ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 15/2008 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން ޢައްޔަންކުރުމަށް ބޭނުންވެއެވެ. މިގޮތުން ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 (އަށެއް) މެންބަރުންނާއި އާންމުންގެ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.
(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ 14 ނަމުގެ ތެރޭގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.
- ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހިބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވުން.
- އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮ ކަންް (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން).
ވީމާ، މީޑިއާކައުންސިލްގެ މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެ ރިކޯޑްގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މީޑިއާގެ 8 ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. މިގޮތުން ކެންޑިޑޭޓުން ހުށަހަޅާ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއަކުން ހުށަހަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.
އަދި ދަންނަވަމެވެ. މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، މިމިނިސްޓްރީގެ އިޢުލާނު ނަމްބަރު: (IUL)10-M/10/2014/19 އިޢުލާނުން މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން މި އިޢުލާނުގައިވާގޮތުގެ މަތިން އަލުން މެންބަރުކަމަށް އެދި ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.
18 ޛުލްޙިއްޖާ 1435