ދިވެހިރާއްޖެ
އިއުލާން
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރެވުނު ދުވަސްވަރު ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބަދަލުތަކެއް ގެނެވި އާންމު ފަރާތްތަކަށާއި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް އެކަން ބޮޑު ތަކްލީފަކަށް ނުވާނެހެން ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް އެދުވަސްވަރު ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވަނީ ޤައުމީ ކާރިސާއަކާ ގުޅިގެން އިތުރު ގޮތެއް ނެތުމާއެކީ މާލެ ސިޓީގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް މެދުނުކެނޑި ކުރިޔަށްދާނެ ގޮތަށްކަން ފާހަގަކުރަމެވެ.
ފުރަބަންދު އުވާލެވިފައިވާތާ ގިނަ ދުވަސް ފާއިތުވުމާއެކީ އެފަދައިން ކުނި މެނޭޖުކުރުމަށް މަޖުބޫރުވާ ޙާލަތެއް މިހާރު ނެތްކަން މިއެޖެންސީއިން ފާހަގަކުރަމެވެ. އެހެންކަމުން، މިހާރު މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް، ކޮވިޑް-19 ގެ ކުރިން ކުރެވުނު ފަދައިން، އެންމެހައި ފަރާތަކުންވެސް ޑޯޓުޑޯ ކަލެކްޝަން ސާވިސް ހޯދުމަށް މި އެޖެންސީއިން ދަންނަވަމެވެ. އަދި، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ހޯދުމުގެ ގޮތުން އެއްވެސް ޙާލަތެއްގައި ނުވަތަ އެއްވެސް ވަގުތެއްގައި މަގުމައްޗަށާއި، ދުވާރު މައްޗަށް ކުނި ނޭޅުމަށް މި އެޖެންސީއިން ދަންނަވަމެވެ.
މީގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުންވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި އެ ކުނިފުނިތައް ބޭނުންކުރާކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެފަދަ ކުނީގެ ކަލެކްޝަން ޕޮއިންޓްތައް މަގުމަތީގައިއާއި ދުވާރުމަތީގައި ހަދައި އެފަދަ ކަލެކްޝަން ޕޮއިންޓްތަކަށް ކުނި ޖަމާނުކުރުމަށް ދަންނަވަމެވެ.
އަދި، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރު ސާފުކޮށް ބޭއްވުމަށް މަގުމައްޗަށާއި ދުވާރު މައްޗަށް ކުނި ޖަމާނުކުރުމަށާއި ގަވާއިދު ނަންބަރު: 58-R/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާގޮތުގެ މަތިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް އެންމެހައި ފަރާތްތަކަށް މި އެޖެންސީން އިލްތިމާސްކުރަމެވެ.
އާންމު ސިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.