ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މިއޮތޯރިޓީ ގުޅިގެން ސިލްސިލާކޮށް ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދާ "އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް" މި ސެޕްޓެންބަރު މަހު ވެސް ވަނީ ބޭއްވުމަށް ހަމަޖެހިފައެވެ. ނަމަވެސް ކުރިން މި ވާރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު މިހާރުވަނީ ފަސްކުރެވިފައެވެ.
މި ވާރކްޝޮޕް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (MIB) އާއި އަމާނާތަކާފުލް މޯލްޑިވްސް (ATM) އިން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ މި ވާރކްޝޮޕް ކުރިއަށް ގެންދާނީ ދިވެހިބަހުންނެވެ. އަދި މި ވާރކްޝޮޕްގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
މި ވާރކްޝޮޕްގައި އަލިއަޅުވާލެވޭނެ މައިގަނޑު ބައިތަކަކީ އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސާ ހުރި ތަފާތުތަކަށެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގ އާއި ތަކާފުލް އަދި އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހާލަތަށާއި އަދި އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަށްވެސް އަލިއަޅުވާލެވޭނެއެވެ. މި ވާރކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ މި އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރ ޑރ. ޢާއިޝަތު މުނީޒާއެވެ.
މިވާރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އައި.ޑީ ކާޑުގެ ކޮޕީ އަދި ގުޅޭނެ ނަންބަރާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014104/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޛުލްޤަޢިދާ 1435