މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުން

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، މާލެ ސަރަޙައްދުން ފުލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ކޮށްފައިވާ              (IUL)471-HDS3/471/2022/154 ނަންބަރު އިޢުލާނުގައި ކުށެއްލިޔެވިފައިވާތީ، އެ އިޢުލާނު އިސްލާހުކޮށް، އިޢުލާނުކުރަމެވެ. ވީމާ، "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވިޔާ ސްކީމް" އިން ގޯއްޗަށާއި، ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށް އެދުމުގެ ފުރުޞަތު، 2022 ޖޫން 26 ވަނަ ދުވަހުންފެށިގެން 2022 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

  

ގޯތި ދޫކުރުމާ ގުޅޭ ކަންކަން

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު: ހުޅުމާލެ، ގުޅީފަޅު

ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން: މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ، 3,750,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމައެވެ.

ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

(ހ) އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓެވެ.

(ށ) ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ،އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400  އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ.

(ނ)  (ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.

 

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

 

1. މާލޭގެ ރައްޔިތެއް ކަމުގައި ވުން.

2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

3. މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600  އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުން.

4. މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600  އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީވެފައިވާނަމަ، އެ ތަނެއް، ދޫކޮށްލަން އެއްބަސްވުން.

5. ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހައިތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުން.

6. މާލެ ސަރަޙައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ބޯހިޔާވަހިކަން، ދޫކޮށްލަން އެއްބަސްވުން.

7. މާލެ ސަރަޙައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައިވާ، ނުވަތަ ދޫކޮށްލައިފައިވާ، ނުވަތަ ވިއްކައިލައިފައިވާ ފަރާތަކަށް ނުވުން.

   ގޯއްޗަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 19-ޖީ-2022 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައި ވާނެއެވެ.

 

ފުލެޓް ދޫކުރުމާ ގުޅޭ ކަންކަން

ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު: ހުޅުމާލެ

ފުލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

 

  1. ދިވެހިރައްޔިތެއް ކަމުގައިވުން.

  2. އުމުރުން 18 ( އަށާރަ) އަހަރު ވެފައިވާ މީހަކު ކަމުގައި ވުން. އުމުރު ގުނުމުގައި ބަލާނީ، މިސްކީމަށް ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚަށެވެ.

  3. މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15  އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)

  4.  އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.

  5. އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން)  600  އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ-އެޕްލިކަންޓް).

  6. މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600  އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް  އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ ކޯ-އެޕްލިކަންޓް).

  7. މަހަކަށްޖެހޭ ޖުމުލަ އާމްދަނީ -/60,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި، ކޯ-އެޕްލިކަންޓް ވަކިން).

   ފުލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، އުސޫލު ނަންބަރު 20-ޖީ-2022 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައި ވާނެއެވެ.  

 

މި ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް، ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ، އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ.

       މި މިނިސްޓްރީގެ ނަންބަރ: 4004994 އަށް ގުޅުއްވުމުން މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ.

      

       މިހެންވެ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.

 

އުސޫލުތަކުގެ ލިންކް:

19-ޖީ-2022

https://gazette.gov.mv/gazette/6448

20-ޖީ-2022

https://gazette.gov.mv/gazette/6449

27 ޖޫން 2022
ހޯދާ