ދިވެހިރާއްޖެ
ތަޢާރަފް:
މި އުޞޫލަކީ އޭދަފުށީގައި އަޅާފައިވާ ޓާރފް ފުޓްބޯޅަ ދަނޑު ރަގަނޅު ގޮތުގައި ބޭނުންކުރުމަށާއި،ފުޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއިއެކު ތަރުބަވީ ގޮތެއްގައި ފުޓްބޯޅަކުޅޭ ޒުވާނުން އިތުރުކޮށް ފުޓްބޯޅައިގެ ހުނަރު ކުރިއަރުވައި ތަރައްޤީކޮށް ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރިއާއި ޖޯޝް އިތުރު ކުރުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ އުޞޫލެކެވެ.
- ޓާރފް ދަނޑު ދޫކުރެވޭނީ އެކުލަވާލެވޭ ތާވަލެއްގެ ދަށުން ބަޔާންކުރެވިފައިވާ ގޮތަށެވެ.
- ކަމިޝަނަރ އޮފް ސްޕޯރޓްސް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތް ފަދަ ފަރާތްތަކަށް.
- އެފް އޭ އެމް އިން ރާވާ ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކަށް.
- އޭދަފުށީ ކައުންސިލުން ހުއްދަދީގެން ހިންގާ ފުޓްބޯޅަ އެކަޑަމީ ތަކަށް.
- އޭދަފުށީގައިހުރި ސަރުކާރުގެ އޮފީސްތަކާ،ސަރުކާރު ޙިއްޞާވާ ކުންފުނި ފަދަ ފަރާތްތަކަށް.
- ޓާރފް ދަނޑު ދޫކުރުމުގައި އެވަގުތަކު އެންމެ މުހިއްމުކަން ދީގެން ކުރިއަށްގެންދަންހުރި ޕްރޮގްރާމްތަކަށް އިސްކަންދީ އަދި އެ ޕްރޮގްރާމްތައް ހިންގުމަށް ދަތިނުވާނޭ ގޮތަކަށް ކަންކަން ރޭވުން.
- ޓާރފް ދަނޑު ފުޓްސަލް ކުޅުމަށާއި، ފުޓްސަލް މުބާރާތްތައް ބާއްވަން ދުލެއް ނުކުރެވޭނެއެވެ.
- އޭދަފުށި ތަމްސީލްކުރަން މުބާރާތެއްގައި ބައިވެރިވެފައިވާ ޓީމްއަކުން ޕްރެކްޓިސް މެޗް ކުޅުމަށް އެއްވެސް އަގަކާއި ނުލައި ދަނޑު ދޫކުރެވޭނެއެވެ. ނަމަވެސް ރޭގަނޑު ދަނޑު ދޫކުރެވޭނީ (2 ގަޑިއިރަށް) -/1200 (ބާރަސްތޭކަ ރުފިޔާ) އަށެވެ.
- އޭދަފުށީގެ ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން އިންތިޒާމް ކޮށްގެން ރަށުފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކަށް ތައްޔާރުވާ ޓީމްތަކުގެ ޕްރެކްޓިސްއަށް ޓާރފް ދަނޑު ދޫކުރެވޭނީ އެ މުބާރާތެއްގައި އެކްލަބަކުން ނުވަތަ އެ ޖަމްޢިއްޔާ ޖަމާއަތަކުން ބައިވެރިވެފައިވާ ކަމުގެ ލިޔުމެއް އޭދަފުށީ ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި މިފަދަ ފަރާތްތަކަށް ދުވާލުގެ ވަގުތު ތަކުގައި ޓާރފް ދަނޑު ދޫކުރެވޭނީ އެއްވެސް ފީއެއް ނެގުމަކާ ނުލައެވެ. ރޭގަނޑު (2 ގަޑިއިރަށް) -/1200 (ބާރަސްތޭކަ ރުފިޔާ) އަށެވެ.
މުބާރާތްތަކަށް ދަނޑު ދޫކުރުން.
- މުބާރާތްތައް ބޭއްވުމަށް ޓާރފް ދަނޑު ދޫކުރެވޭނީ ކަމިޝަނަރ އޮފް ސްޕޯރޓްސް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައި ރެޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ތަކަށެވެ.
- މުބާރާތް ބޭއްވުމަށް ޓާރފް ދަނޑު ބޭނުންވެއްޖެ ހިނދެއްގައި އެކަމަށްއެދި މަދުވެގެން 2 މަސްދުވަހުގެ ކުރިން ބާއްވަން ބޭނުންވާ މުބާރާތަކާބެހޭ މަޢުލޫމާތު ބަޔާންކޮށް އޭދަފުށީ ކައުންސިލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
- ބ.އަތޮޅު ތަޢުލީމީ މަރުކަޒުން ބާއްވާ އިންޓަރހައުސް ފުޓްބޯޅަ މުބާރާތަށް އެއްވެސް އަގަކާއި ނުލައި ދަނޑު ދޫކުރެވޭނެއެވެ.
- އެކިއެކި މުބާރާތްތައް ބޭއްވުމަށް ޓާރފް ދަނޑު ދޫކުރެވޭނީ ދުވާލު މެޗަކަށްނަމަ -/300 (ތިންސަތޭކަ ރުފިޔާ) އަދި ރޭގަނޑު މެޗަކަށްނަމަ -/1200 (ބާރަސްތޭކަ ރުފިޔާ) ގެ ފީއަކަށެވެ. އަދި މުބާރާތް ފެށުމުގެ ކުރިން މިފައިސާ ކައުންސިލަށް ދައްކަންވާނެއެވެ.
- ރަށުން ބޭރުގެ ކްލަބް،ޖަމިއްޔާ،ޖަމާޢަތް ފަދަ ތަންތަނުން މުބާރާތްތައް ބޭއްވުމަށް ނުވަތަ ފަރިތަކުރުންތަކެއް ކުރިޔަށް ގެންދިއުމަށް ޓާރފް ދަނޑު ދޫކުރެވޭނީ އެކަމަށް އެދި އޭދަފުށީ ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ. އަދި މިގޮތަށް ދަނޑު ދޫކުރެވޭނީ ދުވާލު މެޗަކަށް -/450 ހަތަރުސަތޭކަ ފަންސާސް ރުފިޔާއަށެވެ. ރޭގަނޑު މެޗަކަށްނަމަ -/ 1500 (ފަނަރަސަތޭކަ ރުފިޔާ) އަށެވެ.
- ޓޫރިސްޓް ރިސޯޓަކުން ނުވަތަ ޓޫރިސްޓް ގެސްޓް ހައުސް އަކުން މުބާރާތެއް ބާއްވަން ނުވަތަ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ބޭނުންވެއްޖެނަމަ ދަނޑު ދޫކުރެވެނީ ދުވާލު މެޗެއްނަމަ -/1000 އެއްހާސް ރުފިޔާ އަށެވެ. އަދި ރޭގަނޑު މެޗެއްނަމަ -/2000 ރުފިޔާ އަށެވެ. ރަށުގެ ޖަމްޢިއްޔާއަކާއި ގުޅިގެން ބާއްވާ ނަމަވެސް ދަނޑު ދޫކުރެވޭނީ މިމާއްދާގެ ދަށުންނެވެ.
- ރާއްޖޭން ބޭރުގެ ޓީމަކަށް ފުޓްބޯޅަ ޓްރޭނިންގ ކޭމްޕެއް ބޭއްވުމަށް ޓާރފް ދަނޑު ދޫކުރެވޭނީ ޕްރެކްޓިސް ސެޝަނަކަށް (2ގަޑިއިރުގެ) -/200 ދުއިސައްތަ ޑޮލަރަށެވެ.
- ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏަކުން ފުޓްބޯޅަ ނޫން އެހެން ޚާއްޞަ ޙަރަކާތެއް ބޭވުމަށް ޓާރފް ދަނޑު ދޫކުރެވޭނީ ހިންގާ ޙަރަކާތެއްގެ ސަބަބުން ދަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ ފަދަ ހަރަކާތް ހިންގުމަށެވެ.
- އަމިއްލަ ފަރާތަކުން ޓާރފް ދަނޑުގައި ފުޓްބޯޅަނޫން އެހެން ޙަރަކާތެއް ހިންގަން ދަނޑު ދުލެއް ނުކުރެވޭނެއެވެ.
- ޓާރފް ދަނޑު ބޭނުންކުރަން ހުއްދަދެވޭނީ ޓާރފް ދަނޑު ބޭނުން ކުރުމާބެހޭ އިގްރާރުގައި ސޮއިކުރުމުންނެވެ.
- މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ އޭދަފުށީ ކައުންސިލުންނެވެ.
..................................
ނޯޓް: މިއީ، "އޭދަފުށީ ޓާރފް ދަނޑު ދޫކުރާ ގޮތުގެ ޢާއްމު އުސޫލް" އަށް ގެނެވުނު ފުރަތަމަ 1 (ފުރަތަމަ) އިޞްލާހެވެ. މިއިޞްލާހް ފާސްކުރެވިފައިވަނީ 18 މެއި 2022 ވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ 04 ވަނަ ދައުރުގެ 46 ވަނަ ޢާއްމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 07 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންގެ އިއްތިފާޤުންނެވެ.