މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ޤާނޫނަށް ޢަމަލުކުރުން

ސާރކިޔުލާރ

ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 8/96 (ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2014/ 23 އިން ވަނީ 1 ވަނަ އިޞްލާޙު ގެނެވި 21 އޮގަސްޓު 2014ގައި ޢަމަލުކުރަންފަށާފައެވެ. އަދި މި އިޞްލާޙުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

ތިރީގައި ދަންނަވާފައި މިވަނީ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކެވެ.

  • ޤާނޫނުގެ 2 ވަނަ މާއްދާގެ އިޞްލާޙު:

ކަނޑުގައި އުފެދޭ ތަކެއްޗާއި، ކަނޑައެޅިގެން ވެރިޔަކު އެނގޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެންމެހައި ތަކެއްޗަކީ ދައުލަތުގެ ތަކެއްޗެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްޗެއްގެ ވެރިފަރާތް އެނގުނު ނަމަވެސް އެތަކެއްޗާމެދު އެހެން ޤާނޫނަކުން ވަކި ގޮތަކަށް ކަނޑައެޅިފައިވާނަމަ، އެ އެއްޗަކާމެދު ޢަމަލުކުރާނީ އެ ޤާނޫނެއްގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިންނެވެ.

  • ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ އިޞްލާޙު:

މި ޤާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބުނެފައިވާ އެއްޗެއް ހޮވައިގެން ގެނެސްފިނަމަ، ދައުލަތުގެ ކަމާބެހޭ ފަރާތަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އިޢުލާނު ކުރަންވާނެއެވެ. އަދި އެފަދަ މުދަލެއްގެ ޝަކުވާއެއް ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައިވޭތޯ ބަލަންވާނެއެވެ. މިކަން ފުރަތަމަ އިޢުލާނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަނާޅައިފިނަމަ، އެ އެއްޗެއްވާނީ ދައުލަތުގެ އެއްޗަކަށެވެ. އަދި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަހެޅުމަށްފަހު އެ އެއްޗަކާ ޙަވާލުނުވިނަމަވެސް، އެ އެއްޗެއް ވާނީ ދައުލަތުގެ އެއްޗަކަށެވެ. މިކަން ކަން ނިންމާނީ ޝަރީޢަތުންނެވެ.

ވީމާ، ލަނގުވާ ތަކެއްޗާއި ހޮވާތަކެއްޗާމެދު ޢަމަލުކުރެއްވުމުގެ ކުރިން ވަގުތު އޮއްވައި މި މިނިސްޓްރީއަށް ލިއުއްވައި މި މިނިސްޓްރީން އެތަކެއްޗާމެދު ޢަމަލުކުރައްވަންވީ ގޮތެއް ދަންނަވަންދެން އެފަދަ ތަކެއްޗާމެދު ވަކިގޮތަކަށް ޢަމަލު ނުކުރެއްވުމަށް ދަންނަވަމެވެ.

6 ޛުލްޤަޢިދާ 1435 

01 ސެޕްޓެންބަރު 2014
ހޯދާ