ދިވެހިރާއްޖެ
އިޢުލާނު
ދިވެހިރާއްޖޭގެ ބޯހިމެނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު 20 ން 27 އަށެވެ. ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބިދޭސީން ހިމަނަން ޖެހެއެވެ. ބޯހިމަނާ މުއްދަތުގައި މި މިނިސްޓްރީގެ ފަރާތުން ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި އެހެނިހެން ޞިނާޢީ މަސައްކަތްތައް ހިންގުމަށް ދޫކުރެވިފައިވާ ފަޅުރަށްރަށުގައި ދިރިއުޅޭ ދިވެހިންނާއި، ބިދޭސީންގެ ބޯހިމެނުން ކުރިއަށް ގެންދާނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
ބޯހިމެނުމުގައި މަސައްކަތް ކުރެވެނީ، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހިންގޭ، ގަވާއިދު ނަންބަރު 2013/R-4 "ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވާއިދު 2012"ގެ ދަށުންނެވެ. މި ގަވާއިދުގައި ވާގޮތުން ބޯހިމެނުމުން ނެގޭ ވަކިވަކި ފަރުދުންނާއި ވަކިވަކި އެމްޕްލޯޔަރުން، އަދި ކުންފުނި ފަދަ ވަކިވަކި ތަންތަނުގެ ފެންވަރުގައި އެއްކުރެވޭ މަޢުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތެކެވެ. މި މަޢުލޫމާތު ޤާނޫނީ އެއްވެސް މައްސަލައެއްގައި ބޭނުމެއް ނުކުރެވޭނެއެވެ. ބޯހިމެނުމުގައި އެއްވެސް ބިދޭސީއެއްގެ ފަރާތުން އެއްވެސް ރަސްމީ ޑޮކިޔުމެންޓެއްވެސް ބޭނުމެއް ނުވާނެއެވެ.
ވީމާ، މި މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށާއި މަސްވެރިކަން ކުރުމަށާއި އެހެނިހެން ޞިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތައް ގެންގުޅުއްވާ ފަރާތްތަކުން ބޯހިމެނުމުގެ މަސައްކަތް ކުރާ ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ވަޒީފާދޭ ފަރާތްތަކުން ޖެހިލުންވެވަޑައިނުގެން ރަށުގައި ދިރިއުޅޭ ހުރިހާ ފަރުދުންގެ މަޢުލޫމާތު ތެދުވެރިކަމާއެކު ބޯހިމަނާ ޓީމުތަކަށް ޙިއްޞާކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
އަދި ބޯހިމެނުމުގެ މަސައްކަތް ރޭވުމަށްޓަކައި، 17 ސެޕްޓެންބަރުގެ ކުރިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަންބަރު 3349436 ނުވަތަ 33494480 އަށް ގުޅުއްވައި މިރަށްރަށުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ އަންދާޒާއެއް ދެއްވުމަށް ދަންނަވަމެވެ. ބޯހިމަނާ މުއްދަތުގައި މިފަދަ ރަށްރަށުގެ ބޯހިމެނުމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މާލޭގެ ބޯހިމަނާ މައި މަރުކަޒުގެ ނަންބަރު 7835064 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
19 ޛުލްޤަޢިދާ 1435