ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރާ މައްސަލަ

ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިއުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް މިއޮފީހަށް ހުށަހެޅޭ، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ މައްސަލަތަކުގައި މީގެކުރިން ޢަމަލުކުރަމުން އައިސްފައިވާ އުސޫލުގެދަށުން، މިއޮފީހުން ޝަރީޢަތަށް އެފަދަ މައްސަލައެއް ހުށަހެޅުމަށްފަހުވެސް ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން ޗެކަށް ފައިސާ ލިބެންވީ ފަރާތަށް، ޗެކް ދޫކުރި ފަރާތުން، އެ ޗެކުގައިވާ އަދަދަށް ފައިސާ ދައްކައިފިނަމަ، ނުވަތަ ޗެކަށް ފައިސާ ލިބެންވީ ފަރާތުން އެ ޙައްޤު ދޫކޮށްލައިފިނަމަ، ކޯޓުން މައްސަލަ އަނބުރާ ގެނެސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ އަނބުރާ ފޮނުވާލެވެއެވެ.

އެހެންނަމަވެސް، 11 ނޮވެންބަރު 2014 ދުވަހުން ފެށިގެން މިއޮފީހަށް ހުށަހެޅޭ މިބާވަތުގެ މައްސަލަތަކުގައި، ޗެކަށް ފައިސާ ލިބެންވީ ފަރާތަށް ޗެކް ދޫކުރި ފަރާތުން، އެ ޗެކުގައިވާ އަދަދަށް ފައިސާ ދެއްކިކަމުގައި ވީނަމަވެސް، ނުވަތަ ޗެކަށް ފައިސާ ލިބެންވީ ފަރާތުން އެ ޙައްޤު ދޫކޮށްލިކަމުގައި ވީނަމަވެސް، ޖިނާއީ ދަޢުވާއެއް ކުރެވޭ ވަރަށް ހެތްކާއި ޤަރީނާ ލިބިފައިވާ މައްސަލަތައް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.  

14 އޮކްޓޫބަރު 2014
ހޯދާ