އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް ޢަމަލުކުރުން

ނޫސް ބަޔާން

ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު، ނަންބަރު R-58/ފ2013 އަށް ޢަމަލުކުރުން

5 އޮގަސްޓު 2013 ވަނަ ދުވަހު ގެޒެޓްކުރެވި، 5 ފެބުރުވަރީ 2014 ވަނަ ދުވަހު ޢަމަލުކުރަން ފެށި، ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު (ނަންބަރު: R-58/ފ2013) ގެ 13، 14 އަދި 16 މި ތިން މާއްދާއަށް ޢަމަލުކުރުންވަނީ ފަސްކުރެވިފައެވެ. އަދި މި ތިން މާއްދާއަށް ޢަމަލުކުރަން ފެށުމަށް ކަނޑައެޅިފައިވަނީ 5 އޮކްޓޫބަރު 2014 ވަނަ ދުވަހުން ފެށިގެންނެވެ.

މަތީގައި ދަންނަވާފައިވާ ޢަމަލުކުރުން ފަސްކުރެވިފައިވާ ތިން މާއްދާގެ ތެރެއިން 13 ވަނަ މާއްދާއަކީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި އުފެދޭ ކުނި ޖަމާކޮށް ބަލަހައްޓާނެ ވަސީލަތެއް ޤާއިމުކުރުމަށް ބުނެފައިވާ މާއްދާއެކެވެ. އަދި 14 ވަނަ މާއްދާއަކީ ބަނދަރުތަކުގައި ކުނި ޖަމާކުރެވޭނެ ވަސީލަތްތަކެއް ޤާއިމުކުރުމެވެ. 16 ވަނަ މާއްދާގައި ބުނެފައިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރެވޭނީ އެކަމަށް އެދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އަށް ހުށަހަޅާ ހުއްދަ ހޯދައިގެން ކަމުގައެވެ. އެހެންކަމުން، އެއްތަނުން އަނެއްތަނަށް ކުނި އުފުލުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހިންގައި ބެލެހެެއްޓުމަކީވެސް އީ.ޕީ.އޭގެ ހުއްދަ ލިބިގެން ކުރަންޖެހޭ މަސައްކަތްތަކެވެ.

ނަމަވެސް، މާލޭގެ މަގުތަކުގެ މަތީގައި ޕިކަޕްތަކުގައްޔާއި އެހެނިހެން ގޮތްގޮތުންވެސް ކުނި އުފުލުމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަކީ މިކަމުގެ ހުއްދަ ލިބިގެން އެމަސައްކަތްކުރާ ފަރާތްތަކެއް ނޫންކަމުގައި މި އޭޖެންސީން ފާހަގަކުރަމެވެ. މި ފަދަ ފަރާތްތައް އީ.ޕީ.އޭ ގައި ރަޖިސްޓަރީ ވުމަށްޓަކައި ދެފަހަރެއްގެ މަތިން މިހާރުވަނީ ފުރުޞަތު ދެވިފައެވެ. ނަމަވެސް، މަތީގައި ދަންނަވާފައިވާ މާއްދާތަކާއެކު މުޅި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚު ކުޑަތަންވަމުން އަންނައިރުވެސް އެންމެ ތިންފަރާތެއް ފިޔަވައި މިކަމަށް ހުއްދައަށް އެދި މި އޭޖެންސީއަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއްނުވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކުގައާއި ގޮނޑުދޮށްތަކާއި މޫދާއި ކަނޑާއި ފަޅު އަދި ބަނދަރުތެރޭގައި އެއްދުވަހުން އަނެއް ދުވަހަށް ކުނި އިތުރުވަމުން ދިއުމަކީ މި އޭޖެންސީން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ތިމާވެށީގެ އިތުރުން އެރަށްރަށުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޞިއްޙަތަށްވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާ މާލޭގެ ކުނީގެ ޙާލަތު މިހާރުވަނީ އެކަމަށް އަވަސް ފިޔަވަޅެއް ނާޅާއިފިނަމަ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރުވަފާނެ ކަމެއްކަމުގައި މި އޭޖެންސީއަށް ޤަބޫލުކުރެވެއެވެ.

ވީމާ، އިތުރު ފުރުޞަތުތަކެއް ދިނުމަކާ ނުލައި، ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގެ މަތީގައި ދަންނަވާފައިވާ ތިން މާއްދާއާއެކު މުޅި ގަވާއިދު 5 އޮކްޓޫބަރު 2014 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަމުން ގެންދާނެވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީމެވެ.

02 އޮކްޓޫބަރު 2014
ހޯދާ