޑްވާންސް ޑިޕޮސިޓުގެ ގޮތުގައި ރަށް ބަލަހައްޓާ ފަރާތުން ކައުންސިލުގައި ބަހައްޓަންވާނެއެވެ. އެއްބަސްވުމުގެ މުއްދަތުހަމަވުމުން ނުވަތަ އެއްބަސްވުން ބާތިލްކޮށްފިނަމަ އެއްބަސްވުމާގުޅިގެން ދައްކަންޖެހޭ ފައިސާއެއް ނުދައްކާވާނަމަ އެފައިސާ އުނިކުރުމަށްފަހު އެޑްވާންސް ޑިޕޮސިޓުގެ ބާކީ ފައިސާ އަނބުރާދޭންވާނެއެވެ.
- 8. ބަދަލުދިނުން
8.1. ރަށް ބެލެހެއްޓުން ޙަވާލުކުރުމަށްވާ އެއްބަސްވުންގެ މުއްދަތު ހަމަނުވަނީސް ކައުންސިލުން ބޭނުންވެގެން އެއްބަސްވުން ބާތިލްކޮށްފިނަމަ އަތޮޅު ކައުންސިލުން ހުއްދަދީގެން ރަށުގައި ކޮށްފައިވާ ނުއުފުލޭ މުދަލުގެ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެއެވެ.
8.2. އެއްބަސްވުންގެ މުއްދަތު ހަމަވުމުން ނުވަތަ ރަށް ޙަވާލުވިފަރާތުން ބޭނުންވެގެން ނުވަތަ އަތޮޅު ކައުންސިލްގެ އިޚްތިޔާރުން ބޭރުން ހިނގާކަމެއްގެ ސަބަބުން އެއްބަސްވުން ނިމުމަކަށް އައިސްފިނަމަ ކޮށްފައިވާ އެއްވެސް އިންވެސްޓަކަށް އަތޮޅު ކައުންސިލުން ބަދަލުދޭން ނުޖެހޭނެއެވެ.
8.3. ރަށް ޙަވާލުކުރާއިރު ރަށުގައި ހުރި މުދަލާއި ޤުދުރަތީ ވަސީލަތްތައް އެއްބަސްވުމުގެ މުއްދަތުގައި ބަލަހައްޓަންވާނެއެވެ. އަދި މަރާމާތުކުރަންޖެހޭ ޙާލަތަކަށް މުދަލާއި، ވަސީލަތް ހިނގައްޖެނަމަ މަރާމާތުކުރަންވާނެއެވެ. އެއްބަސްވުމުގެ މުއްދަތުގައި ނުވަތަ އެއްބަސްވުން ނިމުމަކަށް އަންނަ ޙާލަތުގައި އެފަދަ ތަކެއްޗާއި، މުދަލަށް ގެއްލުން ލިބިފައިވާނަމަ ރަށް ބަލަހައްޓާ ފަރާތުން މަރާމާތު ކުރަންވާނެއެވެ. އެއްބަސްވުން ނިމުމަކަށް އަންނަ ޙާލަތުގައި އެފަދަ މަރާމާތުކޮށްފައި ނުވާނަމަ ގެއްލުމުގެ ބަދަލު ރަށް ބަލަހައްޓާ ފަރާތުން ދޭންވާނެއެވެ.
- 9. ރަށް ބަލަހައްޓާނެ ފަރާތެއް ހޯދުން
9.1. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށެއް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކަނޑައަޅާނީ ކައުންސިލްގެ ޖަލްސާއަކުންނެވެ. މިގޮތުން ރަށެއް ބަލަހައްޓަން ޙަވާލުކުރަން ނިންމާ ނިންމުންތަކުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
9.1.1. ރަށް ޙަވާލުކުރާނެ ފަރާތެއް ހޯދާނެގޮތް
9.1.2. ރަށް ޙަވާލުކުރާނެ މުއްދަތު
9.1.3. ރަށް ޙަވާލުކުރުމުގެ އިދާރީފީ
9.2. ޚާއްސަ ޙާލަތެއް މެދުވެރިވެފައިވާނަމަ މީލާދީ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނުވާގޮތަށް ރަށް ބެލެހެއްޓުމަށް ބަޔަކާ ޙަވާލުކުރަން އަތޮޅު ކައުންސިލްގެ ޖަލްސާއެއްގައި މަޝްވަރާކޮށް ފާސްކުރެވިދާނެއެވެ. އެނޫން ޙާލަތްތަކުގައި ރަށް ބަލަހައްޓާނެ ފަރާތެއް ހޯދަންވާނީ ޢާއްމުކޮށް އިޢުލާނުކޮށްގެންނެވެ.
9.3. އިޢުލާނުކޮށްގެން ރަށެއް ބަލަހައްޓާނެ ބަޔަކު ހޯދަން އަތޮޅު ކައުންސިލުން ނިންމައިފިނަމަ ރަށުގެ މަޢުލޫމާތާއި، އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުން ޢަމަލުކުރަންވީގޮތް އެނގޭނެ "މަޢުލޫމާތު ކަރުދާހެއް" އަތޮޅު ކައުންސިލުން ތައްޔާރުކޮށް ޝަޢުޤުވެރިވާ ފަރާތްތަކަށް ދޭންވާނެއެވެ.
9.4. ރަށް ބަލަހައްޓަން ޙަވާލުކުރަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކާއެވެ.
9.5. ރަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރާ އިޢުލާނާއި ގުޅިގެން ހުށައަޅާ ޕްރޮޕޯސަލްތަކަށް ތިރީގައިވާ މިންގަނޑުން މާކްސް ދިނުމަށްފަހު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅަންވާނީ އަތޮޅު ކައުންސިލްގެ ޖަލްސާއަކުން ނިންމައިގެންނެވެ.
9.5.1. އެހީގެ މިންވަރަށް %70
9.5.2. މާލީ ޤާބިލްކަމަށް
9.5.3. ރަށްގިރުން ހައްލުކުރަން ހުށައަޅާފައިވާ ގޮތަށް
9.6. ފަޅުރަށް ބަލަހައްޓަން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަންވާނީ އިދާރީ ފީގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދާއި، 7.2 ގައި ބަޔާންކޮށްފައިވާ އެޑްވާންސް ޑިޕޮސިޓް ކައުންސިލުގެ އެކައުންޓަށް ޖަމާކުރުމުންނެވެ.
10.ފަޅުރަށް ބެލެހެއްޓުމަށް ހުށައަޅާ ޕްރޮޕޯސަލްގައި ތިރީގައިވާ މަޢުލޫމާތު ހުންނަންވާނެއެވެ.
10.1. ރަށުގައި ރުއްގަސް އިންދައި އާލާކުރުމަށް ހުށައަޅާގޮތް
10.2. ރަށާއި ފަޅު ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާނެ ގޮތް
10.3. ރަށް ބެލެހެއްޓުމަށްޓަކައި ރަށުގައި ބަޔަކު ތިބެ ނުވަތަ އެނޫންގޮތަކަށް ރަށަށް އަރާ މީހުންނާއި، ހިނގާ ކަންތައްތައް މޮނިޓަރކުރުމުގެ އިންތިޒާމް ހަމަޖައްސާ ގޮތް
10.4. ރަށް ބެލެހެއްޓުމަށް ހުށައަޅާ ފަރާތުން އދ. އަތޮޅާއި އެހެނިހެން ސަރަޙައްދުތަކުގައި ހިންގަމުންދާ އިޤްތިސާދީ ޙަރަކާތްތައް
10.5. ރަށް ބެލެހެއްޓުމުގެތެރެއިން ރަށުގެ ބޭނުން ހިފުމަށް ހުށައަޅާގޮތްތައް
10.6. އާދަޔާ ޚިލާފަށް ރަށް ގިރަމުންދާކަން ފާހަގަވާނަމަ ޙައްލުކުރަން އެހީތެރިވާނެގޮތް
10.7. ރަށަށް އަތޮޅުގެ ރަށްރަށުން ޕިކްނިކު ދިޔުމަށް އެދޭފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ރާވާގޮތާއި ފޯރުކޮށްދޭނެ ޚިދުމަތްތައް
10.8. ރަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރާ އިޢުލާނާއި ގުޅިގެން ހުށައަޅާ ޕްރޮޕޯސަލްތަކުގެ ސެކިއުރިޓީގެގޮތުގައި -/5000 (ފަސްހާސް) ރުފިޔާ ކައުންސިލަށް ހުށައަޅަންވާނެއެވެ. ޕްރޮޕޯސަލްގެ ސެކިއުރިޓީގެގޮތުގައި ކަނޑައަޅާފައިވާ ޢަދަދު ބޭންކް ގެރެންޓީގެ ގޮތުގައި ނުވަތަ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިދާނެއެވެ. ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތެއް ހުށައެޅުމާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރުމަށް އިޢުތިރާޒުކޮށްފިނަމަ ނުވަތަ ހުށައަޅާފައިވާ ޕްރޮޕޯސަލެއް އަނބުރާ ގެންދިއުމަށް އެދިއްޖެނަމަ އެފަރާތެއްގެ ޕްރޮޕޯސަލްގެ ސެކިއުރިޓީ ކައުންސިލަށް ނެގޭނެއެވެ. އެނޫން ޙާލަތްތަކުގައި ރަށް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކުރުމުން، ޕްރޮޕޯސަލް ހުށައެޅި ފަރާތްތަކަށް ސެކިއުރިޓީ އަނބުރާ ދޭންވާނެއެވެ.
10.9. މިމާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރަށް މަޢުލޫމާތު ހިމަނަންޖެހޭނަމަ ރަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރާ އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި އެކަންކަން ހިމަނަންވާނެއެވެ.
11.މުއްދަތު
11.1. ރަށް ވަގުތީގޮތުން ޙަވާލުކުރަނީ މީލާދީ 119 (ސަތޭކަ ނަވާރަ) މަސް ދުވަހަށްވުރެ ދިގުނުވާނެ މުއްދަތަކަށެވެ.
12.އެއްބަސްވުން ނިމުމަކަށްގެނައުން ނުވަތަ ބާތިލްވުން
12.1. ރަށް ޙަވާލުކުރުމަށް ވެވޭ އެއްބަސްވުންގެ މުއްދަތު ހަމަނުވަނީސް ޙަވާލުކުރެވޭ ރަށް އަތޮޅު ކައުންސިލްގެ ބެލުމުގެދަށުން ވަކިކޮށްފިނަމަ ވަގުތީގޮތުން ބެލެހެއްޓުމަށް ވެވިފައިވާ އެއްބަސްވުން ބާތިލްވާނެއެވެ.
12.2. ރަށް ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން ދެފަރާތުންކުރެ ފަރާތަކުން އަނެއް ފަރާތައް އަންގައި ހަތަރު މަސްދުވަހުގެ ނޯޓިސްއެއް ލިޔުމުން ދިނުމަށްފަހު އެއްބަސްވުން ބާތިލްކުރެވޭނެއެވެ.
12.3. އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ނިމުމަކަށް އައިސްފިނަމަ ރަށުގައި ކޮށްފައިވާ ނުއުފުލޭ މުދަލާއި، ޤުދުރަތީ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއްނުދީ ރަށް ކައުންސިލާއި ޙަވާލުކުރަން ވާނެއެވެ.
12.4. ރަށް ބެލެހެއްޓުމުގެ އެއްބަސްވުން ނިމުމަކަށް އަންނަ ޙާލަތުގައި ރަށް ޙަވާލުވި ފަރާތުން އެހީގެގޮތުގައި ކުރިއަށް ދައްކާފައިވާ ފައިސާއެއް ވާނަމަ މިއުސޫލާއި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަންކަމަށް އުނިކުރުމަށްފަހު އަނބުރާ ދޭންވާނެއެވެ.
12.5. ރަށް ބެލެހެއްޓުން ޙަވާލުކުރުމުގެގޮތުން އިދާރީ ފީގެ ގޮތުގައި ދައްކާ ފައިސާ އެއްބަސްވުން ބާތިލްވުމުން އަނބުރާނުދެވޭނެއެވެ.
12.6. އަތޮޅު ކައުންސިލްގެ ޕްރޮޖެކްޓްތަކަށް އެހީތެރިވުމަށް އެއްބަސްވެފައިވާ ފައިސާ ވިދިވިދިގެން 2 (ދޭއް) މަސްދުވަހު ނުދައްކައިފިނަމަ ރަށް ބެލެހެއްޓުން ހަވާލުވިފަރާތުން އެއްބަސްވުމާޚިލާފުވިކަމަށްބަލައި އެއްބަސްވުން ބާތިލުވާނެއެވެ. އެފަދަ ޙާލަތެއްގައި އިތުރު މަޝްވަރާއެއް ނުވަތަ ނޯޓިސްއެއް ދިނުމެއްނެތި އެއްބަސްވުން ބާތިލްވާނެއެވެ.
12.7. އާދަޔާ ޚިލާފަށް ރަށް ގިރަމުންދާކަން ފާހަގަވެ، ރަށް ގިރުން ޙައްލުކުރަން ހުށައަޅާފައިވާގޮތަށް ޢަމަލުނުކުރާނަމަ 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ޢަމަލީ މަސައްކަތް ކުރުމަށް އަންގާ ނޯޓިސްއެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި ނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ އެއްބަސްވުމާއި ޚިލާފުވިކަމަށް ބަލައި، އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.
13.މާނަކުރުން
13.1. އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ، އަތޮޅު ކައުންސިލް ، ނުވަތަ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ކަމުގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަމްބަރު 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ނުވަތަ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
13.2. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށް ނުވަތަ ފަޅުރަށް ކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނު ނަމްބަރު 2010/7 ގެ 8 ވަނަ މާއްދާއާއި، 1-8 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހުރި އަތޮޅު ކައުންސިލުން ބަލަހައްޓަންޖެހޭ ފަޅުރަށްރަށާއި، ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ވަކި ފަރާތަކާއި ޙަވާލުނުކޮށް ހުންނަ ފަޅުރަށްރަށާއި، ބެލެހެއްޓުމަށް ކައުންސިލާއި ޙަވާލުކޮށްފައިވާ ފަޅުރަށްރަށެވެ.
________________29 ސެޕްޓެމްބަރ 2022______________________