އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން - AM AAGAM ނަމަކަށް ކިޔާ ބާޖު ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅީގައިވާ ފަރަށް އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

                                                    ނަންބަރު: (PR)203-ERC/1/2022/9

 

ނޫސްބަޔާން

AM AAGAM ނަމަކަށް ކިޔާ ބާޖު ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅީގައިވާ ފަރަށް އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

“AM AAGAM” ނަމަކަށް ކިޔާ ބާޖު 01 މެއި 2022 ވަނަ ދުވަހުގެ ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަނުމުގެ ތެރޭގައި އެ ބާޖު ވަނީ އެ ކަނޑު އޮޅީގައި އޮންނަ ފަރަކަށް އަރާފައެވެ. މި އުޅަނދަކީ އިންޑިޔާއިން ހިލަ ހިފައިގެން AM ALPIT (IMO  No.:9563079) ނަމަކަށް ކިޔާ ޓަގް ބޯޓާއެކު ވ. ރަކީދޫއަށް ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ.

މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު،  މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް 15 އޮގަސްޓް 2022 ގައި ވަނީ އެންގިފައެވެ.

މި ބާޖު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއާއި އެ އުޅަނދުގެ ވެރިފަރާތުން ގުޅިގެން އެ ސަރަޙައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ކުރެވިފައިވެއެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 6054 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 152,569,800.00 (އެއްސަތޭކަ ފަންސާސް ދެމިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަހާސް އަށްސަތޭކަ ރުފިޔާ) އެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެއެވެ.

އަދި، ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ވަނީ ފެށިފައެވެ.

17 މުޙައްރަމް 1444

15 އޮގަސްޓް 2022
ހޯދާ