ދިވެހިރާއްޖެ
ސާކް ޔޫތު އެވޯޑް 2014: ސާކް ޔޫތު އެވޯޑް 2014: " ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ "
ސުރުޚީގައިއެވާ އެވޯޑަށް ނަން ހުށަހެޅުމަށް 19 މޭ 2014 ގައި ކުރެވުނު ނަންބަރު IUL)141-YC/1/2014/163)ފ(19 މޭ 2014) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އަދި ސާކް ސެކްރެޓޭރިއަޓުން ވަނީ އަލުން ނަން ހުށަހެޅުމަށް ފުރުޞަތު ދެއްވާފައެވެ. އެހެންކަމުން، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ސާކް ޔޫތު އެވޯޑަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) އިން 1996 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޒުވާނުންގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މިއެވޯޑް ދެވެނީ އަހަރަކަށް ކަނޑައެޅިފައިވާ ޝިޢާރާ ގުޅޭ، ސާކުގެ މެމްބަރު ޤައުމުތަކުގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުންނަށެވެ. މިގޮތުން، މިއަހަރުގެ ޝިޢާރަކީ "ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ" އެވެ. އަދި މިއަހަރުގެ އެވޯޑް ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނަށެވެ.
މިއެވޯޑަށް ހޮވޭ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ސާކުގެ ރަން މެޑަލްގެ އިތުރުން، US$3000 (ތިންހާސް އެމެރިކާ ޑޮލަރު) އަދި ހަނދާނީ ލިޔުމެއް ސާކް ސެކްރެޓޭރިއަޓްގެ ފަރާތުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެވޯޑަށް ހޮވޭ ފަރާތްތައް އެވޯޑް ޙަފްލާއަށް ދިއުމާއި އެނބުރިއައުމުގެ ޚަރަދު ސާކުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުރުމުގެ އެލަވަންސް ވެސް ވަނީ އެފަރާތުން ދޭގޮތަށް ނިންމާފައެވެ.
މިއެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 25 ސެޕްޓެންބަރު 2014 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ލިބިވަޑައިގަންނަވާނީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން (ވެލާނާގޭގެ 3 ވަނަ ފަންގިފިލާ)، ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިންނެވެ. އިތުރު މަޢުލޫމާތު ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަދި 3332069 ފޯނުންނެވެ.
21 ޛުލްޤަޢިދާ 1435