ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތް ކުރުމާބެހޭ ކަންކަން ގަވާއިދުތަކާ އެއްގޮތަށް ކުރުމަށް އިލްތިމާސްކުރުން:
ދިވެހިރާއްޖޭގައި ކުރާ ޢިމާރާތްތަކަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ތަންތަނަށް ހެދުމަށްޓަކައި ޢިމާރާތްތަކުގެ ކުރެހުން ފާސްކުރުމާއި، ޢިމާރާތްކުރުމާއި، ޢިމާރާތަށް ބަދަލު ގެނައުމާއި، ޢިމާރާތް ބޭނުންކުރުމުގައި ބަލަންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، މިކަންކަމާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި، ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ދޫކުރާ ހުއްދަ އާއި ފީ ނެގޭ މިންވަރާއި، ދޫކުރެވޭ ހުއްދަ ބާޠިލު ކުރުމާއި، ޖޫރިމަނާ ކުރުން އެއް ހަމައަކުން ޤާއިމުކުރުމަށް ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2017/4 ޢިމާރާތްކުރުމުގެ ޤާނޫނާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ: ގަވާއިދު ނަންބަރު 2019/R-1004 ޢިމާރާތްކުރުމާއިބެހޭ އިދާރީ ގަވާއިދާއި؛ ގަވާއިދު ނަންބަރު 2019/R-1002 ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދާއި؛ ގަވާއިދު ނަންބަރު 2019/R-156 އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދާއި؛ ގަވާއިދު ނަންބަރު 2019/R-1020 ބިލްޑިންގ ކޯޑަށް އަހުލުވެރިވެ މިރަށުގައި ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެހައި ކަންކަން މިދެންނެވި ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކުރުމަށް ގޯތިތަކުގެ ވެރިންނާއި މި ދާއިރާގެ މަސައްކަތްތެރީންނަށް އިލްތިމާސް ކުރަމެވެ.
ޢިމާރާތްކުރުމާބެހޭ ކަންކަމަށް މިކައުންސިލުން ދޫކުރާ ހުއްދަތައް ތިރީގައި މިދަންނަވަނީއެވެ.
- ޢިމާރާތް ކުރުން ނުވަތަ ޢިމާރާތަކަށް ބަދަލު ގެންނައުމުގެ ކުރިން ކުރެހުން ފާސްކުރުން
- ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ޢިމާރާތް ކުރުމުގެ ހުއްދަ ހޯދުން
- އިމާ ގުޅިގެން ކުރާ މަސައްކަތް ފެށުމުގެ ކުރިން ހުއްދަ ހޯދުން
- ޢިމާރާތެއް ތަޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ހުއްދަ ހޯދުން
- ޢިމާރާތްކުރުމަށްޓަކައި ކޮނުމުގެ ކުރިން ހުއްދަ ހޯދުން
- ފައުންޑޭޝަން އެޅުމުގެ ކުރިން ހުއްދަ ހޯދުން
- މަގު ބޭނުންކުރުމުގެ ކުރިން ހުއްދަ ހޯދުން
- އިންފާރާއި މަގުމަތީ ފާރު ރޭނުން ނުވަތަ ބަދަލު ގެނައުމުގެ ކުރިން ހުއްދަ ހޯދުން
- އިމުގައި ދޮރު ބެހެއްޓުން ނުވަތަ ދޮރަކަށް ބަދަލު ގެނައުމުގެ ކުރިން ހުއްދަ ހޯދުން
- ޢިމާރާތް ބޭނުންކުރުމުގެ ކުރިން ހުއްދަ ހޯދުން
- މަސައްކަތް ޤަބޫލުކުރިކަމުގެ ހުއްދަ ހޯދުން
ވީމާ، މި ކަންކަމަށް މި ކައުންސިލުގެ ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ. އަދި ހުއްދަ ނެތި ކުރާ ކަންކަމަށް އަޅަންޖެހޭ ފިޔަވަޅު މި ކައުންސިލުން އަޅާނެކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.